ޚަބަރު

"ކޮރަލް ގަރޑެން"އާއެކު ހޯޑެއްދޫގައި ފަރުތައް އާލާކުރުމުގައި ނަމޫނާ މަސައްކަތެއް


ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިސާދުގެ އެ ސިނާއަތަކަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ ސިނާއަތެވެ. ރިސޯޓްތަކުން ފެށި ޚިދުމަތް މިހާރު ރަށުފަތުރުވެރިކަމުން ފެށިގެން ހޯމް ސްޓޭ ފަތުރުވެރިކަމަށް ވަނީ ފުޅާވެފައެވެ.

ލޯކަލް ޓުއަރިޒަމާއެކު ރަށްރަށަށް ވަންނަ އާމްދަނީ ވަނީ އެތައް ގޮތަކުން އިތުރުވެފައެވެ. އަދި ފަތުވެރިކަމާއި ގުޅުންހުރި ކަންކަން ރަށްރަށުގައި ފުޅާކޮށް، އިޝްތިހާރުކޮށްގެން ރަށަށް އާމްދަނީ އިތުރުކުރުމަށް ތަފާތު މަސައްކަތްތައް ކައުންސިލުން ރަށު ފެންވަރުގައި އަންނަނީ ކުރަމުންނެވެ.

މީގެތެރެއިން އެއް ރަށަކީ ގދ.ހޯޑެއްދޫއެވެ. ހޯނޑެއްދޫ ކައުންސިލުން މިވަނީ ރަށުގައި "ކޮރަލް ގަރޑެން"އެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ. ހޯނޑެއްދޫ ކައުންސިލުން އިސްނަގައިގެން "ކޮރަލް ގަރޑެން" ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެންނެވެ.

މި މަސައްކަތް ކުރަނީ ހޯޑެއްދޫގެ އިޙުތިޞާސުގައި އޮންނަ "ކޯމަހައްލީ ވިލު"ގައެވެ. މި ފަޅުގެ 100މީޓަރު، 100މީޓަރުގެ ސަރަޙައްދެއް މުރަކަ އިންދުމަށް ވަނީ ކަނޑައަޅާފައެވެ. މި ފަޅަކީ 4 މީޓަރު ފުން ފަޅެކެވެ. ފަޅުގައި ތިލަ ހިސާބުތައްވެސް ހިމެނެއެވެ.

ފީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހޯޑެއްދޫ ކައުންސިލްގެ ރައީސް ޙުސައިން ވާރިޝް ވިދާޅުވީ، ކޮރަލްގަރޑެންގައި މުރަކަ އިންދުމުގެ ފުރަތަމަ ހަރަކާތުގެ ތެރެއިން މުރަކަ އިންދާފައި ވަނީ "ވިސިޓް ހޯނޑެއްދޫ" ޖަހާފައިވާ ސްޓްރަކްޗަރއެއްގައެވެ.

"ފުރަތަމަ އިވެންޓްގަވެސް 350 ޓު 500 ކޮރަލް ޕީސް އިންދާފައި ވަނީ. ބޭނުންވަނީ މި ކޮރަލް ގަރޑެންގައި ރާއްޖެއިން ފެންނަ ގިނަ ބާވަތްތަކުގެ މުރަކަތައް އިންދުން. މި އަތޮޅަކީވެސް ރީތި މުރަކަތައް ފެންނަ އަތޮޅެއް. ފުރަތަމަ މި އިންދީ ތަންކޮޅެއް އާއްމުކޮށް ފެންނަ ބާވަތްތައްކަމަށްވާ ބާރްނޗިންގ އަދި ޓޭބަލް ކޮރަލް." ވާރިސް ވިދާޅުވިއެވެ.

މި މަސައްކަތަކީ ރަށުގެ ރައްޔިތުންނާއި ޖަމިއްޔާތަކާއި ރަށުގައި ފަތުރުވެރިކަމުގެ އެކި ވިޔަފާރިތައް ކުރާ ފަރާތްތައް ގުޅިގެން ފެށި މަސައްކަތެކެވެ. ހޯޑެއްދޫގައި މިވަގުތުވެސް 3 ގެސްޓް ހައުސް ހިންގަމުން އާދެއެވެ.

ފަތުރުވެރިކަމުގެ އިތުރުން، މި ކޮރަލް ގަރޑެންއާއެކު ފަރުތައް އާލާކޮށް ޙިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތަށްވެސް ކުރިއެރުން ލިބޭނެކަމަށް ވާރިޝް ވިދާޅުވިއެވެ. އަދި ތިމާވެއްޓާއި ގުޅޭ މާއްދާތައް ކިޔަވާ ދަރިވަރުންނަށްވެސް ފިލާވަޅުތައް ކުރިއަށްގެންދިއުމަށް އެހީއަކަށްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހޯޑެއްދޫ "ކޮރަލް ގާރޑަން" ޕްރޮޖެކްޓް ފުރިހަމަކުރުމަށް ޢަމާޒު ހިފާފައިވަނީ ދެ އަހަރުގެ މުއްދަތުކުންނެވެ. ވާރިސް ވިދާޅުވީ މުރަކަ އިންދުންވެސް ކުރިއަށްގެންދާނީ ބައިބަޔަށް ބަހާލައިގެންކަމަށެވެ. އެގޮތުން ސްކޫލް ކުދިން ބައިވެރިކޮށްގެންވެސް، މުރަކަ އިންދިނުމުގެ ޕްރޮގްރާމް ކުރިއަށްގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ، މުރަކަ އިންދުމާއި ގުޅޭ ތަމްރީން ލިބިފައިވާ ރަށުގެ ޖަމިއްޔާއެއްގެ އެހީގައިކަމަށެވެ. މި ޖަމިއްޔާއިން މީގެކުރިން މުރަކަ އިންދުމުގެ ޕައިލެޓް ޕްރޮގްރާމެއްވެސް ކުރިއަށްގެންދިޔައެވެ.

ކައުންސިލްގެ ވާރިޝް ވިދާޅުވީ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސް، ރަށަށް އިތުރު އާމްދަނީ ވަންނަ ވަސީލަތަކަށް ހަދާނެކަމަށެވެ. އަދި ކޮރަލް ގަރޑަން ހައްދާ ފަޅުގެ ސަރަޚައްދު، ހޯނޑެއްދޫ ކައުންސިލުން ވަނީ ޙިމާޔަތްކޮށްފައެވެ.