ވިޔަފާރި

މިލިއަން ފަތުރުވެރިންގެ ތެރެއިން 90 އިންސައްތަ އަތުވެއްޖެ


މިއަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރާ ފަތުރުވެރިންގެ އަދަދުގެ 90 އިންސައްތަ މިހާތަނަށް ހާސިލްކުރެވިފައިވާކަން ޓުއަރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ކޯވިޑަށް ފަހު އަލުން ޓައރިޒަމް ފަށައި ގަތުމާއިއެކު ސަރުކާރުން ވަނީ މިއަހަރު ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ލަފާކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިމަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 92،3146 ވުރެ ގިނަ ފަތުރުވެރިންވަނީ އައިސްފައެވެ. މިއާ އެކު މިއަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކޮށްފައިވާ އަމާޒް ހާސިލްކުރުމަށް ދެން ބޭނުންވަނީ 76854 ފަތުރުވެރިންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4022 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. މި އެވްރެޖްތަކަށް ބަލާއިރު މިއަހަރު އަންނާނެކަމަށް ލަފާކުރި 1 މިލިއަން ފަތުރުވެރިންގެ އަދަދު ކުރިޔަށް 20 ދުވަހުގެ ތެރޭގައި ހާސިލުވާނެއެވެ. އަދި އަހަރު ނިމޭ އިރު ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވެއެވެ.

އަހަރުގެ މިހާތަނަށް ކޮންމެ މަހަކު ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދުތައް

- ޖަނަވަރީ - 92،103 ފަތުރުވެރިން
- ފެބްރުއަރީ - 96،882 ފަތުރުވެރިން
- މާރޗް - 109،585 ފަތުރުވެރިން
- އޭޕްރީލް - 91،200 ފަތުރުވެރިން
- މެއި - 64،613 ފަތުރުވެރިން
- ޖޫން - 56،166 ފަތުރުވެރިން
- ޖުލައި - 101،818 ފަތުރުވެރިން
- އޮގަސްޓް - 143،599 ފަތުރުވެރިން
- ސެޕްޓެމްބަރ - 114،896 ފަތުރުވެރިން
- މިމަހުގެ 13ވަނަ ދުވަހާ ހަމައަށް- 52،284 ފަތުރުވެރިން

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް އަންނަނީ އިންޑިއާ ފަތުރުވެރިންނެވެ. އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 23 އިންސައްތައަކީ އިންޑިއާ ފަތުރުވެރިންނެވެ.

ދެވަނައަށް އެންމެ ގިނަ އަދަަދަކަށް ރާއްޖެއަށް އައިސްފައިވަނީ ރަޝިއާ ފަތުރުވެރިންނެވެ. ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ 19.3 އިންސައްތައަކީ ރަޝިއާ ފަތުރުވެރިންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިން އާއްމުގޮތެއްގައި 8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.