ޒުވާނުންގެ ދުވަހާ ގުޅިގެން ކުޅުދުއްފުށީގައި ބޭއްވި ލައިފް ސްކިލް ވޯކްޝޮޕް ނިންމާލައިފިއެވެ.
މިމަހުގެ ފަނަރައިން ނަވާރަޔަށް ކުޅުދުއްފުށީގައި ކުރިޔަށް ގެންދިޔަ ލައިފް ސްކިލް ވޯކްޝޮޕްގެ ސެޝަންތައް ނިންމާ 15 ދަރިވަރަކު ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ. 5 ދުވަހުގެ މުއްދަތަށް ކުރިޔަށްދިޔަ މި ވޯކްޝޮޕްގެ ސެޝަންތައް ނަގައިދީފައިވަނީ ދެދަން ފަޅިއަކަށް ބަހާލައިގެންނެވެ. މި ސެޝަންތައް ނަގައިދީފައިވަނީ ލައިފް ސްކިލް މާސްޓަރ ޓްރެއިނާ އައިމިނަތު ރަޝީދާ އާއި ލައިފް ސްކިލް ފެސިލިޓޭޓަރ ހިދާޔާ މުހައްމަދު ޒާހިރުއެވެ.
ލައިފް ސްކިލް މާސްޓަރ ޓްރެއިނާ އައިމިނަތު ރަޝީދާ ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ޒުވާނުންނަށް އަމާޒް ކޮށްގެން ބޭއްވުމުގެ މަޤްސަދަކީ ދިރިއުޅުމުގައި ދިމާވާ ކަންކަމާ ކުރިމަތިލާނެ ގޮތްތަކާއި އެކަންތައްތައް ދެނެގަންނާނެ ގޮތް އޮޅުން ފިލުވާދިނުން ކަމަށެވެ. އަދި މީގެ އިތުރުންވެސް ގިނަ ކަންތައްތަކެއް މި ވޯކްޝޮޕްގެ ބައިވެރިންނަށް އެގިގެންދާނެ ކަމަށް އައިމިނަތު ރަޝީދާ ވަނީ ފާހަގަ ކުރައްވާފައެވެ.
ލައިފް ސްކިލް ވޯކްޝޮޕްގެ ބައިވެރިން ބުނީ މިއީ ވަރަށްވެސް މުހިންމު ވޯކްޝޮޕެއް ކަމަށެވެ. މި ވޯކްޝޮޕުން ނޭގޭ ވަަރަށްގިނަ މައުލޫމާތު ތަކެއް ލިބިގެން ހިގައްޖެ ކަމަށާއި އެގޮތުން މީހާ ޑިޕްރެޝަނަށް ދިއުމުން ކަންތައް ކުރާނެ ގޮތާއި މާބޮޑަށް ރުޅިގަދަވުމުން ކުރެވިދާނެ ކަންތައްތަކާއި ހާސްވެ ކަންބޮޑުވުމުން ކުރެވިދާނެ ކަންތައް މި ވޯކްޝޮޕުން އެނގިގެން ދިޔަކަމަށެވެ. އަދި މީހުންގެ ތެރޭގައި ގުޅިގެން އުޅެންވެސް ދަސްވެގެން ދިޔަ ކަމަށެވެ.
ޔޫތު މިނިސްޓްރީއާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން މިއަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީގައި ގިނަ ހަރަކާތް ތަކެއް އަންނަނީ ބާއްވަމުންނެވެ. އެގޮތުން މިދުވަހާ ގުޅިގެން މިއަދުވެސް ވަނީ ގިނަ ހަރަކާތް ތަކެއް ކުރިޔަށް ގެންގޮސްފައެވެ.