ޚަބަރު

ސީލައިފް ފްލެޓް ގަތް މީހުންނަށް "ވިނަރެސް"އިން ފުރުޞަތު ހުޅުވާލައިފި


ސީލައިފްއިން ފްލެޓް ގަތުމަށް ފައިސާދެއްކި މީހުންނަށް ސަރުކާރުގެ ހައުސިން ޕްރޮޖެކްޓް "ވިނަރެސް"އިން އެޕަރޓްމަންޓް ގަތުމުގެ ފުރުޞަތު އެޗްޑީސީން ހުޅުވާލާއިފިއެވެ.

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް 3000ހައުސިންގ ޔުނިޓްގެ މަޝްރޫޢުއެއް އިޢުލާންކުރީ 2016 ވަނަ އަހަރުއެވެ. އަދި އޭރު މި ޕްރޮޖެކްޓުން ފްލެޓް ގަތުމަށް ގިނަ ބަޔަކު ފްލެޓަށް ފައިސާވެސް ދެއްކިއެވެ. ނަމަވެސް ދިގުމުއްދަތެއްވެ، ފްލެޓްގެ މަސައްކަތް ނުނިމި ޕްރޮޖެކްޓްގައި ބައިވެރިވި މީހުންނަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.

ފްލެޓް ގަނެ ފައިސާދެއްކި 200 އެއްހާ މީހުން ސީލައިފާ ދެކޮޅަށް އެ މައްސަލަ ސިވިލް ކޯޓަށްވެސް ހުށައެޅިއެވެ. މިކަމާއި ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދަނީ، ސީލައިފް ފްލެޓަށް ފައިސާ ދެއްކި އާއިލާތަކަށް އިތުރު ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި ވަނީ މައްސަލަ ޙައްލުކުރިއެވެ.

ސަރުކާރުގެ އެހެން މަޝްރޫޢުއަކުން ފްލެޓް ދިނުމުގެ އެއްބަސްވުމުގެ ދަށުން މިހާރު އެޗްޑީސީން ވަނީ، ސަރުކާރުގެ "ވިނަރެސް" މަޝްރޫޢިން ފްލެޓްގަތުމުގެ ފުރުސަތު މި ފަރާތްތަކަށް ހުޅުވާލާފައެވެ. ސީލައިފް މައްސަލައިގެ "ސެޓްލްމަންޓްގެ އެގްރިމެންޓް"ގެ ދަށުން ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން އެޗްޑީސީއަށް ލިޔުން ހުށައަޅާ، ފައިސާ ރީފަންޑް ކޮށްދީފައިވާ ފަރާތްތަކަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ވިނަރެސްއިން އެޕަރޓްމަންޓް ގަތުމަށް ޝަޢުގުވެރިވާ ފަރާތްތަކުން މިމަހުގެ 28ވަނަ ދުވަހުގެ 15:30ގެ ކުރިން ރެޖިސްޓަރ ކުރުމަށް އެޗްޑީސީންވަނީ އެދިފައެވެ. އެޗްޑީސިން ވަނީ، ސީލައިފް ފެލްޓް ގަތުމަށް ފައިސާ ދެއްކި ލިޔެކިޔުންތަކާ އަދި ރީފަންޑު ދީފައިވާ ފަރާތްތަކުން އެކަމުގެ ލިޔެކިޔުންތައް ހުށައެޅުމަށް އެދިފައެވެ.

ވިނަރެސް މަޝްރުޢޫގައި 1344 ހައުސިންގ ޔުނިޓް ހިމެނެއެވެ. އެއީ މުޅިންވެސް 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. މީގެތެރޭގައި 4 ބާވަތެއްގެ ހައުސިންގ ޔުނިޓްތައް ހިމެނެއެވެ. އަދި މި އެޕަރޓްމަންޓްގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ.

ހިޔާ ޔުނިޓްތައް ދޫކޮށްލާ މީހުންވެސް "ވިނަރެސް" ޕްރޮޖެކްޓުން ފްލެޓް ގަތުމުގެ ފުރުޞަތު އެޗްޑީސީން ހުޅުވާލިއެވެ.