ޕްލާސްޓިކު ބޭނުންކުރުން ހުއްޓުވުމަށް ރާއްޖޭގެ ސްކޫލްތަކުގައި ހިންގާ "އެއަރ ޗެލެންޖް" ޙަރަކާތުގެ ފުރަތަމަ މަރުހަލާ އެންމެ ފުރަތަމަ ވ.ކެޔޮދޫ ސްކޫލުން ކާމިޔާބުކޮށްފިއެވެ.
ސްކޫލްތަކަށް އަމާޒުކޮށްގެން ޕަރލޭ މޯލްޑިވްސް އިން ކުރިއަށްގެންދާ މި ޗެލެންޖުގެ ފުރަތަމަ މަރުހަލާގައި 12،795 ކިލޯގެ ޕްލާސްޓިކް ކިރައިގެން ކިޔޮދޫ ސްކޫލަށް ވަނީ އައުޓްޑޯ ސައުންޑް ސިސްޓަމެއް އިނާމެއްގެ ގޮތުގައި ލިބިފައެވެ. ކެޔޮދޫ ސްކޫލުން މި ހޯދި ކާމިޔާބީ ފާހަގަކޮށް، އެ ސްކޫލުގައި ބޭއްވި ޚާއްސަ ޙަފްލާ ޝަރަފުވެރިކޮށްދެއްވާ، އެ ސްކޫލަށް އިނާމު ޙަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ.
މި ކާމިޔާބީ ފާހަގަކުރުމުގެގޮތުން "ޔޫ އެންޑް މީ"ގެ ނަމުގައި ކެޔޮދޫ ސްކޫލުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ސްނޯކްލިންގ ހަރަކާތެއްވެސް ވަނީ ބާއްވާފައެވެ. އެގޮތުން ވ. ކެޔޮދޫ ކައިރީ އޮންނަ "އަސްލު ބްރޭކް" ޝިޕްރެކް ސަރަހައްދަށް ދަތުރުގޮސް، އެ ސަރަހައްދުގެ ކަނޑުއަޑީގެ ރީތިކަން ތަޖުރިބާކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ދީފައިވެއެވެ.
ކެޔޮދޫ ސްކޫލުގެ 20 ދަރިވަރުންނާއެކު މި ދަތުރުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއާއި، މިނިސްޓްރީގެ ބައެއް އިސްވެރިންނާއި، ޕާރލޭ މޯލްޑިވްސްގެ ޓީމާއި، ކެޔޮދޫ ބައެއް މުއައްސަސާތަކުގެ ވެރިންނާއި، ގެސްޓްހައުސް ވިޔަފާރި ހިންގާ ބައެއް ފަރާތްތަކުގެ އިތުރުން ފުލުހުންނާއި، ކެޔޮދޫ ސްކޫލުގެ ބައެއް ޓީޗަރުންނާއި ބެލެނިވެރިންވެސް ވަނީ ބައިވެރިވެފައެވެ. އެޑިއުކޭޝަން މިނިސްޓަރ ކެޔޮދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ އެރަށުގެ މުއައްސަސާތަކާއި ޖަމްޢިއްޔާތަކުގެ އިސްވެެރިންނާވެސް ބައްދަލުކުރައްވާފައެވެ.
A very engaging snorkeling event organized by @parleymv under their AIR Challenge-Reef & Me Program, for the Students of @keyodhuschool, at the Shipwreck Site near V. Keyodhoo Island. Minister @aisthly joined the students at today’s event. pic.twitter.com/yzXguE6peq
— Ministry of Education (@MoEdumv) September 12, 2021
ޕްލާސްޓިކާއި ދެކޮޅަށް ރާއްޖޭގެ ސްކޫލުތަކުގައި ކުރިއަށްގެންދާ "އެއަރ ޗެލެންޖް" ހަރަކާތް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ 21 ވަނަ ދުވަހުއެވެ.
މި ޗެލެންޖުގެ މަޤްޞަދަކީ އިންޓަރސެޕްޝަން ނުވަތަ ވެށްޓަށް ދިޔަނުދީ ޕްލާސްޓިކު ހިފެހެއްޓުމުގެ އިތުރުން، ޕްލާސްޓިކު ބޭނުންކުރުން ހުއްޓުވުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި އުފެއްދުންތެރިކަމުގައި އާ ފަރުމާތަކަށް ބަދަލުވުމުގެ މަސައްކަތްތައް ކުރުމަށް ދަރިވަރުންނަށް ބާރުއަޅައި ހިތްވަރުދިނުމެވެ.
