ޚަބަރު

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް އަމުރުކޮށްފި


ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ ޝަރީޢަތް އޮންލައިންކޮށް ކުރިއަށް ނުގެން ދިއުމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ހައިކޯޓުގެ މައްޗަށް އަމުރު ކޮށްފިއެވެ. މި އަމުރު ނެރުއްވާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު، މުހައްމަދު އިބްރާހިމް އަދި އަލީ ރަޝީދު ސޮއި ކުރެއްވުމަށްފަހުއެވެ.

ސުޕްރީމް ކޯޓުން ކޮށްފައިވާ މިއަމުރުގައި ބުނެފައިވަނީ އަލީ ވަހީދުގެ މައްސަލައިގައިވެސް އަދި އެނޫން މައްސަލައެއްގައިވެސް ދައުވާ ލިބޭ ފަރާތް ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުގައި ވަނިކޮށް، އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ޢަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާގައި ޢަލީ ވަހީދު ބައިވެރިވެޑައިގަންނަވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށެވެ. މިގޮތަށް ޝަރީއަތް ކުރިޔަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. އެކޯޓުން އެ ގޮތަށް ނިންމާފައިވަނީ ބޭސް ފަރުވާގެ ކަންކަން ނުނިމޭކަމަށް ވިދާޅުވެ އެކޯޓަށް ސިޓީއަކުން ހުށައެޅުމުންނެވެ.

އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދިޔުމަކީ ޤާނޫނާއި ހިލާފުކަމެއްކަމަށް ބުނެ ދަޢުލަތުން ހައިކޯޓުގައި މިމައްސަލަ އިސްތިއުނާފުކުރުމުން މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންވަނީ މިފަދަ މައްސަލަތަކަކީ ހައިކޯޓުން 7 ދުވަސްތެރޭ ނިންމަންޖެހޭ މައްސަލައެއްކަން އެނގޭއިރު، އަދި ޢަލީ ވަހީދު ހުރީ ރާއްޖެއިން ބޭރުގައިކަން އެނގޭއިރު މައްސަލަ ހައިކޯޓަށް ހުށައެޅީ ކޮން މަޤްސަދެއްގައިތޯ ސުވާލުކުރައްވާފައެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާ ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވިއެވެ. ނަމަވެސް އޭނާ ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވާތީ ސުޕްރީމް ކޯޓުން ވަނީ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.