މިހާރު ކުރިއަށްދާ ބ.ދޮންފަނު ބަނދަރު ހެދުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ނިންމާލެވޭނެ މަސައްކަތުގެ ކޮންޓެކްޓަރ ބުނެފިއެވެ.
މި ބަނދަރުގައި ކުރަންޖެހޭ ކޮންކްރީޓާއި ރިވެޓްމަންޓްގެ މަސައްކަތް މިމަހުގެތެރޭގައި ނިންމާލެވޭނެކަމަށް، މަސައްކަތުގެ ކޮންޓެކްޓަރ އެމްޓީ ހޯގާޑުންބުނެއެވެ. އެކުންފުނިން ބުނީ މިމަސައްކަތްތައް ނިންމާލުމަށްފަހު ދެން ކުރިއަށްދާނީ ބަނދަރުގައި ތިލަވެފައިވާ ބައި ފުންކުރުމުގެ މަސައްކަތްކަމަށެވެ.
ދޮންފަނު ބަނދަރު ހެދުމުގެ މަސައްކަތުގެތެރެއިން މިހާރު ކުރިއަށްދަނީ ބަނދަރުގެ ހުޅަނގުފަރާތުން ބޭރު ތޮށީގައި ހިލަޖެއްސުމުގެ މަސައްކަތެވެ. މިމަސައްކަތް ނިމުން އެސަރަހައްދުގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ފެށޭނެކަމަށް އެކުންފުނިން ބުނެއެވެ.
ލަފާ ފުރުމުގެ ދަތިކަން ބޮޑުވެފައި އޮތް ދޮންފަނުގައި ބަނދަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ބޭނުންކުރީ އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު އެރަށު ރައްޔިތުންގެ މަސައްކަތުން މޫދުން ގާހޮވައިގެން ހަދާފައިވާ ބަނދަރެކެވެ. އެމަސައްކަތް ކުރީ 2000ވަނަ އަހަރުއެވެ. 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ބަނދަރަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް އެ ބަނދަރު ހަލާކުވިއެވެ.
ބަނދަރުގެ ދަތިކަމާއެކު ދޮންފަނު ރައްޔިތުން ކުރަމުންދިޔަ ޝަކުވާއަށް ޙައްލެއް ގެންނާނެކަމުގެ ވަޢުދު މިސަރުކާރުންވަނީ ވެފައެވެ. މިވައުދާއެކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހު ބ.އަތޮޅުގެ ތިންރަށެއްގެ ބަނދަރު ހެދުމަށް އެމްޓީ ހޯގާޑާ ހަވާލު ކުރިއެވެ.
އެމްޓީ ހޯގާޑުން ބުނީ މިމަސައްކަތް ކުރުމަށް ލަސްތަކެއް ކުރިމަތިވަމުންދިޔަކަމަށެވެ. އެގޮތުން ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން މަސައްކަތް ފެށުން ލަސްވުމާއި ބޭރުން ގެންނަންޖެހޭ ބައެއް ހިލައާއި ވެހިކަލާއި އޮޕްރޭޓަރުން ނުލިބުމަކީ ދިމާވި ބޮޑެތި ގޮންޖެހުންތައްކަން ފާހަގަކުރިއެވެ. މިހުރިހާކަމަކާ އެކުވެސް ބަނދަރުގެ މަސައްކަތް ފެށިތާ ފަސްމަސްތެރޭގައި ނިންމާލެވިފާކަން އެކުންފުނިން ފާހަގަކުރެއެވެ.
މި މަސައްކަތުގެ އިތުރުން ދޮންފަނުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތްވެސް އެކުންފުންޏާވަނީ ޙަވާލުކޮށްފައެވެ. ދޮންފަނު ގޮނޑުދޮށް ޙިމަޔާތް ކުރުމުގެ މަސައްކަތް ކުރަމުންދާގޮތާމެދު ރައްޔިތުން ހިތްހަމަނުޖެހިގެން އެރަށުން ބަޔަކު ނުކުމެ މި ދިޔަ ހަފްތާތެރޭގައި އެމަސައްކަތް ވަނީ ހުއްޓުވާފައެވެ.
އެރަށު ކައުންސިލްގެ ރައީސް އަހްމަދު އިރުޝާދު ވިދާޅުވީ ރައްޔިތުންބޭނުންވަނީ ބަނދަރާ ޖެހިގެން އޮންނަ ފުޓްސަލް ދަނޑުގެ ބޭރުން އެއްގަމު އުޅަނދު ދުއްވުމަށް މަގެއް އޮންނަ ވަރަށް ރިވެޓްމަންޓް ފުޅާކުރުމަށް ކަމަށެވެ. އެކަންކޮށްދިނުމަށްއެދި ކައުންސިލުން މިނިސްޓްރީގައި ދެންނެވުމުން މިނިސްޓްރީން ވިދާޅުވެފައިވަނީ އެކަންއެގޮތައް ކުރެވެންނެތްކަމަށް ކަމުގައިވެސް އިރުޝާދު ވިދާޅުވިއެވެ.
އެކައުންސިލުން ފޮނުވި ސިޓީގެ ޖަވާބުގައި މިނިސްޓްރީން ވިދާޅުވެފައިވަނީ ރަށުގެ އިރުއުތުރު ފަރާތުން ފަސްގަނޑުގެ ތަންކޮޅެއް އެތެރެއިން ރިވެޓްމަންޓް ޖެހުމަށް ކަނޑައެޅިފައިވަނީ ފަޅުގެ ފުންމިނަށް ބެލުމަށްފަހުގައިކަމަށާ، އެނޫންގޮތަކަށް މަސައްކަތް ކޮށްފިނަމަ ރިވެޓްމަންޓް ޓޯއަށް އަސަރުކޮށް ރިވެޓްމަންޓް ރޫޅިގެން ގޮސްފާނެކަމުގެ ބިރުއޮތުމުންކަމަށެވެ. އެރަށު ރައްޔިތުން ބޭނުންވަނީ މިހާރު ޑިޒައިންކޮށްފައި އޮތް މިނަށްވުރެ 10 ފޫޓް ބޮޑުކުރާށެވެ.
މި މަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ މިމަސައްކަތް ފަށާތާ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
މިރަށު ބަނދަރާއި ގިރާ ސަރަޙައްދު ޙިމާޔަތްކޮށް ނިމުން ދެންމިކުންފުނިން މަސައްކަތް ފަށާނީ ކުޑަރިކުލު ބަނދަރުގެ މަސައްކަތެވެ.