ރިޕޯޓް

"ފޯކައިދޫ ފެނުގެ ނިޒާމުގެ މަސައްކަތް ނޮވެންބަރުގައި ނިމޭނެ"


ރައްކާތެރި ބޯފެނަކީ ކޮންމެ ރައްޔިތަކަށްވެސް ބޭނުންވާނެ އަސާސީ ޚިދުމަތެކެވެ. ނަމަވެސް މި ޚިދުމަތުން މަހުރޫމްވެފަތިބި އެތައް ރަށެއްގެ ރައްޔިތުން އެބަތިބި ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. 1800 އެއްހާ މީހުން ދިރިއުޅޭ ފޯކައިދޫގެ ރައްޔިތުންނަކީވެސް ރައްކާތެރި ބޯފެނުގެ ޚިދުމަތުން މަހްރޫމްވެފައި ތިބި ބައެކެވެ.

ފޯކައިދޫގެ ބައެއް ހިސާބުތަކަކީ ފެންތިލަ ހިސާބުތަކެއް ކަމުން އެހިސާބުގެ ފެން ލޮނުވެ ފެން ތަޣައްޔަރުވުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތި ވަމުން އަންނަ ކަމަށް އެރަށުގެ ރައްޔިތުން ވަނީ ބުނެފައެވެ.

ފޯކައިދޫގެ ރައްޔިތުންނަށް އުފުލަމުން އަންނަ މިތަކްލީފް ތަކަށް ނިމުމެއް ގެނެސް ދިނުމުގެ މަސައްކަތް ސަރުކާރުން މިވަނީ ފަށާފައެވެ. އެގޮތުން ގްރީން ކްލައިމެޓް ފަންޑްގެ ހިލޭ އެހީގެ ދަށުން ށ.ފޯކައިދޫގައި ފެނުގެ ނިޒާމުގެ ޤާއިމު ކުރުމުގެ ޢަމަލީ މަސައްކަތް 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައިވަނީ ފަށާފައެވެ. ފޯކައިދޫގައި ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ކެނޭޑިއަން ކްރިސްޓަރލައިން ވޯޓަރ އިންޑިޔާ ލިމިޓެޑާއި ސަރުކާރުން ހަވާލްކުރީ 2018 ވަނަ އަހަރުގެ ނޮވެންބަރމަހުގެ ތެރޭގައެވެ. ފޯކައިދޫގައި ޤާއިމްކުރާ ފެނުގެ ނިޒާމުގެ މަޝްރޫއަކީ 29 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

މިމަސައްކަތުގެ %96 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި ފޯކައިދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް އެއްކޮށް ނިންމާ ނޮވެންބަރ މަސްތެރޭގައި ޚިދުމަށް ދޭން ފެށޭނެ ކަމަށް ކްރިސްޓަރލައިން ވޯޓަރ އިންޑިޔާއިންވަނީ ހާމަކޮށްފައެވެ.

ފޯކައިދޫ ކައުންސިލްގެ ރައީސް އަހުމަދު އާސިފް ވިދާޅުވީ ފޯކައިދޫގައި ކުރިޔަށްދާ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށެވެ. އެގޮތުން ފެން ހޮޅިއެޅުމުގެ މަސައްކަތްތަކާއި ޕްލާންޓް އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް އެއްކޮށް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ކުރިޔަށް ދަނީ ފެން ޕްލާންޓް ބަހައްޓާފައި ހުރި އިމާރާތުގެ ފިނިޝިންގެ ބައެއް މަސައްކަތްތައް ކަމަށްވެސް އާސިފް ވިދާޅުވިއެވެ.

"ފޯކައިދޫގައި ފެނުގެ ނިޒާމް ގާއިމްވެގެން ދިޔުމުން ރަށުގެ ރައްޔިތުން އުފުލަމުންއާ ތަކްލީފްތަކަށް ނިމުމެއް އަންނާނެ. އަދި މިއީ ރަށުގެ ރައްޔިތުންގެ އެތައް ދުވަހެއްގެ ދިގު އިންތިޒާރުގެ ނިމުމެއްކަމަށް ވާނެ." ފޯކައިދޫ ކައުންސިލްގެ ރައީސް އަހުމަދު އާސިފް ވިދާޅުވިއެވެ.

ފޯކައިދޫ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި ބިމު އަޑިން ފެން ނަގައިގެން ސާފު ފެނަށް ބަދަލުކުރާ ނިޒާމް ބެހެއްޓުމާއި، ފެން ރައްކާކުރުމަށް ޓޭންކް ބެހެއްޓުމާއި، ގެތަކަށް ފެން ހޮޅި އެޅުމާއި މީޓަރު ބެހެއްޓުމާއި، ފެން ތަޙްލީލް ކުރުމަށް ލެބޯޓްރީއެއް ހިމެނޭހެން އެޑްމިނިސްޓްރޭޝަން އިމާރާތެއް ހެދުމަށްވަނީ ހިމަނާފައެވެ.

ށ.ފޯކައިދޫގައި ފެނުގެ ނިޒާމު ޤާއިމު ކުރުމަށް ޔުނިސެފްގެ ގްރީން ކްލައިމްޓް ފަންޑުންވަނީ 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައެވެ.