ޚަބަރު

ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫނުކުރުމަށް ނިންމައިފި


މަނީ ލޯންޑަރިން ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ. އެކޯޓުން މި ގޮތަށް ނިންމަވާފައިވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅާފައިވާ އިސްތިއުނާފީ މައްސަލައިގެ ތެރެއިން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދިފައިވާތީއެވެ.

މަނީ ލޯންޑަރިން ކުށް ސާބިތުވެ 5 އަހަރަށް ޖަލަށްލުމާއި 5 މިލިއަން ޑޮލަރުން ރައީސް ޔާމީން ޖޫރިމަނާކުރުމަށް ދަށުކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ވަނީ މިދިޔަ ޖެނުއަރީމަހު ތާއީދުކޮށްފައެވެ. މި ނިންމުމާއި ހިތަހަމަ ނުޖެހިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެނިންމުން ސުޕްރީމްކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި އެ މައްސަލައިގެ ތެރެއިން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ފަސްކޮށްދިނުމަށާއި ކަފާލާތުގެ ދަށުން މިނިވަންކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.

މި މައްސަލާގައި އެންމެ މަތީކޯޓުން ނިންމެވި ނިންމެވުމުގައިވަނީ ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދެވެން ނެތްކަމަށާއި ހުކުމް ތަންފީޒުކުރުން ފަސްކުރަން އަމުރެއް ނެރެދެވެންވެސް ނެތްކަށެވެ. މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވި ނިންމެވުމުގައިވަނީ ކަފާލާތަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ބަންދުން ދޫކޮށްލުމަށް ކޯޓްތަކަށް ލިބިދީފައިވާ އިހްތިޔާރެއްކަމަށެވެ. އަދި އެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވެސް އޮތް ކަން ފާހަގަކުރައްވާ ކޯޓްގެ ނިންމެވުމުގައިވަނީ ކުށްވެރިވުމަށްފަހު ކަފާލާތުން ދޫކުރުމަކީ ކުށްވެރިންނަށް އޮތް ހައްޤެއް ނޫންކަމަށެވެ. ކުށްވެރިންނަށް ކަފާލާތުގެ ހައްޤު ދީފިނަމަ ހަމަހަމަކަމާއި އެކު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅި އެކި މައްސަލަތަކުގައި އެކި ގޮތަށް މީހުން ދޫކޮށް ހަމަހަމަކަން ގެއްލިގެން ހިގައިދާނެކަންވެސް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.

ހުކުމް ތަންފީޒުކުރުން ފަސްނުކުރަން ނިންމި ނިންމުގައި ވަނީ މައްސަލައެއް އިސްތިއުނާފުކުރުމަކީ އެ މައްސަލާގައި ކުރިން އިއްވާފައިވާ ހުކުމެއްގެ ބާރު ދަށްވާނެކަމަށް ނޫންކަމަށާއި އަދި އަދަބުވެސް މަޑު ޖައްސާލަންޖެހޭކަމެއްވެސް ނޫންކަންވެސް ފާހަގަކޮށްފައެވެ.

މި މައްސަލައިގެ ތެރެއިން ރައީސް ޔާމީންވަނީ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުން ފަސްކޮށްދިނުމަށްވެސް އެދިވަޑައިގެންފައެވެ. ސުޕްރީމްކޯޓުން ވަނީ މަތީ ކޯޓުން މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އަމުރެއް ނެރެފައެވެ. އެ އަމުރުގައިވަނީ ޖޫރިމަނާ ފައިސާއާއި ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކުން ފިޔަވަޅު ނޭޅުމަށް އަންގާފައެވެ.

ޖޫރިމަނާ ފަސްކުރަން އެނެމް މަތީކޯޓުން އަމުރު ނެރެފައިމިވަނީ އެ ފައިސާ ހޯދުމަށް ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ސިވިލްކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފައިވަނިކޮށެވެ.

ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފްކުރި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ވަނީ ނިންމާލާފައެވެ. އަދި ސުޕްރީމްކޯޓްގެ މަރުހަލާގައި ޔާމީންގެ ފަރާތްޕުޅުން އައު ހެކިންގެ ގޮތުގައި ހުށައެޅި ދެ ހެކިން ބަލައިނުގަތުމަށް ވެސް ކޯޓުން ވަނީ ނިންމާފައެވެ. ސަބަބަކީ އެ ދެ ހެކިންނަކީ ދަށުކޯޓްގެ މަރުހަލާގައިވެސް ހުށައެޅުމުގެ ފުރުސަތު އޮތް ދެ ހެކިންނަށް ވާތީއެވެ. އައު ހެކިންގެ ގޮތުގައި ރައީސް ޔާމީން ހުށައެޅުއްވީ ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލާއި އައްޑޫ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދުއެވެ. މި ދެ ހެކިން ހުށައެޅުއްވީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އަތުގައި ރައީސް ޔާމީންގެ ފައިސާ ހުންނާނެ ކަން ސާބިތުކޮށްދިނުމަށެވެ.

ސުޕްރީމްކޯޓް ރިސެސްއަށް ދިޔުމުގެ ކުރިން މ،ައްސަލަ ނިންމާ ހުކުމްކުރާނެކަންވެސް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާންކޮށްފައެވެ.

ރައީސް ޔާމީން 5 އަހަރަށް ޖަލަށްލާ 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ދޫކުރި ގއ. ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން 1 މިލިއަން ޑޮލަރު ހޯއްދަވާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާގެ އަސްލު އޮޅުވާލި ކުށް ސާބިތުވުމުންނެވެ.