ރިޕޯޓް

ޖަމްޢިއްޔާތަކަށް ޚާއްސަ ފޯރަމްތަކެއް، ފުރަތަމަ އިހަވަންދޫގައި


ރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ޚާއްސަ ސިލްސިލާ ފޯރަމްތަކެއް ފެށުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވިދާޅުވެއްޖެއެވެ. ފުރަތަމަ ފޯރަމް ޚާއްސަ ކޮށްފައިވަނީ ރާއްޖޭގެ އުތުރުން ހއ، ހދ އަދި ށ، އަތޮޅަށް ނިސްބަތްވާ ޖަމްޢިއްޔާތަކަށްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މި ފޯރަމްތަކާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވަމުން ޖަމްޢިއްޔާތަކުގެ ރަޖިސްޓްރަރ އަޙްމަދު އިރާޝް ވިދާޅުވީ، މިފަދަ ފޯރަމްތަކެއް ސިލްސިލާކޮށް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ޖަމްޢިއްޔާތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ވަރުގަދަކޮށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު އާލާކުރުވުންކަމަށެވެ. ފުރަތަމަ ފޯރަމް ހއ، ހދ، އަދި ށ އަތޮޅުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ހއ.އިހަވަންދޫގައި މިމަހުގެ 25އިން 27 ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިރާޝް ވިދާޅުވިއެވެ.

ފުރަތަމަ ފޯރަމްގައި އެކަނިވެސް 72 ޖަމްޢިއްޔާއަކުން ބައިވެރިވުމުގެ ޝަޢުގުވެރިކަން ފާޅުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މި ފޯރަމްތައް މެދުވެރިކޮށް، ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ތަފާތު ފަންނީ މަޢުލޫމާތުތަކާއި، އަހަރީ ރިޕޯޓް ތައްޔާރުކުރުމާއި، އެނޫންވެސް ހަރަކާތްތައް ރާވާ އިންތިޒާމްކުރާނެގޮތުގެ މަޢުލޫމާތުދެވިގެންދާނެކަމަށް އިރާޝް ވިދާޅުވިއެވެ. ހަމައެހެންމެ ޖަމްޢިއްޔާތަކަށް ޚާއްސަކޮށްގެން މިނިސްޓްރީން ފަރުމާކުރަމުންދާ އޮންލައިން ޕޯޓަލްއާބެހޭ މަޢުލޫމާތުވެސް ފޯރަމްގެ ބައިވެރިންނަށް ހިއްސާކުރާނެކަން އިރާޝް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިފަހަރުގެ ފޯރަމް އިހަންވަންދޫގައި ކުރިއަށްދާއިރު އެރަށުގެ 2 ޖަމްޢިއްޔާއެއް ކައުންސިލާއެއްކޮށް މިކަމުގައި އެހީތެރިކަން ވެދެއްވާ. އެތަނުން އެޖަމްޢިއްޔާއެއްގެ 25 އަހަރުފޭ ސިލްވަރ ޖުބްލީ ފާހަގަކުރުންވެސް ފޯރަމްތެރޭގައި އޮންނާނެ. 3 ދުވަހަށް ކުރިއަށްދާ މި ފޯރަމުގައި އަޅުގަނޑުމެންނާ އެއްކޮށް ސަރުކާރުގެ ތަފާތު އިދާރާތަކުން އަދި އަމިއްލަ ބައެއް ޖަމްޢިއްޔާތަކާއި އިންޓަރނޭޝަނަލް ބައެއް އޯގަނައިޒޭޝަންތައްވެސް އެބަ ބައިވެރިވޭ. އަޅުގަނޑުމެންނަށް މިހާރު ވަނީ ޔޫ.އެން.ޑީ.ޕީގެ ފަރާތުން މި ފޯރަމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައި. އަދި ތަޖުރިބާކާރު ބޭފުޅުންތަކެއް އަޅުގަނޑުމެންގެ ސެޝަންތަކުގައިވެސް ބައިވެރިވާނެ. މި ފޯރަމް ކުރިއަށްދާއިރު، މިނިސްޓްރީން ކުރިއަށްގެންދާ ދުޅަހެޔޮ ހަށިހެޔޮ ޕްރޮގްރާމުގެ މަަސައްކަތްތައްވެސް އަތޮޅުތެރޭގައި ހަމަކުރިއަށްދާނެ" އިރާޝް ވިދާޅުވިއެވެ.

ޖަމްޢިއްޔާތަކަށް ޚާއްސަކޮށްގެން ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ސިލްސިލާގެ ފުރަތަމަ ފޯރަމް އިހަވަންދޫގައި ބޭއްވުމަށް ނިންމީ އެކަމަށް އެދި އުތުރުގެ އަތޮޅުތަކަށް ހުޅުވާލުމުން، އެކަމަށް އެދި ކައުންސިލްތަކުން ހުށަހެޅި ޕްރޮޕޯސަލްތަކަށް ބެލުމަށްފަހުކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވިއެވެ. އަދި މި ސިލްސިލާގެ ދެވަނަ ފޯރަމް ނ، ރ، ބ އަދި ޅ، އަތޮޅުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ކައިރި މުސްތަޤުބަލެއްގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި 2400 އަށްވުރެ ގިނަ ޖަމްޢިއްޔާ ރަޖިސްޓްރީކޮށްފައި ވެއެވެ. އޭގެ ތެރެއިން ޢަމަލީގޮތުން ހަރަކާތްތެރިވަމުންދަނީ 700 އެއްހާ ޖަމްޢިއްޔާކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ. މިފަދަ ފޯރަމްތަކެއް ބޭއްވިގެންދިއުން ވެގެންދާނީ، އެކިއެކި ސަބަބުތަކާ ހެދި މަސައްކަތް ހުއްޓިފައިވާ ޖަމްޢިއްޔާތަކަށްވެސް އަލުން ހިނގައިގަތުމަށް ލިބިގެންދާނެ ފުރުޞަތެއްގެގޮތުގައި އެ މިނިސްޓްރީން ފާހަގަކުރައްވައެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތައް ބާރުވެރިކުރުވައި، ޖަމްޢިއްޔާތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.