ދުނިޔޭގެ ވިޔަފާރި

ތިންވަނަ ކުއާޓަރުގައި ޗައިނާގެ އިޤްތިސާދީ ދުވެލި ދަށަށް


ޗައިނާގެ އިޤްތިސާދީ ދުވެލި މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ދަށްވެފައިވާ ކަމަށް އެޤައުމުގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްްސް، އެން.ބީ.އެސް އިން ހާމަކޮށްފިއެވެ.

އެންބީއެސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ 3 ވަނަ ކުއާޓަރުގައި އެޤައުމުގެ އިޤްތިސާދު ކުރިއަރާފައިވަނީ 4.9 އިންސައްތައަށެވެ. މިއީ މިކުއާޓަރުގައި އިޤްތިސާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި އަދަދަށްވުރެ ވެސް ދަށް އަދަދެކެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޗައިނާގެ އިޤްތިސާދު ކުރިއަރާފައިވަނީ 18.3 އިންސައްތައަށެވެ. އަދި ދެވަނަ ކުއާޓަރުގައި މި އަދަދު ހުރީ 7.9 އިންސައްތައިގައެވެ.

ކޯވިޑްގެ ކޭސްތައް ފެންނަމުން ދިޔުމުން އަޅަމުންދާ ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުންނާއި، ފެކްޓްރީތަކުން ކަރަންޓު ކަނޑައިގެން ދިޔުމުގެ ހާދިސާތައް އިތުރުވެފައިވުމަކީވެސް އެޤައުމުގެ އިޤްތިސާދު ކުރިއަރާ ދުވެލި ދަށްވުމަށް މެދުވެރިވި ސަބަބުތަށް ކަމަށް އިޤްތިސާދީ މާހިރުން ދެކެއެވެ.

ޗައިނާއިން ވަނީ 2060 ވަނަ އަހަރު އަންނަންވާއިރަށް ކާބަން ނިއުޓްރަލް ޤައުމަކަށްވުމަށް އަމާޒް ހިފާފައެވެ. މި އަމާޒް ހާސިލްކުރުމަށް އެޤައުމުގެ ސަރުކާރުންދަނީ އެކި ޕްރޮވިންސްތަކުން ކާބަން ބޭރުކުރާ މިންވަރު މަދު ކުރުމަށް ބާރު އަޅަމުންނެވެ. މިއާއެކު ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ކަރަންޓު ކަނޑައިގެން ދިޔުމުގެ ހާދިސާތައްވަނީ މިފަހުން އިތުރުވެފައެވެ. މިކަމުގެ ސަބަބުން ކާރުޚާނާތައް ބަންދުކުރަން ޖެހި، މަސައްކަތްތައް ހުއްޓާލައިގެން ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހެއެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ޗައިނާގެ އިޤްތިސާދުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ރީޓެއިލް ވިޔަފާރީގެ ދާއިރާއެވެ. މީގެ ސަބަބެއް ކަމަށް ބެލެވެނީ ވިޔަފާރި ކުރުމަށް ފިހާރަތަކަށް ދާ މީހުންގެ އަދަދުތައް އިތުރުވުމެވެ.