މަގުތައް ތަރައްޤީކުރުމުގެ މަސައްކަތަށް ޚާއްސަކޮށް ވަކި ކުންފުންޏެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 2019ވަނަ އަހަރުގެ ޖޫންމަހުއެވެ.
100% ސަރުކާރު ޙިއްސާވާ ކުންފުންޏެއްގެ ގޮތުގައި "ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން" އުފައްދަވާ، ކުންފުނީގެ މަސައްކަތްތައް ފެށީ 2019ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 15ވަނަ ދުވަހުއެވެ.
އާރްޑީސީގެ ޚިދުމަތަށް ދެ އަހަރު ފުރުނުއިރު ކުންފުނިވެފައިވަނީ، މާލެއާއި އަތޮޅުތަކުގެ ތަރައްޤީގެ މުހިންމު ބައިވެރިއަކަށެވެ. ބޮޑެތި މަޝްރޫޢުތަކުގެ ގޮތުގައި އާރްޑީސީގެ މަސައްކަތްތައް މާލޭގެ އިތުރުން އަތޮޅުތަކުގެ 10ރަށެއްގައި މިހާރުވެސް ދަނީ ކުރިއަށްގެންދަމުންނެވެ.
ކުންފުނިން މިވަގުތު ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫއަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގައި މާލޭގެ މަގުތަކުގައި ހުރި މައްސަލަތައް ޙައްލުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނެއެވެ. ޚާއްސަކޮށް މަގުތަކުގެ އަޑީގައި އަޅާފައިވާ ނެޓްވޯކް ކޭބަލާއި ހޮޅިތައް ތަރުތީބުކޮށް، މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރުން ހިމެނެއެވެ.
މިއީ މާލެ ސަރަޙައްދަށް ޚާއްސަކޮށްގެން ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މާލޭ ސިޓީން މިމަސްތެރޭގައިވަނީ، މާލޭގެ 16މަގެއް ތާރު އަޅައިގެން ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތްވެސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.
މާލޭގެ އިތުރަށް އަތޮޅުތަކުގެ ރަށްތަކުގެ މަގުތައް ހެދުމުގެ ގިނަ މަޝްރޫޢުތައްވެސް ހަވާލުކޮށް ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނެވެ.
މީގެތެރޭގައި ގދ.ގައްދޫ، ށ.މިލަންދޫ، ތ.ތިމަރަފުށި، ޅ.ހިންނަވަރު، ގދ.ތިނަދޫ، ހދ.ކުޅުދުއްފުށި، މ.މުލައް، ރ.ހުޅުދުއްފާރު އަދި ދ.ކުޑަހުވަދޫ ހިމެނެއެވެ. މީގެތެރޭގައި މުޅިންވެސް ހިމެނެނީ ތާރުއަޅައިގެން މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުތަކެވެ. ގދ.ތިނަދުއާއި، ކުޅުދުއްފުށީގެ މަސައްކަތަކީ އެރަށްރަށުގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ.
މީގެއިތުރުން އެ ކުންފުނިންދަނީ ކުދި ޕްރޮޖެކްޓްތައްވެސް ރަށްރަށުގައި ހިންގަމުންނެވެ. އޭގެތެރޭގައި ރަށްރަށުގެ ފުޓުބޯޅަ ދަނޑުތަކުގެ ސަބް ބޭސްގެ މަސައްކަތްތައް ހިމެނެއެވެ.
އާރްޑީސީއަކީ ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް އިސްކަންދީގެން، ވަޒީފާއަށް މީހުން ނަގަމުން އަންނަ ކުންފުންޏެކެވެ. މުޅި ކުންފުނީގައި 750 އެއްހާ މުވައްޒަފުން މަސައްކަތްކުރަމުން އަންނައިރު، %90 މުވައްޒަފުންނަކީ ދިވެހި މުވައްޒަފުންނެވެ. ކުންފުނިން އާމާޒު ހިފާފައިވަނީ އާރްޑީސީއަކީ %100 ދިވެހިން މަސައްކަތްކުރާ ކުންފުންޏަކަށް ހެދުމަށެވެ.
އާރްޑީސީން އަތޮޅުތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކަށްވެސް، މިހާރު ގިނަ މުވައްޒަފުން ނަގަމުން އަންނަނީ އެރަށްރަށުންނެވެ. މިއީ ރަށްރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުން ރަށުގެ ރައްޔިތުންނަށް ވީހާވެސް ބޮޑު މަންފާއެއް ލިބޭނެ ގޮތް ހެދުމަށް ކުރިއަށްދާ މަސައްކަތެކެވެ. މީގެތެރޭގައި އަންހެނުންނަށް ޚާއްސަކޮށްގެން ވަޒީފާގެ ގިނަ ފުރުޞަތުތައްވެސް އަންނަނީ މަސައްކަތު ސައިޓުތަކުން ފަހިކޮށްދެމުންނެވެ.
ކުންފުނީގެ ޢަމާޒަކީ ރާއްޖޭގެ ރަށްތައް ތަރައްޤީވެގެން އަންނައިރު އާރްޑީސީގެ ޙިއްސާ މިހާރަށްވުރެ ބޮޑަށް ރަށްރަށަށް ފޯރުކޮށްދިނުމެވެ.