ޚަބަރު

100 ކިލޯ ޑްރަގް އޮޕަރޭޝަން: ދޫކޮށްލި ދެމީހުންގެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައިފި


ރާއްޖެއަށް 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރާ ދެމީހުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.

100 ކިލޯ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ފުލުހުން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 2 މީހުން ދޫކޮށްލުމަށް ކޯޓުން ނިންމެވި މައްސަލަ އިސްތިއުނާފު ނުކުރަން ނިންމިކަން ހާމަކޮށް ޕީޖީ އޮފީހުން ވަނީ މިމައްސަލަ އިސްތިއުނާފު ނުކުރަން ނިންމި ސަބަބުވެސް ހާމަކޮށްފައެވެ.

މި ނިންމުން ބިނާވަނީ ތިރީގައިވާ ސަބަބުތަކުގެ ތެރޭގައި ހައިކޯޓު މަރުޙަލާގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެތީއާއި، ދަށުކޯޓަށް ހުށަހެޅި ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފު ކޮށްގެން ވަކި ތަފާތު ނަތީޖާއެއް ނެރެވިދާނެކަމަށް ނުފެނުމާއި، މި ދެމީހުންގެ މައްޗަށް އިތުރު ހެކި ޤަރީނާ ހޯދިއްޖެނަމަ ހައްޔަރުކުރުމުގެ އައު އަމުރަކަށް އެދި ދަށުކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެތީ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިމަހުގެ 13ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ޑްރަގް އިންޓެލިޖަންސް ޔުނިޓާއި މެރިން ޕޮލިސް، ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން 2 މީހަކު ވަނީ ދޫކޮށްފައެވެ. މިމައްސަލާގައި ހައްޔަރުކުރި 8 މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ 5 ދުވަސް ދީފައެވެ.

މިމީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓައެވެ. މި އޮޕަރޭޝަންގައި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ އެހީތެރިކަން ލިބިގެންގޮސްފައިވާކަން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ފާހަގަ ކުރެއެވެ.