ޚަބަރު

ބ.މާޅޮހު ފެނާއި ނަރުދަމާ ހޮޅިއެޅުމުގެ އަމަލީ މަސައްކަތް މިމަސްތެރޭގައި ފަށަނީ


އަސާސީ ޚިދުމަތްތަކުން މަޙްރޫމްވެފައި ތިބި ބ.މާޅޮހު ރައްޔިތުން ކުރަމުން އަންނަ އުންމީދުތައް ހަޤީގަތަކަށް ހެދުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން އެރަށުގައި ފެނާއި ނަރުދަމާއަށް ބޭނުންވާ ހޮޅިވަޅުލުމުގެ އަމަލީ މަސައްކަތް މިމަސްތެރޭގައި ފެށޭނެކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޑަބްލިއު އެސްސީން ބުނެފިއެވެ.

މާޅޮހު ފެނާއި ނަރުދަމާ މަސައްކަތް ފެށުމަށް އެކުންފުނިން މިއަހަރު ކުރީ ކޮޅު ވަރަށް ބޮޑެތި ތައްޔާރީތައްވަނީ ވެފައެވެ. އެހެން ނަމަވެސް ކޯވިޑްގެ ބަލި މަޑުކަމާ ގުޅިގެން ބައެއް ސާމާނު ލިބުން ލަސްވުމުމުގެ ސަބަބުން މަސައްކަތް ނުފެށި ލަސްވަމުންގޮސް މިއަހަރުގެ ޖުލައި މަހުގެ އެއްވަނަދުވަހު އަމަލީ މަސައްކަތް ފެށިއެވެ. އެހެންނަމަވެސް އީއައިއޭގެ މުއްދަތު ހަމަވުމުން އެމަސައްކަތް އަނެއްކާވެސް މެދުކަނޑާލިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އީއައިއޭގެ މަސައްކަތް ނިމި މި ހަފްތާތެރޭގައި އެޕްރޫވް ވާނެކަމަށެވެ. މާޅޮހު ފެނާއި ނަރުދަމާ މަސައްކަތް ކުރުމަށް ބޭނުންވާ ބައެއް ސާމާނު މިއަހަރު ކުރީކޮޅު އެރަށަށްވަނީ ގެންގޮސްފައެވެ. އެހެން ކަމުން މަސައްކަތް ފެށުމުން ބާރު ސްޕީޑެއްގައި ކުރިއަށްގެންދެވޭނެކަމަށްވެސް އެކުންފުނިން މަޢުލޫމާތުދެއެވެ.

މާޅޮހު ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތުގެ ދަށުން މާޅޮހުގެ 230 ގެއަކަށް ފެނާއި ނަރުދަމާ ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި 4500 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް އެރަށުގައި ޤާއިމްކޮށް، ޕަންޕް ސްޓޭޝަނަކާއި 144 ސްވަރޭޖް މެއިން ހޯލް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 4943 މީޓަރު ނުވަތަ 4 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ޤާއިމްކުރާނެއެވެ. އަދި ފެން ރައްކާކުރުމަށް 310 އަކަ މީޓަރުގެ ދެ ތާނގީއާއި ވާރޭފެން ރައްކާކުރުމަށް 740 އަކަ މީޓަރުގެ ތާންގީއެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އާބާދީގައި 800 އާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭ މާޅޮހަކީ ވާރޭ ވެހިއްޖެނަމަ ފެންބޮޑުވާ ރަށަކަށްވުމުން ފެނާއި ނަރުދަމާގެ މަސައްކަތުގެ ދަށުން އެރަށު ކައުންސިލާއި ގުޅިގެން މަގުތަކުގައި ހެދޭ ފެން ހިންދުމަށް ޚާއްސަ ނިޒާމެއް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

540 ދުވަސް ތެރޭގައި މަސައްކަތް ނިންމާގޮތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޑަބްލިއުއެސްސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 60.4 މިލިއަން ރުފިޔާއަށެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހު ހަވާލުކުރެވުނު މަސައްކަތެކެވެ. މިމަސައްކަތްތައް ނިންމަން ކަނޑައަޅާފައި ވަނީ 2022 ވަނަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހަށެވެ.