ޚަބަރު

އުނގޫފާރު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ފަށަނީ


ރ.އުނގޫފާރު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިނުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އެހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ. ސީޓީ ސްކޭންގެ ޚިދުމަތް ދިނުމަށް ބޭނުންވާ މެޝިން މިހާރު އެހޮސްޕިޓަލުގައިވަނީ އިންސްޓޯލްކޮށްފައެވެ.

ޓަރޝިއަރީ ފެންވަރަށް އުނގޫފާރުގެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު އެހޮސްޕިޓަލުގައި ލިބެން ހުރި ޚިދުމަތްތައް އިތުރުކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރ.އުނގޫފާރު ހޮސްޕިޓަލުން ޚިދުމަތް ހޯދަމުން އަންނަ އެރަށު މީހުންނާއި ކައިރި ރަށްރަށުގެ ޢާއްމުންގެ އެންމެ ބޮޑު އެއް އެދުމަކީ އެހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ދިނުމެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ހުސައިން ޝިހާމް ވިދާޅުވީ ސީޓީ ސްކޭންގެ ޚިދުމަތް ދިނުމަށްޓަކައި މިހާރު މެޝިން އިންސްޓޯލްކޮށް ނިމިފައިވާކަމަށެވެ. އަދި މިވަގުތު ކުރިއަށްދަނީ ޚިދުމަތް ދިނުމަށް ބޭނުންވާ ސްޓާފުން ތަމްރީންކުރުމާއި ޚިދުމަތް ފަށައިގަތުމަށްވާންޖެހޭ އިދާރީ ކަންކަންކަމުގައެވެ.

"މިހާރު މެޝިން އިންސްޓޯލްކޮށް ނިމިއްޖެ. އަދި ސްޓާފުން ޓްރެއިންކުރުމުގެ މަސައްކަތާއި އިންޓާނަލް އިތުރު ބައެއްކަންކަން ހަމަޖެއްސުމުގެ މަސައްކަތް މިހަރު ކުރަންހުރީ. އެހެންވީމަ މިކަންކަން ނިންމައި އަންނަ މަހުގެ 1ވަނަ ދުވަހު އޮފިޝަލީ އަޅުގަނޑުމެން ސީޓީއަށް އެޕޮއިންޓްމަންޓް ދޫކުރަން ފަށާނަން." ޝިހާމް ވިދާޅުވިއެވެ.

ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ މިހޮސްޕިޓަލުގައި ސްޕެޝަލިސްޓުންގެ ގިނަ ޚިދުމަތްތަކެއް ލިބެން އެބަހުއްޓެވެ. އަދި މިވަގުތު ހޮސްޕިޓަލުގައި ނެތް ބައެއް ޚިދުމަތްތައް ޤާއިމުކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސީޓީ ސްކޭންގެ ޚިދުމަތް ވަރަށް އަވަހަށް ފަށާއިރު، އަންނައިރު މެމޮގްރަފީގެ ޚިދުމަތް ފެށުމަށްވެސް މަސައްކަތް ކުރަމުން އަންނަކަމަށް އުނގޫފާރު ހޮސްޕިޓަލުން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ސަބަބުން ފުރަބަންދުގެ ޙާލަތުގައި މާލެ އޮތް ދުވަސްވަރު އުނގޫފާރު ހޮސްޕިޓަލުންވަނީ ރާއްޖޭގެ ގިނަ ރަށްރަށުން ސިއްޙީ ފަރުވާ ހޯދުމަށް ދިޔަ ގިނަބަޔަކަށް ޚިދުމަތް ފޯރުކޮށްފީފައެވެ. އުނގޫފާރު ހޮސްޕިޓަލުން ވިދާޅުވީ ޢާއްމުގޮތެއްގައި 350އާއި 400އާ ދެމެދުގެ ޢަދަދެއްގެ ބަލި މީހުންނަށް އޯޕީޑީގައި ޚިދުމަތް ދެމުން އައިނަމަވެސް ކޯވިޑާ ގުޅިގެން އޯޕީޑީއަށް ބާރު ބޮޑުވެފައިވާކަމަށެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް 500އާއި 600އާ ދެމެދުގެ ޢަދަދަކަށް ބަލި މީހުން އަންނަކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.

ހޮސްޕިޓަލުގެ މެނޭޖަރ ހުސައިން ޝިހާމް ވިދާޅުވީ ދުވަލެއްގެ މައްޗަށް އެވްރެޖްކޮށް އެހޮސްޕިޓަލުގެ ޑޮކްޓަރުން 40އަށްވުރެ ގިނަ ބަލި މީހުން ބަލަމުން އަންނަކަމަށެވެ. ކޯވިޑްގެ ޙާލަތު ރަނގަޅުވަމުން އަންނަ މިދަނޑިވަޅުގައި ހޮސްޕިޓަލުގެ ޚިދުމަތް ބަހާލާފައިވަނީ މެންދުރުފަހުގެ ގަޑިތަކަކީ މިވަގުތު އެސަރަޙައްދުގައި މޮނީޓަރިންގެ ޙާލަތުގައި ހުރި ރަށްރަށުން އަދި ރިސޯޓުތަކުން އަންނަ ބަލި މީހުންނަށް ފަރުވާދިނުމަށްކަމަށް އުނގޫފާރު ހޮސްޕިޓަލުން ވިދާޅުވެއެވެ.

3 ބުރީގެ އާޢިމާރާތަކާއެކު ޓަރޝަރީ ފެންވަރަށް ހޮސްޕިޓަލް ތަރައްޤީވެގެން އަންނައިރު 10 ކޮޓަރީގެ އެމަޖެންސީ ރޫމަކާއި، ރޭޑިއޮލޮޖީ ޑިޕާޓްމަންޓަކާއި 2 އެކްސްރޭ ރޫމާއި، އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތާއި، މެމޮގްރަފީގެ އިތުރުން އެމްއާރްއައި ފެސިލިޓީއާއި ފިޒިއޯ އަދި ޕްރައިވެޓް ރޫމްވެސް ހުންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އުނގޫފާރު ހޮސްޕިޓަލުން ވިދަޅުވީ މިމަސައްކަތުގެ ދަށުން ޢިމާރާތުގެ ސްޓްރަކްޗަރގެ ހުރިހާކަމެއް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތްތައްކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.