ޚަބަރު

ސިވިލް ސާވިސް މުސާރައިގެ މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލައެއް


ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދައިރާގެ މެމްބަރު އަހުމަދު ހަލީމްއެވެ. ހަލީމް ހުށަހެޅުއްވި މިމައްސަލާގައި ބުނެފައިވަނީ ސިވިލް ސަރވިސް މުވައްޒަފުންނަށް ލިބެމުންދާ އުޖޫރައަކީ އެ މުވައްޒަފުން ދެއްވަމުންގެންދާ ހިދުމަތާއި އަޅާބަލާއިރު އެކަށީގެންވާ އުޖޫރައެއް ނޫންކަމަށެވެ. އަދި ސިވިސް ސަރވިސްގެ މުވައްޒަފުންނަށް ލިބެމުންދާ އުޖޫރަ ރަނގަޅު ކުރުމަށްޓަކައި ސަރުކާރުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ލަސްނުކޮށް ނިންމުމަށް ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ހުރިހާ މަސައްކަތްތެރިންނަށްވެސް ހައްގު އުޖޫރަ ލިބެންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ ސިވިލްސާވިސް މުސާރައަކީ އަބަދުވެސް މުރާޖާ ކުރަންޖެހޭ މުސާރައެއް ކަމަށާއި އަދި ސަރުކާރުން މަސައްކަތް ކުރަންމުންދަނީ ސިވިލް ސާވަންޓުގެ މުސާރަ ހައްލު ކުރުމަށްޓަކައި، މިނިވަން ވޭޖް ކަނޑައެޅުމަށް ކަމަށާއި، މިއަހަރުގެ ތެރޭގައި އެކަމަށް ހައްލު އަންނާނެކަމަށް ސަލީމް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ފާއިތުވީ އެއްވެސް ސަރުކާރަކުން ސިވިލް ސާވަންޓުންގެ ހައްގުގައި މަސައްކަތް ނުކުރާކަމަށެވެ. ނަމަވެސް މިސަރުކާރުން މިއަހަރުގެ ތެރޭގައި އެކަމަށް ހައްލު ގެނެސްދޭނެކަމަށް އޭނާ ވިދާޅުވިއެވެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ ސިވިލްސާވަންޓުންގެ މުސާރަތައް ލަސްނުކޮށް ބޮޑުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

ސިވިލް ސަރވަންޓުންގެ މުސާރާއިގެ މައްސަލާއިގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ސަރުކާރުން ވިދާޅުވީ ނޭޝަނަލް ޕޭ ކޮމިޝަނުން މިހާރު މަސައްކަތްކުރަމުން އަންނަ ޕޭ ފްރޭމްވޯކް އޮތީ ނިމުމުގެ އެންމެ ފަހުގެ މަރުޙަލާގައިކަމަށެވެ. އަދި މި ފްރޭމްވޯކްގެ މަސައްކަތް ނިމި ތަންފީޒުކުރަން ފެށުމާއެކު ސިވިލް ސަރވިސްގެ އެންމެ އާދައިގެ މުވައްޒަފުންގެ މުސާރައިންވެސް ހެޔޮ ބަދަލެއް ފެންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ސަރުކާރުގެ އަމާޒަކީ ޕޭ ފްރޭމްވޯކްގެ މަސައްކަތް މިއަހަރު ނިންމާ އަންނަ އަހަރު ޢަމަލުކުރަންފެށުންކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.