ޚަބަރު

ކަސްޓަމްސް ޚިދުމަތްތަކުގައި ލުއިދޭ ޕްރޮގްރާމުގެ ފުރަތަމަ ކުންފުންޏަކަށް އިންނަހުރާ މޯލްޑިވްސް ރިސޯޓު


  • މިއީ ދުނިޔޭގެ 89 ޤައުމެއްގައި ހިންގާ ޕްރޮގްރާމެއް

  • މި ޕްރޮގްރާމު ދުނިޔޭގެ 89 ޤައުމެއްގައި ހިންގާ

  • ހުރިހާ ގިންތިއެއްގެ ކުންފުންޏެއްވެސް ޕްރޮގްރާމުގައި ބައިވެރިވޭ

ކަސްޓަމްސްގެ ގަވާއިދާ އުޞޫލުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަޤްޞަދުގައި ކަސްޓަމްސްއިން ތަޢާރަފްކޮށްފައިވާ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ (އޭ.އީ.އޯ) ޕްރޮގްރާމްގެ ދަށުން ސެޓްފިކެޓް ޙާސިލްކުރި ފުރަތަމަ ކުންފުންޏަކަށް އިންނަހުރާ މޯލްޑިވްސް ރިސޯޓް ހޮވިއްޖެއެވެ.

މި ކުންފުންޏަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކަސްޓަމްސް ބިލްޑިންގގައި މިއަދު ބޭއްވި ޚާއްސަ ހަފްލާއެއްގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝިޔާޒެވެ. އިންނަހުރާ މޯލްޑިވްސް ރިސޯޓުގެ ފަރާތުން ސެޓްފިކެޓާއި ހަވާލުވެވަޑައިގަތީ އިންނަހުރާ މޯލްޑިވްސްގެ މާލެ އޮފީހުގެ މެނޭޖަރ ހުސެއިން ހަމީދުއެވެ.

މި ހަފްލާގައި ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝިޔާޒް ދެއްކެވި ވާހަކަފުޅުގައި އޮތޯރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ ޕްރޮގްރާމްގެ ޚިދުމަތް ފޯރުކޮށްދޭން ފެށުމަކީ، ޓްރޭޑް ފެސިލިޓޭޝަންގެ ދާއިރާއިން ޙާޞިލްކުރެވުނު މުހިއްމު ލަނޑުދަނޑިއެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމްކުރުމަށްޓަކައި ކަސްޓަމްސްއިން އަބަދުވެސް މުޙިއްމު މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ ޕްރޮގްރާމަކީ ދުނިޔޭގެ 89 ޤައުމެއްގައި މިހާރު ތަންފީޒްކުރަމުންދާ ޕްރޮގްރާމެއް ކަމަށެވެ. އޭނާ ވަނީ މި ޕްރޮގްރާމުގެ ތެރެއިން ކުންފުނިތައް 3 ގިންތިއަކަށް ބެހިގެންދާއިރު، އެކުންފުނިތަކުން ޤަވާއިދުތައް ތަންފީޒު ކުރާ މިންވަރަށާއި ޕްރޮގްރާމުގައި ހޭދަކުރާ މުއްދަތައް ބަލައި، އިތުރު ފަސޭހަތައް ލިބިދޭ ގިންތިއަށް ޕްރޮމޯޓް ވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މި ޕްރޮގްރާމުގައި ސެޓްފިކެޓް ހާސިލްކުރި އިންނަހުރާ މޯލްޑިވްއިސް ވަނީ ފުރަތަމަ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރގެ ސެޓްފިކެޓް ޚާސިލްވުމަކީ ބޮޑު ޒިންމާއެއްކަން ފާހަގަކޮށްފައެވެ. އެކުންފުނިން ބުނީ މިކަމުގެ ސަބަބުން ގިނަ ލުއިފަސޭހަތަކެއް ލިބޭއިރު އެކުންފުނިން މި ސެޓްފިކޭޝަން ހާސިލްވުމުގެ ކުރިންވެސް ވަރަށް ބޮޑަށް، ޤަވާއިދުތައް ތަންފީޒުކުރުމަށް އިސްކަން ދިން ކަމަށެވެ. އެކުންފުނީގެ ދަށުން ހިންގާ އެހެން ރިސޯޓުތަކަށް މި ޕްރޮގްރާމުގެ ބައިވެރިކުރުމަށް މަސައްކަތް ކުރާނެ އިންނަހުރާ ރިސޯޓު ހިންގާ ކުންފުނިން ވިދާޅުވިއެވެ.

