ޚަބަރު

ބަނދަރުގެ މައްސަލަ ޙައްލުކުރަން އެމްޓީސީސީގެ ޓީމެއް ކިނޮޅަހަށް


ރ.ކިނޮޅަހުގެ ބަނދަރު ފުންކުރުމުގެ މަސައްކަތަށް އެމްޓީސީސީގެ ޓީމެއް އެރަށަށް ހިނގައްޖެއެވެ.

ކިނޮޅޮހު ބަނދަރާ ދިމާއަށް ވެލިގަނޑު ވޮޑި، ބަނދަރަށް ވަންނަ ނެރުމައްޗަށް ވެލިއެޅި، ބަނދަރު ބޭނުން ނުކުރެވޭވަރަށް ވަނީ ބެދިފައެވެ. އަދި ބަނދަރުގެ ބޮޑުބައެއްވަނީ މުޅިން ތިލަވެފައެވެ. މި މައްސަލައާގުޅިގެން ރަށުގެ އޮޑިވެރިނަށާއި ރަށަށް އަރާ ފައިބާ މީހުންނަށް ބަނދަރު ބޭނުން ނުކުރެވި، ބޮޑެތި ގޮންޖެހުންތަކާވަނީ ކުރިމަތިވެފައެވެ.

ނެރު ބެދުމުގެ ސަބަބުން ރަށަށް ލަފާފުރުމުގެ ކަންކަން ހުއްޓިފައިވާތީ، އެކަމުގެ ކަންބޮޑުވުން އެރަށުގެ ރައްޔިތުންވަނީ ފާޅުކޮށްފައެވެ. މިކަން ވީހާވެސް އަވަަހަށް ޙައްލުކޮށްދިނުމަށް އެދި ރައްޔިތުންވަނީ އަޑުއުފުލާފައެވެ.

މިމައްސަލަ ޙައްލުކުރުމަށް އެމްޓީސީސީގެ ޓީމެއް ފޮނުވާނެކަން ޕްލޭނިންގ މިނިސްޓްރީން ހާމަކުރެއްވީ ހުކުރު ދުވަހުއެވެ. އަދި މިހާރު މިމަސައްކަތަށް ބޭނުންވާ ސާމާނާއެކު އެމްޓީސީސީގެ ޓީމްވަނީ ކިނޮޅަހަށް ގޮސްފައެވެ.

އެމްޓީސީސީން ވިދާޅުވީ ބަނދަރަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުމުގެ ޢަމަލީ މަސައްކަތްތައް ވަރަށްއަވަހަށް ފަށާނެކަމަށެވެ.

ކިނޮޅަހުގެ ބަނދަރު ތަރައްޤީކުރީ 2008ވަނަ އަހަރުއެވެ. ހުޅަނގު މޫސުމާ ދިމާކޮށް ރަށުގެ ބަނދަރަށް ވެލި ވަނުމުގެ މައްސަލަ އެރަށަށް ދިމާވާތާ އަހަރުތަކެއްވެފައިވާކަމަށް ކިނޮޅަހު ރައްޔިތުން ބުނެއެވެ. އަދި އެކަމުގެ ސަބަބުން، ލަފާފުރުމަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހި، ދަނޑުވެރިން އުފައްދާ ތަކެތި ބޭރުކުރުމާއި، ރަށަށް މުދާ ގެނައުމުގައިވެސް ދަތިތަކަކާ ކުރިމަތިލާންޖެހޭކަމަށްވެސް އެރަށުގެ ރައްޔިތުން ބުނެއެވެ.

މިކަމާގުޅޭގޮތުން ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، ކިނޮޅަހު ބަނދަރުގެ މައްސަލަ ޙައްލުކުރުމުގެ ޕްލޭން އެކުލަވާލައި ފުރަތަމަ ބީލަމަށް ހުޅުވާލީ މިއަހަރުގެ މާޗް މަހުކަމަށެވެ. އިޢުލާންކުރިފަހުން، ރަށުގެ ކައުންސިލުން މަޝްރޫޢުގެ ޑިޒައިނަށް އިތުރު ބަދަލު ގެނައުމަށް އެދުމުން، އެ ބަދަލުތަކާއެކު އަލުން ބީލަމަށް ހުޅުވާލީ މިދިޔަ ޖުލައިމަހުކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

އެހެންނަމަވެސް އެއްވެސް ފަރާތަކަށް ބީލަން ކާމިޔަބުކުރެވިފައި ނުވާކަން ފިނޭންސް މިނިސްޓްރީން އެންގުމުން، ޑައިރެކްޓް އެވޯޑް އުސޫލުން އެމްޓީސީސީއާ މަސައްކަތް ހަވާލުކުރުމަށް ނިންމައި އެމަސައްކަތް ކުރަމުންދާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.