ރިޕޯޓް

ޒުވާނުންގެ ދުވަހާ ގުޅިގެން ކުޅުދުއްފުށީގައި ބޭއްވި ޓްރައިތްލޯން ކާމިޔާބުކަމާއެކު ނިންމާލައިފި



ޒުވާނުންގެ ދުވަހާއި ގުޅިގެން ކުޅުދުއްފުށީގައި ބޭއްވި ޓްރައިތްލޯން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މިޓްރައިތްލޯންގައި ޖުމްލަ 10 ޓީމު ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން ބައިން 7 ޓީމާއި އަންހެންބައިން 3 ޓީމެވެ.

މި ހަރަކާތް ފެށީ ކުޅުދުއްފުށީ ބަނދަރު ސަރަހައްދުންނެވެ. މި ޓްރައިތްލޯންގެ ފުރަތަމަ ބައެއްގެ ގޮތުގައި ކުރިއަށްގެންގޮސްފައިވަނީ ފެތުމުގެ ރޭހެކެވެ. އެއާއި ވިދިގެން ބަރޯ ރޭހަކާއި ބައިސިކަލް ރޭހަކާއި ދުވުމުގެ ރޭހެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް ނިންމުން އޮތީ ކުޅުދުއްފުށީ ސްޓޭޑިއަމް ސަރަހައްދަށެވެ.

މި ޓްރައިތްލޯންގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ޝަރީފް ސްޕޯޓްސްއިންނެވެ. ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޝަރީފް ސްޕޯޓްސްއިން ހޯދީ 14 މިނެޓު 27 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިކެޓަގަރީގެ ދެވަނައަށް ދިޔަ ނިއު އޭޖް އެސްއިން ރޭސް ނިންމީ 15 މިނެޓު 20 ސިކުންތުންނެވެ.

އަންހެން ކެޓަގަރީން ޗެމްޕިއަންކަން ޝަރީފް ސްޕޯޓްސްއިން ހޯދީ 19 މިނެޓާއި 44 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަދި ރަނަރަޕްކަން ހޯދި ބީޓް ޓީމުން އިވެންޓް ނިންމީ 24 މިނެޓު 59 ސިކުންތުންނެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަސް ގައުމީ ފެންވަރުގައި ކުޅުދުއްފުށީގައި ފާހަގަކުރުމުގެ ގޮތުން ޔޫތު މިނިސްޓްރީއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

އެގޮތުން ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން" ޕޭރެންޓިންގ ސެޝަން ވިތް އަނިލް"ގެ ނަމުގައި ކުޅުދުއްފުށީގެ ތިން ސްކޫލްގެ ޕޭރެންޓުންނަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ސެޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޒުވާނުންގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް މިމަހުގެ 23ގެ ނިއަލަށް ކުރިއަށް ދާނެއެވެ.