އިންނަހުރާ މޯލްޑިވްސް ރިސޯޓަށް ލިބޭ ޚާއްސަ ލުއިތަކުގެ ތެރޭގައި އެފަރާތުން ހުށަހަޅާ ޑިކްލަރޭޝަން ފޯމްތައް އޮޓޯ އެސެސްވުމާއި، މުދާ ބަލައިފާސްކޮށް ދޫކުރުމުގައި އަވަސް އިންތިޒާމްތަކެއް ހަމަޖެހުމާއި، މުދަލުގެ އޮރިޖިންއާއި އެޑްވާންސް ރޫލިންގ ފަދަ ލިޔުންތައް ފޯރުކޮށްދިނުމުގައި ޚާއްސަ އިންތިޒާމްތައް ހަމަޖެހޭނެއެވެ.

އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ ޕްރޮގްރާމަކީ، ބައިނަލްއަޤުވާމީ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން، ކަސްޓްމްސްގެ ޤާނޫނާއި ގަވާއިދާއި އަދި އިމްޕޯޓް އެކްސްޕޯޓްއާ ގުޅުންހުރި އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރާ ފަރާތްތަކަށް، މުދާ އިމްޕޯޓް ނުވަތަ އެކްސްޕޯޓް ކުރުމުގެ މަރުހަލާތަކުގައި ޚާއްޞަ ފައިދާތަކާއި ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި، އެކުލަވާލައިފައިވާ ޤައުމީ ފެންވަރުގެ ޕްރޮގްރާމެކެވެ. ރާއްޖޭގެ މި ޕްރޮގްރާމުގެ ނަމަކީ ”ދިވެހިރާއްޖޭގެ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ" ޕްރޮގްރާމްއެވެ.

ކަސްޓަމްސްއިން ފަށާފައިވާ ޕްރޮގްރާމުގައި ކުންފުނިތައް 3 ޓިއަރއަކަށް ނުވަތަ ގިންތިއަކަށް ބަހާފައެވެ. އެއީ ގޯލްޑް، ސިލްވަރ އަދި ޕްލެޓިނަމް ޓިއަރ އެވެ.

މި ޕްރޮގްރާމުގެ މައިގަނޑު އެއް މަޤްޞަދަކީ، ރާއްޖެއަށް މުދާ އެތެރެކުރުމާއި ރާއްޖެއިން މުދާ ބޭރުކުރުމުގައި އަދި ކަސްޓަމްސްގެ އެހެނިހެން ޚިދުމަތްތައް ހޯދައި ލިބިގަތުމުގައި ޤާނޫނާއި ގަވާއިދާއި އެއްގޮތަށް ޢަމަލުކުރުމަށް، ވިޔަފާރިވެރިންނަށް ހިތްވަރުދީ، އެފަދަ ފަރާތްތައް އިތުރުކުރުމެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި، ކަސްޓަމްސްއިން ކަނޑައަޅާފައިވާ ޚާއްޞަ ޝަރުތުތަކެއް ފުރިހަމަ ކުރަންޖެހެއެވެ.

މެދުކެނޑުމެއް ނެތި މަދުވެގެން 5 އަހަރުދުވަހު މުދާ އިމްޕޯޓް ކޮށްފައިވާނަމަ ނުވަތަ އެކްސްޕޯޓް ކޮށްފައިވާނަމަ، އެފަރާތަކީ ކުދި އަދި މެދުފަންތީގެ ކުންފުންޏެއް ކަމުގައިވީނަމަވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.