ވިޔަފާރި

ރާއްޖެ އިސްތިހާރުކުރުމަށް ސައުތު އެފްރިކާގެ ނޫސްވެރިން ރާއްޖޭގައި


ސައުތު އެފްރިކާގެ މަޤުބޫލު މަޖައްލާތަކުގެ މެންބަރުން ހިމެނޭ މީޑިއާ ޓީމެއް ވިޒިޓް މޯލްޑިވްސްގެ ދަޢުވަތަކަށް ރާއްޖެ އައިސްފިއެވެ.

މިދަތުރު ކުރިއަށްދާނީ ސެޕްޓެންބަރު 25އިން އޮކްޓޫބަރު މަހުގެ 2ވަނަ ދުވަހާ ހަމައަށެވެ. މިދަތުރުގައި ރާއްޖެ އައިސްފައިވަނީ ސައުތު އެފްރިކާގެ އިންޑިޕެންޑަންޓް ގެޓަވޭ މެގަޒިން އަދި ސަންޑޭ ޓައިމްސްގެ ޖާނަލިސްޓުން ހިމެނޭ ޓީމެކެވެ.

މި މަޖައްލާތަކަކީ ސައުތު އެފްރިކާގައި ވަރަށް މަޤުބޫލު މަޖައްލާތަކެކެވެ. އޮންލައިން، ޕްރިންޓް، ޑިޖިޓަލް އަދި ސޯޝަލް މީޑިއާގައި ލިޔުންތަކާއި ޢަދަދުތައް ޝާއިޢުކުރާ މިމަޖައްލާތަކަކީ ކޮންމެ ދުވަހަކު، ހަފްތާއަކު، މަހަކު ނުވަތަ ކޮންމެ ހަމަހުން އެއްމަހުވެސް ލިޔެކިއުންތަކާއި، އަދަދުތައް ނެރޭ މަޖައްލާތަކެކެވެ.

ވިޒިޓް މޯލްޑިވްސްއިން އިންތިޒާމްކޮށް، މި މަޖައްލާތަކުގެ ޖާނަލިސްޓުން ބައިވެރިވުމާއެކު އިންތިޒާމްކޮށްފައިވާ މި ފެމިލިއަރައިޒޭޝަން ދަތުރުގެ ސަބަބުން މިމާކެޓުގައި ދަތުރުފަތުރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިސްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރެވޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މި ފެމިލިއަރައިޒޭޝަން ދަތުރުގައި ބައިވެރިވާ ސައުތު އެފްރިކާގެ މީޑިއާ ޓީމް ތިބުމަށް ހަމަޖެހިފައިވަނީ ފުށިފަރު މޯލްޑިވްސް، ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް އަދި ހައިޑަވޭ ބީޗް ރިޒޯޓް އެންޑް ސްޕާގައެވެ. މި ޓީމުން މި ރިސޯޓުތަކުން ސްޕާގެ ޚިދުމަތާއި، ވޯޓާ ސްޕޯޓްސް ފަދަ ޙަރަކާތްތައް ތަޖުރިބާކުރާނެއެވެ. އަދި މި ރިސޯޓުތަކުގެ އެކި ރެސްޓޯރެންޓުތަކުން ލިބެން ހުންނަ ތަފާތު ކެއުންތައް ވެސް ތަޖުރިބާކުރާނެއެވެ.

މި ފެމިލަރައިޒޭޝަން ދަތުރަކީ ސައުތު އެފްރިކާ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ހިންގާ ހަރަކާތެކެވެ. މި ދަތުރުގެ ސަބަބުން ސައުތް އެފްރިކާ މާކެޓުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ޝައުގުވެރިވާ ފަތުރުވެރިންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ވެސް ޙިއްސާކުރެވޭނެއެވެ.

މިއީ ސައުތު އެފްރިކާ މާކެޓަށް އަމާޒުކޮށް ރާއްޖެއިން މި އަހަރު ބާއްވާ ދެވަނަ ފެމިލިއަރައިޒޭޝަން ދަތުރެވެ. މި މާކެޓުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްއިން މި އަހަރު މިހާތަނަށްވަނީ ޑަބްލިއުޓީއެމް އެފްރިކާގެ ވާޗުއަލް ހަރަކާތުގައި ބައިވެރިވެފައެވެ. މީގެއިތުރުން ވިޒިޓް މޯލްޑިވްސްއިން ދަނީ، މިމާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން އެއަރ ސީޝެލްސްއާއިއެކު ވެސް ހާއްސަ ކެންޕެއިނެއް ކުރިއަށް ގެންދަމުންނެވެ.