ދުނިޔެ

އިދިކޮޅު ފަރާތްތަކުން ހަތިޔާރު ބަހައްޓަން ޖެހޭ- ސޫރިޔާގެ ރައީސް


ސޫރިޔާގެ އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާތައް
ކުރައްވާނީ، ސަރުކާރާ ދެކޮޅަށް އެޤައުމުގައި ހަނގުރާމަކުރަމުންދާ ޖަމާޢަތްތަކުން
ހަތިޔާރު ބެހެއްޓުމުން ކަމަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެއެވެ.



ސްޕެއިންގެ އީ.އެފް.އީ ޚަބަރު ފަތުރާ އިދާރާއަށް
ދެއްވި ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު
ވިދާޅުވީ، ހަތިޔާރު އެޅި ޖަމާޢަތްތަކާ އެކު ސިޔާސީ މަޝްވަރާތައް ނުބާއްވާނެކަމަށެވެ. އަދި އެމެރިކާއާއި ސައުދީ ޢަރަބިއްޔާއިން ބޭނުންވަނީ
ސުލްޙައިގެ މަޝްވަރާތަކުގައި ޓެރަރިސްޓް ޖަމާޢަތްތައް ބައިވެރިކުރުމަށް ކަމަށް
ވެސް އަސަދު ވިދާޅުވިއެވެ.



އަސަދު ވިދާޅުވީ، ސޫރިޔާގެ ސަރުކާރުން އިދިކޮޅު
ފަރާތްތަކާއެކު މަޝްވަރާގެ މޭޒު ދޮށަށް ދިއުމުގެ ހަމައެކަނި މަޤްޞަދަކީ އެފަރާތްތަކުން
ހަތިޔާރު ބެހެއްޓުމަށް މަގު ފަހިކުރުންކަމަށެވެ. 2011 ވަނަ އަހަރު ސޫރިޔާގައި ފެށި ހަނގުރާމައަށް
ސުލްޙަވެރި ހައްލެއް ހޯދުމަށް މިހާތަނަށް ބާއްވާފައިވާ މަޝްވަރާތައް ވަނީ ވަކި
ކޮޅެއްގައި ނުޖެހި ނިންމާލާފައެވެ.