ކ.ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިމޭނެކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.
ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫއާއެކު އެމްޓީސީސީން ވަނީ އެ ސަރަހައްދުގެ ރައްޔިތުން ދަތުރުދާނެ ރަށެއްވެސް ތަރައްޤީކޮށްދީފައެވެ.
ބޮޑު އާބާދީއެއް ދިރިއުޅޭ އަދި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިވެސް ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކ.ގުރައިދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ ދަތިތަކެމެވެ. އެރަށުން ދިރިއުޅުމަށް ގޯތި ދޫނުކުރާތާ 17 އަހަރުވެފައިވާކަމަށް ގުރައިދޫ ކައުންސިލުން ވިދާޅުވެއެވެ. މިމައްސަލައަށް ޙައްލެއް ގެނެސްދެއްވުމަށް އެރަށު ރައްޔިތުންނާއި ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެންނެވުމާއި ގުޅިގެން އެރަށުގައި ބިން ހިއްކުމުގެ މަޝްރޫޢު ވަނީ އެމްޓީސީސީއާއި ޙަވާލުކުރައްވާފައެވެ. އެމަޝްރޫޢުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތާއެކު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއިން އަންނަނީ ކުރަމުންނެވެ.
އެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިއީ އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދިއެދި ތިބިކަމެއްކަމަށާއި އެހެންކަމުން މަސައްކަތް އަވަހަށް ނިންމުމަށް ވަރަށް ބޮޑު އިސްކަމެއް އެމްޓީސީސީއިން ދޭކަމަށެވެ.
"އަޅުގަނޑުމެން ވަނީ މިރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން މިރަށުގައި ޕިކްނިކް އައިލެންޑެއްވެސް ތަރައްޤީކޮށްދީފައި. އަދި މިހާރު މަސައްކަތް މިކުރަނީ ބިން ހިއްކުމުގެ މަސައްކަތްވެސް އެއްކޮށް ނިންމުމަށް. ބިން ހިއްކުމުގެ މައިގަނޑު މަސައްކަތްތައް މިހާރުވަނީ ނިމިފައި. މިމަހުގެ ނިޔަލަށް މިހާރު ނުކުރެވިހުރި މަސައްކަތްތައް ނިމޭނެ." އާޒިމް ވިދާޅުވިއެވެ.
ގުރައިދޫއަށް ދިމާވެފައިވާ ބޮޑު މައްސަލައަކަށް ޙައްލެއް ލިބިގެން އަންނަކަމުގެ ހިތްހަމަޖެހުން ފާޅުކުރައްވަމުން ރަށުގެ ކައުންސިލް މެމްބަރު އިބްރާހިމް ޝަރީޒް ވިދާޅުވީ ގުރައިދޫއަށް އިޤްތިސާދީ ހެޔޮ ބަދަލެއް އަންނާނެކަމުގެ އުއްމީދު ބޮޑުވެފައިވާކަމަށެވެ. އެގޮތުން އަލަށް ތަރައްޤީކުރެވުނު ޕިކްނިކް އައިލެންޑަކީ އެސަރަޙައްދުގައި ހުރި ރިސޯޓުތަކަށް އަންނަ ފަތުރުވެރިންނަށާއި ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ގުރައިދޫގެ ފަތުރުވެރިކަމަށްވެސް މުހިއްމު ތަނަކަށްވާނެކަމަށް ކައުންސިލުން އުއްމީދުކުރެއެވެ.
"މިއީ ރާއްޖޭގެ ރަށެއްގެ ފަޅުތެރޭގައި ޕިކްނިކް އައިލެންޑެއް ތަރައްޤީކުރެވުނު ފުރަތަމަ ރަށް. މިއީ ރަށުގެ ލޯކަލް ޓޫރިޒަމަށް އިތުރު ނަފާ ލިބިގެންދާނެކަމަކަށް ވާނެ" ކައުންސިލް މެމްބަރު ވިދާޅުވިއެވެ.
ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމުމާއެކު ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލައި، ރައްޔިތުންނަށް ބިން ދޫކުރަން ފަށާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ. މިއީ އެރަށު ރައްޔިތުން އެތައް އަހަރެއް ވަންދެން ކުރަމުންދިޔަ ދިގު އިންތިޒާރެކެވެ.
ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ގުރައިދޫގައި 15 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި 1200 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ރިވެޓްމެންޓް ޖަހާ ޙިމާޔަތްކޮށްފައެވެ. ދައުލަތުގެ ބަޖެޓުން 85.93 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢާއެކު ގުރައިދޫ ރައްޔިތުންގެ އެތައް ޒަމާނެއްވީ މައްސަލައަކަށް ވަނީ ޙައްލެއް ލިބިފައެވެ.