ވިޔަފާރި

ކޯވިޑަށްފަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިމަހުގެ 16 ވަނަ ދުވަހު


ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ އަނެއްކާވެސް އައު ރެކޯޑެއް ހަދައިފިއެވެ. މި ރިކޯޑް ހަދާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. މިއީ ކޯވިޑަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް 6197 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ ބޯޑަރު ހުޅުވާލިފަހުން މިހާގިނަ ފަތުރުވެރިން އެއް ދުވަހެއްގައި ރާއްޖެ އައި ފުރަތަމަ ފަހަރެވެ. މީގެކުރިން މި ރިކޯޑް އޮތީ މިދިޔަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ 6083 އެވެ.

ކޯވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. ބޯޑަރު ހުޅުވާލީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ. އޭރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 ފަތުރުވެރިން ރާއްޖެއަށް ނާދެއެވެ. ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި އިދާރާތައް ގުޅިގެން ކުރި މަސައްކަތުން މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޯޑަރު ހުޅުވާލި ދުވަސްވަރާއި އަޅާބަލާއިރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4022 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

މިއަހަރު ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. މި އަދަދުގެ 90 އިންސައްތަ މިހާތަނަށް ހާސިލް ކުރެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ދާދިފަހުން ވަނީ ބުނެފައެވެ. އެހެންކަމުން އަހަރުގެ ބާކީއޮތް ތަނުގައި 1 މިލިއަންގެ ޓާގެޓް ފަހަނައަޅައި ދާނެކަމަށް ބެލެވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 92،3146 ވުރެ ގިނަ ފަތުރުވެރިންވަނީ އައިސްފައެވެ. ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މިހާތަނަށް ރާއްޖޭގައި 890 ތަނެއް ވަނީ ހުޅުވާފައެވެ. މިއީ 51،182 އެނދު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.