އަތޮޅުތައް

ގާފަރު ބަނދަރު ހެދުމަށް 43 މިލިއަން ރުފިޔާގެ މަޝްރޫޢެއް


ކ. ގާފަރު ބަނދަރު ހެދުމުގެ މަސައްކަތް 43 މިލިއަން ރުފިޔާއަށް ހެވީފޯސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ. ގާފަރުގައި އަލަށް ހެދުމަށް ހަމަޖެހިފައިވަނީ 1000 ފޫޓް ދިގު، 300 ފޫޓް ފުޅާ ބަނދަރެކެވެ. ހައުސިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ގާފަރު ބަނދަރު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން  ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި ހެވީފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒަމީރެވެ. މި މަޝްރޫޢާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގާފަރުގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ ބަނދަރަކީ ޒަމާނީ ފެންވަރަކަށް ތަރައްޤީކުރެވިގެންދާނެ ބަނދަރެއްކަމަށެވެ. އަދި މި ބަނދަރުގެ މަސައްކަތް ނިމުމުން، ގާފަރު ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށާއި، މި ބަނދަރާއެކު އުމްރާނީގޮތުންނާއި، އިޤްތިސާދީގޮތުންވެސް ގާފަރުގެ ރައްޔިތުންނަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ގާފަރު ބަނދަރު ހެދުމުގެ މަޝްރޫޢު ހަވާލުކޮށްފައިވާ ކުންފުންޏަކީ މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ތަޖުރިބާ ކާރު ކުންފުންޏެއްކަމަށެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާފަރު ކައުންސިލުގެ ރައީސް އާދަމް ޒާހިދު ވިދާޅުވީ، ގާފަރުގައި މިހާރު ބޭނުންކުރަމުންދާ ބަނދަރު ގިނަ ދުވަސްވުމުގެ ސަބަބުން، ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށާއި، އެކަމުގެ ސަބަބުން އެރަށުގައި މަސްވެރިކަން ކުރާ ފަރާތްތަކަށާއި، ވިޔަފާރިވެރިންނަށް ގިނަ އުދަނގޫތަކަކާއި ކުރިމަތިލާންޖެހޭކަމަށެވެ. އަދި މިކަމަށް އަވަސް ހައްލެއް ގެނެސްދިނުމަށް ހައުސިންގ މިނިސްޓްރީން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ، އެކަމަށް ރަށުގެ ރައްޔިތުންގެ ނަމުގައި ކައުންސިލަރ ޝުކުރު އަދާކުރެއްވިއެވެ. ކ. ގާފަރު ބަނދަރު ހެދުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި މިހާރު ހަވާލުކޮށްފައިވާއިރު، ބަނދަރު ހެދުމަށް ބޭނުންވާ އީ.އައި.އޭ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް މި ހަފްތާގެ ނިޔަލަށް ނިމި، ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފެއްޓޭވަރުވާނެކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއްވައެވެ. ގާފަރު ބަނދަރު ހެދުމުގެ މަޝްރޫޢު ހެވީފޯސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.