ޚަބަރު

ފެރީ ނިޒާމަށް ބޭނުންވާ ހަނިމާދޫ ފެރީޓަރމިނަލްގެ މަސައްކަތް ފަށައިފި


ރާއްޖޭގެ ރަށްތަށް ހައި ސްޕީޑް ފެރީ ނިޒާމުން ގުޅާލުމަށް ކުރިއަށްގެންދާ މަޝްރޫޢުއަށް ބޭނުންވާ ފެރީ ޓަރމިނަލްތައް އިމާރާތްކުރުމުގެ މަސައްކަތުގެ ތެރެއިން، ހދ.ހަނިމާދޫ ޓަރމިނަލްގެ މަސައްކަތް ފަށައިފިއެވެ.

އިންޓަރގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވަރކް ނުވަތަ ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމުގެ މަސައްކަތަކީ، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުއެކެވެ. މި ޕްރޮޖެކްޓްގެ ހުރިހާ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ. ޕްރޮޖެކްޓް ތަންފީޒްކުރަނީ 3 ފިޔަވައްސަކަށް، 6 ޒޯނަށް ބަހާލައިގެންނެވެ.

ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ ފުރަތަމަ ފިޔަވަހީގަ ހިމެނޭ ހއ.، ހދ އަދި ށ އަތޮޅަށް ފެރީގެ ޚިދުމަތް ފެށުމަށެވެ. އެގޮތުން ފެރީތަށް ބަނުމުގެ މަސައްކަތްތައް މިހާރު ފަށާފަވާއިރު، ރަށްޔިތުންނަށް ފަސޭހަ ޚިދުމަތެއް ދިނުމަށް 3 އަތޮޅުގެ ރަށްތަކުގައި ފެރީ ޓަރމިނަލްތަކާ އަދި ފެރީ ސްޓޮޕްތައް ހެދުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ފާށާފައެވެ. އެގޮތުން މައި 6 ޓަރމިނަލް މި ޒޯންގަ ހަދާނެއެވެ. މީގެތެރޭގަ ހިމެނެނީ ހއ.ހޯރަފުއްޓާ، އިހަވަންދޫ، ދިއްދޫ، ހދ.ހަނިމާދޫ އަދި ށ.ބިލެއްފައްސާ ފޮނަދޫގަ ތަރައްޤީކުރާ ޓަރމިނަލްތަކެވެ.

މީގެތެރެއިން ހަނިމާދޫގެ ޓަރމިނަލްގެ ޢަމަލީ މަސައްކަތް އާދިއްތަދުވަހު އެމްޓީސީސީން ވަނީ ފަށާފައެވެ. އެގޮތުން ޓަރމިނަލްގެ އިން ވަކިކޮށް ފައުންޑޭޝަންގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. އެމްޓީސީސީން މިހާތަނަށް ވަނީ ހއ. އަތޮޅުގައި ހިމެނޭ ހޯރަފުއްޓާއި އިހަވަންދޫ އަދި ދިއްދޫގެ ޓަރމިނަލްގެ މަސައްކަތް ފަށާފައެވެ. މީގެއިތުރުން ށ.އަތޮޅު ބިލެއްފައްސާއި ފޮނަދޫގައި ހަދާ ޓަރމިނަލްތަކުގެ މަސައްކަތް ފެށުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ޒޯން 1ގަ ހިމެނޭ 3އަތޮޅުގައި މީހުން ދިރިއުޅޭ ޖުމްލަ 40ރަށް ހިމެނެއެވެ. ޓަރމިނަލް ހަދާ ރަށްތައް ފިޔަވަ ދެން ހިމެނޭ ރަށްތަކުގައި ހަދަނީ ފެރީ ސްޓޮޕް ތަކެކެވެ. ފެރީ ސްޓޮޕްތަކަށް ބޭނުންވާ ކާސްޓިން މަސައްކަތްތައް ކުޅުދުއްފުށީގައި ވަނީ ފަށާފައެވެ. އަދި 5 ފެރީ ސްޓޯޕްގެ ކާސްޓިން މަސައްކަތްތައް ވަނީ މުޅިން ނިމިފައެވެ.

ހައި ސްޕީޑް ފެރީ ނިޒާމުގެ ފުރަތަމަ ދަތުރުތައް ޒޯން1ގައި ނޮވެމްބަރުމަހު ފަށާނެކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ކުރިން މި ޒޯންގެ ހުރިހާ ރަށަކަށް ޚިދުމަތް ދެން ފަށާނެއެވެ.

ޚިދުމަތްދޭ ފެރީތަކަކީ އާއްމު ދަތުރުފަތުރަށް ޚާއްސަކޮށްގެން ބަންނަ ފެރީތަކެކެވެ. މި މަސައްކަތް ބަނދެފައިވާ ފުރަތަމަ ފެރީ މިމަހު ޓެސްޓުކުރާނެއެވެ. ފުރަތަމަ ޒޯނަށް ޚިދުމަތް ދިނުމަށް 17 ފެރީ ބަނުމަށް ހަވާލުކޮށްފައިވަނީ ޔޫއޭއީގެ ގަލްފްކްރާސްޓާއެވެ.

މި ފެރީތަކަކީ އެއްފަހަރާ 50 މީހުން އުފުލޭނެ ޖާގައާއެކު ތަރައްޤީކުރާ ފެރީތަކެވެ. އަދި ފުރުޅުލީ ގޮނޑިއާ، ބަލިމީހުންވެސް ފަސޭހައިން އުފުލޭނެއެވެ.