ޚަބަރު

ބުރުންޏާއި ގާދިއްފުށީގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ހަވާލުކޮށްފި


ބިމުގެގޮތުން ބޮޑު ނަމަވެސް ތ.ބުރުނީގެ އާބާދީއަކީ 600 މީހުންނެވެ. 35 ހެކްޓަރުގެ ބުރުނީއަށް ރަށްގިރުމުގެ މައްސަލަ، ބޮޑު މައްސަލައެއްގެ ގޮތުގައި ކުރިމަތިވެފައިވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދާއި ގާތުން ރަށުގެ ފަސްގަނޑު ގިރަމުންދާތީއެވެ.

ރީތި ބޮޑު ދޮންވެލިގަނޑެއް އޮތް ބުރުނީގެ ގޮނޑުދޮށް ގިރާ، އެ ސަރަޙައްދުތަކުން ގިނަ ރުއްތަކާއި ގަސްތައްވެސް ވަނީ ވެއްޓި ނެތިގެންގޮސްފައެވެ. ރަށްގިރުމުގެ މައްސަލަ ބޮޑު ސަރަޙައްދަކީ، ރަށުގައި މީހުން ދިރިއުޅޭ ގެތަކާއިވެސް ގާތް ސަރަޙައްދެވެ.

ބުރުންޏަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ޙައްލު ގެނައުމަށް، އެރަށުގެ ގޮޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ. އެރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރަނީ ގިރާފައިވާ ސަރަޙައްދަށް އަލުން ވެލިއަޅާ އިއާދަކުރުމަށްފަހުގައެވެ.

ރަށް ގިރާފައިވާ ސަރަޙައްދަށް ވެލިއެޅުމުގެ އިތުރަށް، 369 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއްލުމާއި، 220 މީޓަރުގެ ރިވެޓްމަންޓެއް ޖަހާނެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 8 މަސް ދުވަހުން ނިންމާގޮތަށް، 28.8 މިލިއަން ރުފިޔާއަށެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ އެއަތޮޅު ގާދިއްފުށީގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. އާބާދީގައި 600 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ގާދިއްފުއްޓަކީ 13 ހެކްޓަރުގެ ރަށެކެވެ.

ގާދިއްފުށީގެ ގިރާ ސަރަޙައްދުގެ ޙިމާޔަތްކުރުމުގެ މަސައްކަތުގަ 500 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި އަދި 15 މީޓަރުގެ ހުރަސް ތޮއްޓެއް ޖެހުން ހިމެނެއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 17.7 މިލިއަން ރުފިޔާއަށް، 6 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.