ޚަބަރު

މޫސުން ގޯސްވެ، މާލެ ސަރަޙައްދުގެ ފެރީ ދަތުރުތައް ހުއްޓާލައިފި

މާލެ ސަރަޙައްދުގެ މޫސުން ގޯސްވުމާ ގުޅިގެން، ގްރޭޓަރ މާލެ ސަރަޙައްދުގެ ފެރީގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މާލެ ސަރަޙައްދަށް ފެރީގެ ޚިދުމަތް ދެމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.

އެމްޓީސީސީން ވިދާޅުވީ އެ ކުންފުނިން ޚިދުމަތްދެމުން އަންނަ މާލެ-ހުޅުމާލެ، މާލެ-ވިލިމާލެ، މާލެ-ތިލަފުށި އަދި މާލެ-ގުޅީފަޅުގެ އާއްމު ފެރީދަތުރުގެ ޚިދުމަތްތައްވެސް ވަގުތީގޮތުން މެދުކަނޑާލާފަވާކަމަށެވެ. މިގޮތަށް ނިންމާފަވަނީ، ޚިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައިކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން މިއަދުގެ ހުރިހާ ފެރީ ދަތުރުތައް ވަނީ ކެންސަލްކޮށްފައެވެ. އެ ކުންފުނިން ވިދާޅުވީ އަލުން ޚިދުމަތް ފަށާނީ، ދަތުރުކުރެވޭވަރަށް ކަނޑުމަޑުވެ، މޫސުން ރަނގަޅުވުމުންކަމަށެވެ.

ފެރީ ނިޒާމަކީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ޚިދުމަތެކެވެ. ޚާއްސަކޮށް ވިލިމާލޭ ގުޅީފަޅު އަދި ތިލަފުއްޓަށް ދަތުރުކުރުމުގައި އޮތް ހަމައެކަނި، އާއްމު ދަތުރުފަތުރުގެ ނިޒާމަކީވެސް ފެރީ ނިޒާމެވެ.

މާލެ-ހުޅުމާލެއާ ދެމެދުކުރާ ފެރީގެދަތުރުތައް މެދުކަނޑާލިނަމަވެސް، އެމްޓީސީސީން ދެމުންދާ ބަހުގެ ޚިދުމަތް ލިބެނޭނެއެވެ.

މޫސުން ގޯސްވުމާއި ގުޅިގެން މެޓް އޮފީހުން ވަނީ، މާލޭ ހިމެނޭ ސަރަޙައްދަށް ޔެލޯ އެލަރޓްވެސް ނެރެފައެވެ. މި ގަޑިތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމާއެކު އަދި ކަނޑުތައްވެސް ގަދަވާނެއެވެ.