ޚަބަރު

"ލެގަސީ ވޭސްޓް ކްލީން އަޕް" ޕްރޮޖެކްޓް: 15 ރަށަކުން ކުނިތައް ބޭރުކޮށްލައިފި


އެތައް ޒަމާނެއްވީ ކުނީގެ ބޮޑެތި ފުނިތައް ރާއްޖޭގެ ގިނަ ރަށްރަށުގައި ހުރެ އެފަދަ ކުނީގެ ސަބަބުން ޞިއްޙީ އަދި ތިމާވެށީގެ އެތައް މައްސަލައެއް އަންނަނީ ކުރިމަތިވަމުންނެވެ. މި މައްސަލަ ޙައްލުކުރުމަށްޓަކައި ކުނި ބޭރުކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ސަރުކާރުން ވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއާއި ޙަވާލުކޮށްފައެވެ. "ލެގެސީ ވޭސްޓް ކްލީން އަޕް" ޕްރޮޖެކްޓުގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ވެމްކޯއިން އަންނަނީ 20 ރަށެއްގައި މިފަދަ ގޮތަށް ހުރި ކުނިތައް ބޭރުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. ވެމްކޯއިން ވިދާޅުވީ މިހާތަނަށް އައިރު 15 ރަށެއްގައި ހުރި ކުނިތައް އެ ރަށްރަށުން އެއްކޮށް ބޭރުކޮށްފައިވާކަމަށެވެ.

ކުނީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރެއިން މިހާތަނަށްވެސް ހައްލުނުވެ އޮތް ބޮޑު މައްސަލައެކެވެ. ރާއްޖޭގެ އެކި ސަރަޙައްދުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖް ކުރެވޭނެ ޚިދުމަތްތައް ނެތުމުގެ ސަބަބުން ބޮޑެތި ކުނި ގޮޑުތައް ވަނީ އުފެދިފައެވެ. މިފަދަ ކުނި ފަރުބަދަތަކުގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެތަކެއް ތަކުލީފަކާ ކުރިމަތިލާންޖެހެއެވެ. ރަށްރަށަށް ދިމާވެފައިވާ ކުނީގެ މިފަދަ މައްސަލަތައް ހައްލުކުރެއްވުމަށްޓަކައި ސަރުކާރުން އަންނަނީ ރަށްރަށުގައި ގިނަދުވެސްވެފައި ހުރި ކުނިތައް އެރަށްރަށުން ބޭރުކުރުމުގެ ބޮޑު މަޝްރޫއުއެއް ކުރިއަށް ގެންދަމުންނެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ 20 ރަށުގެ ތެރެއިން 15 ރަށެއްގެ ކުނިތައް މިހާރު ވަނީ ރަށުން ބޭރުކޮށްފައެވެ. އަދި މި މަސައްކަތުގެ 80 އިންސައްތަ މަސައްކަތް ވަނީ ނިންމާލާފައެވެ. މި މަސައްކަތް ކުރަމުން އަންނަ ވެމްކޯއިން ވިދާޅުވީ ކުނިތައް ބޭރުކުރުމުގެ މަޝްރޫއުގެ ދަށުން 3 ރަށެއްގައި ހުރި ކުނިތައް ބޭރުކުރުމުގެ މަސައްކަތުގެ 77 އިންސައްތަ މަސައްކަތް ނިންމާލާފައިވާކަމަށެވެ. އަދި 2 ރަށެއްގައި ހުރި ކުނިތައް މިމަހުގެ ނިޔަލަށް ބޭރުކުރެވޭނެކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ. ވެމްކޯއިން ވިދާޅުވީ މިމަޝްރޫއުގެ ދަށުން 9000އާއި 25000 ޓަނުގެ ކުނި ރަށްރަށުން ބޭރުކުރެވެކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވެމްކޯގެ އެސިސްޓެންޓް މެނޭޖަރ ކޮމާޝަލް ސަރވިސަސް އަބްދުﷲ ސިނާން ވިދާޅުވީ ރަށްރަށުގައި ގިނަ ދުވަސްވެފައި ހުރި ކުނިތައް ބޭރުކުރުމުގެ މަޝްރޫއުގެ ދަށުން މިގޮތަށް ކުނިތައް ހުރި އިތުރު ރަށްތައް ހޯދާ ސަރވޭތައް ކުރަމުން އަންނަކަމަށެވެ. އަދި ކުރިއަތް އޮތްނުގައިވެސް މި މަސައްކަތްތައް ކުރަމުން ދާނެކަމަށް ސިނާން ވިދާޅުވިއެވެ. ގިނަ ރަށްރަށުގައި ކުނިތައް މުދާ ކައިރި ސަރަޙައްދުގައި އަޅާފައި ހުރުމުގެ ސަބަބުން ތިމާވެއްޓަށްވެސް ބޮޑެތި ގެއްލުންތަކެއް ވާކަން ސިނާން ފާހަގަކުރެއްވިއެވެ.

އެންމެ ގިނައިން ކުނި ޖަމާވެފައި ހުރި 20 ރަށުގެ ކުނިތައް، 7 މަސްދުވަހުގެ ތެރޭގައި ނަގައި ސާފުކުރުމަށް، ވެމްކޯއާ ސަރުކާރުން ޙަވާލުކޮށްފައިވަނީ މިދިޔަ މާރިޗުމަހުގެ 1 ވަނަ ދުވަހުއެވެ. ނަމަވެސް އެ މަސައްކަތް ނުނިމި ލަސްވެފައިވަނީ ކޯވިޑްގެ ސަބަބުން ދިމާވި ދަތިތަކުގެ ސަބަބުން ކަމަށް ވެމްކޯއިން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ އެއްލައްކަ ފަންސާސް ހަތަރު ހާހަށްވުރެ ގިނަ ޓަނުގެ ކުނި އެ ރަށްރަށުން ބޭރުކުރެވޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ރަށްރަށުގައި ހުރި މިދަފަ ކުނިތައް ބޭރުކުރުމުގެ މަސައްކަތުގެ އިތުރުން ސަރުކާރުން މިހާރު އަންނަނީ އެކި ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ސެންޓަރުތައް ތަރައްޤީކުރަމުންނެވެ. ރަށްރަށުގައި އުފެދޭ ކުނި އެރަށްރަށުން ބޭރުކުރުމުގެ މަސައްކަތުގެ ދަށުން 32 ރަށެއްގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންގޮސް ނައްތާލުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރަށްރަށުން ހަފްތާއަކު އެއްފަހަރު ކުނި ބޭރުކުރުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މީގެއިތުރުން 15 ރަށެއްގައި ކުނި މެނޭޖްކުރާނެ މަރުކަޒު ޤާއިމުކޮށް 11 ރަށެއްގައި މިހާރު ހުރި ތަންތަން އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ އިންތިޒާމެއް ނެތުންކަން ފާހަގަކުރައްވާ، މިހާރުވެސް ވަރަށް ގިނަ ރަށްރަށުގައި، ވަރަށް ގިނަ ދުވަސްވީ ކުނިތަކެއް ނައްތައިނުލެވި ހުރިކަމަށް ވިދާޅުވެފައެވެ.