ވިޔަފާރި

ފްރާންސްގައި ކުރިއަށްދާ އައިއެފްޓީއެމް ޓޮޕް ރެސާގައި ރާއްޖެ އިސްތިހާރުކުރަނީ


އައިއެފްޓީއެމް ޓޮޕް ރެސާގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެއްޖެއެވެ. މި އިވެންޓްގައި ވިޒިޓް މޯލްޑިވްސްއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ 12 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ޙަރަކާތް ކުރިއަށް ދާނީ އޮކްޓޫބަރު 5އިން 8ވަނަ ދުވަހަށް ފްރާންސްގެ ޕެރިހުގައެވެ.

އައިއެފްޓީއެމް ޓޮޕް ރެސާއަކީ ފަތުރުވެރިކަމުގެ އެކި ސެގްމެންޓުގެ ޚިދުމަތްދޭ ފަރާތްތަކުން ބައިވެރިވާ ފެއާއެކެވެ. މިފެއާގެ މަޤްސަދަކީ ފަތުރުވެރިކަމުގެ އެކި ސެގްމަންޓުތަކުގެ ޚިދުމަތްދޭ ފަރާތްތަކާއި މިފަދަ ޚިދުމަތްތައް ލިބިގަންނަ ފަރާތްތައް އެއްތަނަކުން ބައްދަލުވެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ފެއާގައި މަތީ ފަންތީގެ ވިޔަފާރިތަކާއި މައިސް މީޓިންގްސް، އިންސެންޓިވްސް، ކޮންފަރެންސަސް އަދި އެގްޒިބިޝަންސްގެ ހިދުމަތްދޭ ފަރާތްތަކުން ބައިވެރިވެ، މި ސެގްމެންޓުތަކުގައި ލިބެން ހުރި ޚިދުމަތްތަށް ދައްކާލާނެއެވެ. މި ފެއާއަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުން، އަދި ފަތުރުވެރިކަމުގެ ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ޒިޔާރަތްކުރާނެއެވެ.

ވިޒިޓް މޯލްޑިވްސް އާއެކު މި ފެއަރާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ކުންފުންނިތަކުން ބައިވެރިވެ ބައްދަލުވުންތަކާއި، ނެޓްވޯކިން ސެޝަންތައް ކުރިއަށް ގެންދާނެއެވެ. ރާއްޖޭގެ ފަރާތުން ބައިވެރިވާ އިންޑަސްޓްރީ ޕާޓްނަރުންގެ ތެރެއިން 12 ކުންފުނިން އައިއެފްޓީއެމް ޓޮޕް ރެސާގެ ޕެރިސްގައި ކުރިއަށްދާ އިންޕާސަން އިވެންޓުގައި ބައިވެރިވާއިރު، 9 ޕާޓްނަރުން ފެއާގެ ޑިޖިޓަލް ބައިތަކުގައި ބައިވެރިވާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

އައިއެފްޓީއެމް ޓޮޕް ރެސާގެ ތެރެއިން ކުރިއަށް ގެންދާ ބައްދަލްވުންތަކާއި ސެޝަންތަކުގެ ޒަރިއްޔާއިން ރާއްޖެއަކީ ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިސްތިހާރުކުރެވޭނެއެވެ. އަދި ފްރާންސްގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ، ފްރާންސްގެ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނަށް ރާއްޖޭގެ އެންމެ ފަހުގެ މަޢުލޫމަތު ހިއްސާކުރެވޭނެއެވެ. މި ގޮތުން ރާއްޖޭގެ ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑު ތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެންހުންނަ ތަފާތު ތަޖުރިބާތައް އިސްތިހާރުކުރެވޭނެއެވެ.

އައިއެފްޓީއެމް ޓޮޕް ރެސާގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ 1700 ފަރާތުން ބައިވެރިވާއިރު، ފެއާ ބާއްވާ ހަތަރު ދުވަހުގެ ތެރޭގައި 34،000އަށްވުރެ ގިނަ މީހުން މިތަނަށް ޒިޔާރަތް ކުރާނެކަމަށް ލަފާކުރެއެވެ. މި ފެއާގެ ތެރެއިން 150 ކޮންފަރެންސް ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިފެއާގައި 200 އެއްހާ ފަތުރުވެރިކަމުގެ މަންޒިލްތަކުން ބައިވެރިވެއެވެ. ފެއާ އޯގަނައިޒްކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި މި ފެއާއަށް 1000 ނޫސްވެރިން ޒިޔާރަތްކުރާނެއެވެ. ފެއާއާ ގުޅޭ 1200އަށްވުރެ ގިނަ ރިޕޯޓާއި ހަބަރު ޓީވީތަކާއި ޕްރިންޓް މީޑިއާގައި ޝާއިޢު ކުރާނެއެވެ.

މިއީ ފްރާންސްގެ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ބައިވެރިވާ ހަރަކާތެކެވެ. ފްރާންސް އަކީ މި އަހަރު 10ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމެވެ. މި އަހަރު ސެޕްޓެންބަރު މަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 843,552 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން %1.9 ނުވަތަ 15,836 ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ފްރާންސްއިންނެވެ.