ފެނާއި ނަރުދަމާގެ ޚިދުމަތަކީ އެންމެހައި ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގެކެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ބ.އަތޮޅުގެ 4 ރަށެއްގައި މިހާރުވެސް މިމަސައްކަތް ކުރަމުން އާދެއެވެ. މިމަސައްކަތުގެ ތެރެއިން ކަމަދޫގައި ފެނާ ނަރުދަމާގެ މައި ހޮޅިވަޅުލުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.
މަސައްކަތުގެ ކޮންޓެކްޓަރ އެމްޑަބްލިއުއެސްސީން ވިދާޅުވީ ބައެއް ސާވޭތައް ނުނިމޭތީ މަސައްކަތް ފެށުން ކޮންމެވެސް ވަރަކަށް ލަސްވިކަމަށެވެ. އެހެން ނަމަވެސް މިހާރު މިހުރިހާ ކަމެއް ހައްލުވެފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.
ކަމަދޫ ކައުންސިލްގެ ރައީސް ހަޒަން ޒަރީރު ވިދާޅުވީ މި މަޝްރުޢުގެ މަސައްކަތާއެކު، ރައްޔިތުން ދެކެމުންއައި ހުވަފެން ހަގީގަތަކަށް ވެގެންދާނެކަމަށެވެ. ރަށުގެ ފެން ތަޣައްޔަރުވެ ފެނުން ނުބައިވަސް ދުވާތީ އެރަށަށް އަންނަ ފަތުރުވެރިންވެސް ޝަކުވާ ކުރާކަމަށާ، ފާޚާނާއިން ބޭރުކުރާ ނަޖިސް ބިމުގެ ފަސްގަނޑަށް ހިންދުމަކީ ގިނަބަޔެއްގެ ކަންބޮޑުވުމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މަސައްކަތުގެ ކޮންޓެކްޓަރ އެބަ ޔަގީންކަން ދެއްވާ، ދެން މަސައްކަތް ލަސްނުވާނެކަމަށް. އެހެންވެ މި ބުނީ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ވާކަށް މާގިނަދުވަސްތަކެއް ނުނަގާނޭ." ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވިއެވެ.
ކަމަދޫގައި ފެނާއި ނަރުދަމާއަށް ބޭނުންވާ މައި ހޮޅި ވަޅުލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިމަޝްރޫޢުގެ ދަށުން އެރަށުގެ 120 ގެއަކަށް ފެން ކަނެކްޝަން ގުޅައިދޭނެއެވެ. އަދި ފެން ރައްކާކުރުމަށް 200 އަކަމީޓަރުގެ ދެ ޓޭންކް ބަހައްޓައި ވާރޭފެން ރައްކާކުރުމަށް 520 އަކަ މީޓަރުގެ ތާނގީއެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ދުވާލަކު ފަންސަވީސް ހާސް ޓަނުގެ ފެން އުފެއްދޭ ޕްލާންޓަކާއެކު 4،387 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް މިރަށުގައި ޤާއިމްކުރާނެއެވެ.
ޕްލޭނިންގ މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ މިމަސައްކަތް ޙަވާލުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 14ވަނަ ދުވަހުއެވެ. 540 ދުވަހުގެތެރޭގައި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މިމަސައްކަތަށް 56.6 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ.
އެމްޑަބްލިއުއެސްސީން މިހާރުވެސް ބ.ގޮއިދު އާއި މާޅޮހުގެ ފެނާ ނަރުދަމާގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ކެންދުއާއި ދަރަވަންދޫގައި މިމަސައްކަތް ފެށުމަށް އެކުންފުނިން އަންނަނީ ތައްޔާރުވަމުނެވެ. ކަމަދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ބައެއް ސާމާނު މިއަހަރުގެ މާޗް މަހުގެތެރޭގައި ވަނީ އެރަށަށްގެންގޮސްފައެވެ.
ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ކަމަދޫގައި މިވިޔަފާރި ކުރުމަށް އޮތް އެންމެބޮޑު ދަތިކަމަކީވެސް ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމެއް ނެތުމެވެ. މިކަމަށް ހައްލުލިބިގެން ދިއުމަކީ ކަމަދޫ ރައްޔިތުން ކުރާ އެންމެބޮޑު އުންމީދެވެ.