ޚަބަރު

ޓެރަރިސްޓުންގެ ގޮތުގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަށް ޤާނޫނީ ހުރަހެއް ނެތް: އޭޖީ


މުޖްތަމަޢަށް ނުރައްކާތެރި ފަރާތްތައް ބަންދުގައި ބެހެއްޓޭނެ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ތެރެއިން ޖާގަ އެބައޮތްކަމަށާއި، އެފަދަ ފަރާތްތައް ހިފާ ހައްޔަރުކޮށް، މޮނިކޮން އަމުރު ނެރުމުގެ ބާރު ޤާނޫނުން ލިބިދީފައިވާކަމަށް ބަންޑާރަ ނާއިބް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނާއިބު މިހެން ވިދާޅުވީ މުޖްތަމަޢަށް ނުރައްކާތެރި ފަރާތްތައް ބަންދުގައި ބޭތިއްބޭނެ ގޮތެއް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ތެރެއިން އަދިވެސް މަގުދައްކައި ނުދޭކަމަށާއި، އެފަރާތްތައް ބަންދުން ދޫކޮށްލައި ރީހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމަށް ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ޖާގަނުދޭކަމަށް ހޯމް މިނިސްޓަރ ވިދާޅުވެފައިވަނިކޮށެވެ. މިކަމާއި ގުޅިގެން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު މިއަދު މަޖިލީހުގައި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތަށް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ބަންޑާރަ ނާއިބް ވިދާޅުވީ ނުރައްކާތެރި މީހުން ހިފާ ހައްޔަރު ކުރުމަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތްކަމަށެވެ.

ބަންޑާރަ ނާއިބު ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ ދަށުން ހޯމް މިނިސްޓަރަށާއި، ފުލުހުންނަށް ލިބިދީފައިވާ ބާރުތައް ހިއްސާ ކޮށްދެއްވާފައެވެ. ބަންޑާރަ ނާއިބް ވިދާޅުވީ، ޤާނޫނުގެ ތެރެއިން ޓެރަރިޒަމްގެ ކުށުގެ ގޮތުގައި 12 ކުށެއް ކަނޑައަޅާފައިވާކަމަށެވެ. އަދި މުޖުތަމައަށް ނުރައްކާތެރި މީހުން ހިފާ ހައްޔަރުކޮށް އެފަދަ މީހުންގެ މައްޗަށް މޮނިކޮމް އަމުރުނެރުމުގެ ބާރު ހޯމް މިނިސްޓަރަށް ޤާނޫނުން ލިބިދީފައިވާކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ. އަދި އެފަދަ މީހުންގެ މައްޗަށް މޮނިކޮމް އަމުރު ނެރުމަށް ހައިކޯޓަށް ގޮސްފިނަމަ މިހާތަނަށް އެއަމުރު ނެރެދީފައިވާކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

"މިހާރު އަމަލު ކުރަމުންދާ ޤާނޫނުގައި އެޅިދާނެ ފިޔަވަޅުތައް ސާފުކޮށް ސަރީހަކޮށް، ބަޔާންކޮށްފައި އެބަވޭ. އެހެންވީމަ އެތަންފީޒު ކުރުމަށްޓަކައި އިތުރަށް މައްސަލަ ހުރިކަމަށް ވަނީ ވިއްޔާ އެޔަށް އަޅުގަނޑުމެން އެޑްރެސް ކުރަންވީ" ބަންޑާރަ ނާއިބް ވިދާޅުވިއެވެ.

މޮނިކޮން އަމުރަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިކޮށްފާނެކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުން 'މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށް' ކޯޓުން ނެރޭ އަމުރެކެވެ.

ބަންޑާރަ ނާއިބު ވިދާޅުވީ މޮނިކޮމް އަމުރަކީ ޤާނޫނުގައި އެއްއަހަރު ދުވަހަށް ނެރެވޭ އަމުރެއްކަމަށް ބުނެފައިވީނަމަވެސް އެއަށްވުރެއް ދިގު މުއްދަތަށްވެސް އަމުރު ނެރެވޭގޮތަށް ޤަނޫނުން ޖާގަ ދީފައިވާކަމަށެވެ. އަދި އަމުރު ނެރޭ މީހާގެ މައްޗަށް އެއްފަހަރަށްވުރެ ގިނަ ފަހަރަށްވެސް އަމުރު ނެރެވިދާނެކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

ހަމައެހެންމެ ޤާނޫނުގެ ތެރެއިން ޓެރަރިސްޓް ހަނގުރާމަތަކާއި، އެފަދަ ފަރާތްތަކުގެ ގޮތުގައި ބެލެވޭ މީހުންނަށް ރިހިބިލިޓޭޝަން ޕްރޮގުރާމު ހިންގުމުގެ ބާރުވެސް ހޯމް މިނިސްޓަރަށާއި، ފުލުހުންނަށް ލިބިދީފައިވާކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ. ބަންޑާރަ ނާއިބް ވިދާޅުވީ ޤާނޫނީ މިހާރު އަމަލު ކުރަމުންދާ ޓެރަރިޒަމް މަނާ ކުރާ ޤާނޫނުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް ފުލުހުންނާއި ހޯމް މިނިސްޓްރީއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު މިހާރު މަޖިލީހަށް ބިލެއް ފޮނުވާފައިވާނެކަމަށާއި މިއާއިއެކުވެސް އެ އިދާރާތަކުގެ ހުރި ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބިގެންދާނެކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.