ޚަބަރު

ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ ދެވަނަ ފިޔަވަހި ފަށަން ތައްޔާރުވެއްޖެ


ހދ.ކުޅުދުއްފުށީގެ މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން، ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއެވެ.

ކުޅުދުއްފުށީގެ އިތުރު މަގުތަކުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީމަހުއެވެ. ނަމަވެސް ކޮވިޑްގެ ޙާލަތާ ގުޅިގެން މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، އެ ކުންފުނިން މިހާރު ވަނީ ކުޅުދުއްފުށީގައި މަސައްކަތް ފެށުމަށް ތައްޔާރުވާން ފަށާފައެވެ.

އެގޮތުން މަގުހެދުމުގެ މަސައްކަތަށް ބޭނުންވާ، ޕްރީކާސްޓިން މަސައްކަތްތައް ކުރިއަށްގެންދާ ސައިޓް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. ޕޭމަންޓް ގަލާ ފެންހިންދާ ކާނުގެ ހެދުމުގެ މަސައްކަތްތަކާއި އެހެނިހެން ޕްރީ ކާސްޓްތައް ތައްޔާރުކުރާނީ މި ސައިޓުގައެވެ. އާރްޑީސީން ބުނެފައި ވަނީ ސައިޓްގެ %85 މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށެވެ. އަދި މިވަގުތު ކުރިއަށްދަނީ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައްކަމަށާ، ވަރަށް އަވަހަށް ސައިޓްގައި މަސައްކަތްތައް ފެށޭނެކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތުގައި ހިމެނެނީ އެރަށުގެ އިތުރު 24 މަގެއްގައި ތާރު އަޅައިގެން ތަރައްޤީކުރުމެވެ. އެއީ 6 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދެވެ. ތާރުއެޅުމުގެ އިތުރުން މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގުބައްތި ޖެހުމާއި ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ 100.7 މިލިއަން ރުފިޔާއަށް، އެއް އަހަރާ 7މަސް ދުވަހުން ނިންމާގޮތަށެވެ.

ކުޅުދުއްފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގެން ދިޔައީ 2016ވަނަ އަހަރުއެވެ. ފުރަތަމަ ފިޔަވަހީގައި ރަށުގެ 18 މަގެއްގައި ތާރުއަޅާފައިވެއެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މުޅިން ނިމިފައި ވަނީ 2018 ވަނަ އަހަރުއެވެ.

ކުޅުދުއްފުށީގެ މަގުތައް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގައި ތާރު އެޅީ، ރައްޔިތުން އާއްމު ގިނަ ޚިދުމަތްތައް ހޯދުމަށްދާ އެކިއެކި މުޢައްސަސާތައް ހުރި މަގުތަކުގައެވެ. އެގޮތުން ހޮސްޕިޓަލާ ސްކޫލް ހުންނަ މަގުގެ އިތުރުން ބަނދަރު ސަރަޙައްދު ހިމެނެއެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތްތައްވެސް ގުޅިގެން އަންނާނީ މި ސަރަޙައްދުތަކާއެވެ.

ހދ.ކުޅުދުއްޓަކީ އެ ސަރަޙައްދުގެ ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށަށްވުމާއި އަދި އިތުރު ގިނަ ޚިދުމަތްތަކެއް ލިބޭ ރަށަކަށްވާތީ ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު އަރާ ފައިބާ ރަށެކެވެ. ކުޅުދުއްފުށީ ވެފައި ވަނީ މަގުތައް ހަލާކުވެ، ފެންބޮޑުވުމުގެ މައްސަލަވެސް ބޮޑު ރަށަކަށެވެ. އެހެންކަމުން ފެން ހިންދާ ނިޒާމާއެކު މަގުތައް ހެދުންވެފައި ވަނީ އެރަށަށް މުހިންމު މަސައްކަތަކަށެވެ.