އެއަރޗެލެންޖް ހަރަކާތަކީ އެވޮއިޑް، އިންޓަރސެޕްޓް، ރީޑިޒައިން މިއިން ކޮންމެ ކެޓަގަރީގެ ދަށުން އެއް އަހަރުދުވަހުގެ ތެރޭގައި ތަފާތު މަސައްކަތްތަކެއް ކޮށް ނިންމައި ރިޕޯޓުކުރުމުން ކަނޑައެޅިފައިވާ ޕޮއިންޓުތަކެއް ލިބެމުންދާގޮތަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ.
އެއަރޗެލެންޖުގައި ވަނީ 3 މަރުހަލާއެކެވެ. ފުރަތަމަ މަރުހަލާ ފުރިހަމަވާނީ 1025 ޕޮއިންޓު ހާސިލުވުމުންނެވެ. ދެވަނަ މަރުހަލާ 2050 ޕޮއިންޓުން އަދި ތިންވަނަ މަރުހަލާ 5075 ޕޮއިންޓު ފުރިހަމަކުރުމުން ހަމަވާނެއެވެ. މިއިން ކޮންމެ މަރުހަލާއެއްގައި ކަނޑައެޅިފައިވާ ޕޮއިންޓް ސްކޫލްތަކުން ހާސިލްކުރުމުން، އެއަރ ޗެލެންޖްގެ އިނާމު ކެޓެލޮގުން އެ ސްކޫލަކުން ޚިޔާރުކުރާ އިނާމުތަކެއް ލިބިގެންދާނެއެވެ.
މި ހަރަކާތަކީ ޕާރލޭގެ އެއަރ ސްޓްރެޓަޖީ އޮނިގަނޑުގެ ދަށުން 2015 އިން ފެށިގެން ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ހިންގަމުން އަންނަ އެއަރ ސްކޫލް ޕްރޮގްރާމްގެ އައު ފިޔަވަޅެކެވެ.
އެއާރ ސްޓްރެޓަޖީއަކީ ކަނޑުވެށީގެ ދިރުން ހިމާޔަތްކުރުމަށާއި ތަޣައްޔަރުވުން ހުއްޓުވުމަށްޓަކައި އެވޮއިޑް- އިންޓަރސެޕްޓް – ރީޑިޒައިން، މި 3 ކަމުގެ މައްޗަށް އެކުލަވާލެވިފައިވާ، ޕްލާސްޓިކު ބޭނުން ކުރުން ހުއްޓުމާއި އުކާލާ ޕްލާސްޓިކު ވެއްޓަށް ދިޔަނުދީ ހިފެހެއްޓުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި އުފެއްދުންތެރިކަމުގައި އާފަރުމާތަކަށް ބަދަލުވުމަށް އަމާޒުކޮށް މަސައްކަތްކުރުމުގެ އޮނިގަނޑެކެވެ.
2015 ގައި ފެށި މި ޕްރޮގްރާމް މިހާތަނަށް އަމާޒުކުރެވިފައިވަނީ ކުރިމަގަށް އެންމެ ބޮޑު ނުރައްކަލަކަށްވާ ޕްލާސްޓިކު ވެށްޓަށް ދިޔަނުދީ ހިފެހެއްޓުން ނުވަތަ އިންޓަރސެޕްޝަނަށެވެ. މި ހަރަކާތް ވަނީ ވޭތުވި 3 އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ފެތުރި ފުޅާވެފައެވެ. މިގޮތުން ގޮނޑުދޮށް ސާފުކުރުމުގެ 250 ހަރަކާތް ހިންގިފައިވެއެވެ. އަދި އިންޓަރސެޕްޝަންގައި މިހާތަނަށް ބައިވެރިވެފައިވާ 133 ސްކޫލުން 815،56 ކިލޯ ޕްލާސްޓިކު ވެށްޓަށް ދިޔަނުދީ ރިސައިކްލިންގއަށް ރާއްޖޭން ބޭރުކުރެވިފައިވެއެވެ.