ޚަބަރު

ކުރި ބުރަ މަސައްކަތް ހަލާކުވެދިއުމުން، ކުރެންދޫ ރައްޔިތުން މާޔޫސްވެފައި


ޅ.ކުރެންދޫ ފުޓުބޯޅަ ދަނޑު ޚާއްސަވަނީ އެ ދަނޑަކީ ރަށުގެ މޫދާ ކައިރީގައި ހަދާފަވާ ހިތްގައިމު ރީތި ދަނޑަކަށްވުމުން އެކަންޏެއް ނޫނެވެ. މި ދަނޑަކީ ކުރެންދޫގެ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި، އަމިއްލަ މަސައްކަތުން ހަދާފައިވާ ދަނޑަކަށްވުމަކީ މިދަނޑު އެރަށުގެ ރައްޔިތުންނަށް އެންމެ މުހިއްމުވާ ސަބަބެވެ.

ރަށުގެ އާއްމުންނާއި، ޒުވާނުންނާއި ކްލަބް ޖަމިއްޔާތަށް ގުޅިގެން 4 މިލިއަނެއްހާ ރުފިޔާ މި މަސައްކަތަށް ހަރަދުކޮށްފައިވެއެވެ. ހިތްގައިމު ދަނޑުގެ ޢަމަލީ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. އަދި މަސައްކަތް ނިންމާ ދަނޑު ބޭނުންކުރަން ފެށީ 2019 ވަނަ އަހަރުއެވެ.

ނަމަވެސް ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ދަނޑު މުޅިން ސުންނާފަތިކޮށްލީ ބުރާސްފަތި ދުވަހުގެރޭ ދަންވަރުގެ ވަގުތުގައި އެރަށަށް އެރި އުދައިގައެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާޙިމް ސިމާއު، ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ މީގެ ކުރީއަހަރުތަކުގައި އުދަ އަރައިގެން ނުލިބޭވަރުގެ ބޮޑު ގެއްލުންތަކެއް މިފަހަރު އުދަ އަރައިގެން ލިބިފައިވާކަމަށެވެ. އަދި ބައެއް ގޭގެއަށްވެސް ފެންވަދެ ގެއްލުންވިއިރު، އެންމެ ބޮޑު ގެއްލުމެއްވީ ރަށުގެ ރައްޔިތުންގެ މަސައްކަތުން ހަދާފައިވާ އެރަށުގެ ފުޓުބޯޅަ ދަނޑަށެވެ. ދަނޑަށް ލިބުނު ގެއްލުންތަކާއެކު ރަށުގެ ޒުވާނުންނާ ރައްޔިތުންނަށް ބޮޑު މާޔޫސްކަމެއް ލިބިފައިވާކަމަށް ސިމާއު ވިދާޅުވިއެވެ.

"އުދައަރާ ދަނޑުގެ ވަށާފާރު ވެއްޓިފަވަނީ. ކާޕެޓުތަށް އެއްލާލާ މުޅި ދަނޑަށްވަނީ ގަލާ، ފުޅިތޮއްޓާ ވެލި އަރާ ފުރިފަ." ސިމާއު ވިދާޅުވިއެވެ.

ސިމާއު ވިދާޅުވީ އުދައިގައި ދަނޑަށް ބޮޑެތި ގެއްލުންތަކެއްވެފައި ވަނީ، ދަނޑު ހިމެނޭ ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޕްރޮޖެކްޓެއްވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވަނިކޮށްކަމަށެވެ.

ދަނޑަށް ލިބުނު ގެއްލުންތައް ދެނެގަނެ، އެކަން ސްޕޯޓްސް މިނިސްޓްރީއާވެސް ޙިއްސާކުރަމުންދާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ބުރާފަސްތިދުވަހުގެ މެންދުރުން ފަށައިގެން އެރަށަށް ދިޔައީ އުދަ އަރަމުންނެވެ. ނަމަވެސް އާދަޔާ ޚިލާފަ ބޮޑަށް އުދައަރަންފެށީ ދަންވަރު 3:00 ހާއިރުއެވެ.

އުދައިގެ ސަބަބުން ރަށުގެ ދެ ގެއަކަށް ބޮޑެތި ގެއްލުންތަކެއްވިއެވެ. އެގޮތުން އެތަކުގައި ބޭނުންކުރާ އައިސްއަލަމާރިއާއި މެޝިން އަދި ފަރުނީޗަރުފަދަ ސާމާނަށް ގެއްލުންވިކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ. އަދި ރަށަކީ ގަސްހެއްދުމާއި އޭގެ ވިޔަފާރިކުރާ ރަށަކަށްވާއިރު، ގޭގޭގައި ހައްދާފައިވާ ގަސްތަކާއި އެކިވަރުގެ ގެއްލުންތަކެއްވެގެން ރަށުގެ 10 0އެއްހާ ގެއިން ވަނީ ރިޕޯޓްކޮށްފައެވެ.

ކުރެންދޫގެ އާބާދީ 2000އަށް އަރާއިރު، ރަށުގައި ދިރިއުޅޭ އާބާދީ އުޅެނީ 1000އިން މަތީގައެވެ. އެރަށުގަ 274 ގޭބިސީގައި މީހުން ދިރިއުޅެއެވެ.