ރިޕޯޓް

ގަމުގައި ސީޕްލޭންގެ ޚިދުމަތް ފެށުމަށް ހަދަންޖެހޭ ސާވޭ ނިމިއްޖެ


އައްޑޫ ސިޓީ ގަމުގައި ސީޕްލޭންގެ ޚިދުމަތް ފެށުމަށްޓަކައި ހަދަންޖެހޭ ޓެކްނިކަލް ސާވޭގެ މަސައްކަތާއި، ސީޕްލޭން ރަންވޭގެ ފަޅު ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ހާމަކޮށްފިއެވެ. ގަމުގައި ސީ ޕްލޭންގެ ޙިދުމަތް ތަޢާރަފުކުރުމަކީ 2013 ވަނަ އަހަރުގެ ތެރޭގައި އިޢުލާންކުރެވިގެންދިޔަ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަޙުމަދު ސަޢީދު ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ އަންނަ އަހަރުގެ ކުރީކޮޅު ގަމުގައި ސީޕްލޭންގެ ޚިދުމަތް ތަޢާރަފުވެގެން ދިޔުންކަމަށާއި، އެކަމުގެ މަޝްވަރާތައް އައިލެންޑް އޭވިއޭޝަނާއެކު އެކުންފުނިން ކުރައްވަމުންދާކަމަށެވެ. އަދި އެކަމަށް ބޭނުންވާ ޓެކްނިލް ސާވޭގެ މަސައްކަތް ނިމި، ސީޕްލޭން ރަންވޭ ހެދުމަށް ބޭނުންވާ ފަޅު 5 މީޓަރަށް ފުންކޮށް، ވޯޓަރ ރަންވޭ ޕްލެޓްފޯމް އެޅުމަށް ތައްޔާރުކުރެވިފައިވާކަމަށް އިބްތިޝާމާ ވިދާޅުވިއެވެ. މީގެ އިތުރުން އިބްތިޝާމާ ވިދާޅުވީ، އައްޑޫ ސިޓީއަށް ސީޕްލޭންގެ ޚިދުމަތް ތަޢާރަފުވުމާއެކު ގއ. އަދި ގދ.ގެ ރިސޯޓްތަކަށް ގަން އެއަރޕޯޓް މެދުވެރިކޮށް ދަތުރުކުރުމަށް ލުއިފަސޭހަ ވެގެންދާނެކަމަށެވެ. އަދި މި މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލެވުމުން އައްޑޫ ސިޓީގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީވެ، ވަޒީފާގެ އިތުރު ފުރުސަތުތަކެއްވެސް ހުޅުވިގެންދާނެކަމަށެވެ. މީގެ ސަބަބުން ވަޒީފާ އަދި އާމްދަނީ ހޯދުމަށް މާލެ އަދި ދުރުހިސާބަށް ހިޖުރަކުރާ ފަރާތްތައް މަދުވެ، ރާއްޖޭގެ އިޤްތިޞާދަށްވެސް ހެޔޮ ބަދަލުތަކެއް ކުރާނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް އިބްތިޝާމާ ވިދާޅުވިއެވެ. އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ބުނީ، އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓެކޭ އެއް ފެންވަރަކަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައިވެސް ސީޕްލޭންގެ ޙިދުމަތް ދެވިގެންދިޔުން އެއީ އެކުންފުނީގެ އަމާޒެއްކަމަށެވެ. އަދި މިހާރު މަސައްކަތުގެ ސްޕީޑް ދާ މިންވަރަށް ބަލާނަމަ، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި، ގަމުގައި ސީޕްލޭންގެ ޚިދުމަތް ތަޢާރަފުކުރެވިގެންދާނެކަމަށް އެ ކުންފުނިން މަޢުލޫމާތުދެއްވައެވެ.