ރިޕޯޓް

ޖަމުޢިއްޔާތަކަށް ޚާއްސަ އޮންލައިން ޕޯޓަލެއް ތަޢާރަފްކުރަނީ


ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކަށް ޚާއްސަކޮށްގެން އޮންލައިން ޕޯޓަލެއް ތަޢާރަފުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް މިނިސްޓްރީ އޮފް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވިދާޅުވެއްޖެއެވެ.

މި ޕޯޓަލް ތަޢާރަފުކުރުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޖަމްޢިއްޔާތަކުގެ ރަޖިސްޓްރަރ އަޙްމަދު އިރާޝް ވިދާޅުވީ، މިއީ ރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކުން ޒަމާންތަކެއް ވަންދެން އެދެމުންދިޔަ ވަރަށް މުހިއްމު މަސައްކަތެއްކަމަށެވެ. އަދި ރާއްޖޭގައި އެކި ފެންވަރުގައި ތަފާތު ޖަމްޢިއްޔާތަކުން ހަރަކާތްތެރިވާއިރު، އެ ފަރާތްތަކުގެ މަޢުލޫމާތުތައް ފަސޭހަކަމާއެކު އެއްތަނަކުން ލިބެން ހުރުމަކީ ޖަމްޢިއްޔާތަކާއި ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށްވެސް ލިބިގެންދާނެ ފަހި ފުރުޞަތެއްގެގޮތުގައި އިރާޝް ފާހަގަކުރެއްވިއެވެ.

އިރާޝް ވިދާޅުވީ، މި ޕޯޓަލް ފަރުމާކުރުމުގެ މަސައްކަތް ކުރަމުންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ކުރަމުންދަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާތަކުގެ މަޢުލޫމާތުތައް ޑޭޓާބޭސްއަށް އެއްކުރުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ. މިކަން ކުރެވުމުން އަހަރީ ރިޕޯޓް ލިޔުމާއި، އެކްސްކޯގެ ކަންކަމަށް ހޭދަވާ ވަގުތު ސަލާމަތްވެ، ޖަމްޢިއްޔާތައް ރަޖިސްޓްރީކުރުމުގެ ޕްރޮސެސް އޮންލައިން ކުރެވި، އިދާރީ މަސައްކަތްތައްވެސް ފަސޭހަތަކެއް ލިބިގެންދާނެކަމަށް އިރާޝް ވިދާޅުވިއެވެ. އަދި އަމާޒަކީ މި އަހަރު ނިމެންވާއިރަށް، މި ޕްލެޓްފޯމުގެ ފުރަތަމަ ފޭސް ލައިވްކުރުންކަމަށް އިރާޝް ވިދާޅުވިއެވެ.

"މިވަގުތު ކުރެވުމުންދާ މަސައްކަތްތަކަކީ މި ހުރިހާ ފައިލްތަކެއްގައި ހުރި ހުރިހާ ޑޮކިއުމެންޓްސްތަކެއް ސްކޭންކުރުން. އެވެސް ވަރަށް މުހިއްމު މަސައްކަތެއް. އޭރުން ފުރަތަމަ ފޭސްގެ އެންމެ މުހިއްމު ބައި އެ ނިމުނީ. އަޅުގަނޑުމެން މި ގަސްތުކުރަނީ މި މަސް ނިމެންވާއިރަށް މި އިންޓަގްރޭޓްކޮށްފައި ޖަމްޢިއްޔާތަކަށް މި ވެރިފައިކުރުމަށްޓަކާ ފޮނުވުން. ވެރިފައި ކުރަން ބޭނުންވާ ސަބަބަކީ ޖަމްޢިއްޔާތަކުގެ މަޢުލޫމާތު އާއްމުކުރާއިރު، އެ މައުލޫމާތުތަކުގައި އެއްވެސް ކަހަލަ ކުށެއް އިންތޯ ޔަޤީންކުރުން. އެއަށްފަހު ދެން ލައިވް ވެގެންދާނީ. އަޅުގަނޑުމެންގެ އުއްމީދަކީ މި ކަންތައްތައް ނޮވެމްބަރ މަހުގެ ތެރޭގައި ނިންމާ ޑިސެމްބަރުމަސް ނިމެންވާއިރަށް މީގެ އިނީޝިއަލް ފޭސް ލައިވްކުރުން" އިރާޝް ވިދާޅުވިއެވެ.

ޖަމްޢިއްޔާތަކަށް ޚާއްސަކޮށްގެން ތައްޔާރުކުރާ އޮންލައިން ޕްލެޓްފޯމުގެ ދެވަނަ ފިޔަވައްސާއި، ތިންވަނަ ފިޔަވަހީގައި މައިގަނޑުގޮތެއްގައި އަމާޒުކުރާނީ ޖަމްޢިއްޔާތަކުގެ ހިންގާ ކޮމެޓީއާއި ލޯގޯ ބަދަލުކުރުންފަދަ އެކިއެކި ކަންކަން ކުރުމާއި، އަހަރީ ރިޕޯޓްތައް އިންޓަގްރޭޓްކުރުމުގެ މަސައްކަތަށްކަމަށް އިރާޝް ވިދާޅުވިއެވެ. އަދި މި ޕްލެޓްފޯމްވެގެންދާނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެހެން ފަރުމާކުރާ ޕްލެޓްފޯމަކަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިފަހަރު އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް އެބަދެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ރައްޓެހި ޕޯޓަލްއަކަށް ހެދުމަށް. އެގޮތުން އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަންވެފައި މިއޮތްގޮތުން ލޯގޯވެސް ރަމްޒުކޮށްދެނީ ކޯއްޗެއްކަން، އެ ލޯގޯ ހުޅުވާލީމަ ކިޔައިދޭނެކަހަލަ ގޮތަކަށް މަސައްކަތް މިކުރަނީ. އެހެންވީމަ ވަރަށް ބުރަށް މަސައްކަތެއް މިއީ އެހެންނަމަވެސް މި ކާމިޔާބުވެއްޖެކަމަށްވާނަމަ، ވާނެ މި ރީޖަންގައިވެސް ހޯދޭ ވަރަށް ބޮޑު ކާމިޔާބީއަކަށް" އިރާޝް ވިދާޅުވިއެވެ.

މިފަދަ ޕޯޓަލެއްގެ ސަބަބުން، ޖަމްޢިއްޔާތަކުގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ޞައްޙަކަމާއެކު ފަސޭހައިން ލިބި، އެކަމަށް ހޭދަވާ ވަގުތު އެތައްގުނައެއް ކުޑަކޮށްދޭނަކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި ރާއްޖޭގައި އެކި ފަންތީގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކަށް އާއްމުންނާމެދު އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިވެ، އެކިކަހަލަ ހަރަކާތްތައް ރާވާ ހިންގުމަށް ބޭނުންވާ ފަންޑު ހޯދުމަށް ފަސޭހަވެގެންދާނެކަމަށްވެސް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.