ތަޢުލީމު

އިސްލާމާއި ޤުރްއާން ފޮތްތަކުގައި ކުށެއް ހުރިނަމަ، އެކަން ހިއްސާކުރަން އެދިއްޖެ


ސްކޫލްތަކުގައި ދަރިވަރުން ކިޔެވުމަށް ބޭނުންކުރާ އިސްލާމާއި ޤުރްއާން ފޮތްތަކުގައި ކުށެއްހުރިކަން ފާހަގަވާނަމަ، އެކަން ހިއްސާކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކުގެ ބައެއް ގްރޭޑްތަކުގެ ޤުރުއާނާއި އިސްލާމް ފޮތްތަކުގައި ހުރި މައްސަލަތައް ދެނެގަތުމަށްޓަކާ ހުރިހާ ގްރޭޑެއްގެ އިސްލާމް އަދި ޤުރްއާން ފޮތްތައް ޕްރޫފް ރީޑްކުރުމުގެ މަސައްކަތް ފަށާފައެވެ.

ސްކޫލްތަކުގައި ކިޔަވައިދިނުމަށް މިހާރު ބޭނުންކުރަމުން އަންނަ އިސްލާމް އަދި ޤުރްއާން ފޮތްތައް އިސްލާޙުކުރުމުގެ މަސައްކަތް ކުރިއަށްދާތީ، މި ފޮތްތަކުގައި އިސްލާހުކުރަންޖެހޭކަމަށް ފެންނަ އެއްވެސް ކުށެއް ފާހަގަކުރެވިފައިވާނަމަ، އެފަދަ ކުށެއް ހިމެނޭ ފޮތާއި ޞަފްޙާ އެނގޭނެހެން ލިޔުމަށްފަހު [email protected] އީމެއިލްކުރެއްވުމަށް އެ މިނިސްޓްރީން ވަނީ އާއްމުންގެ ކިބައިން އެދިފައެވެ.

‏ދަރިވަރުންނަށް ކިޔަވައިދިނުމަށް ތައްޔާރުކޮށްފައިވާ ހުރިހާ ކީ ސްޓޭޖްތަކެއްގެ އިސްލާމް އަދި ޤުރްއާން ފޮތްތައް އަލުން ބަލައި ޕްރޫފްރީޑް ކުރުމުގެ މަސައްކަތް ކުރުމަށް މިނިވަން ކޮމިޓީއެއް އެކުލަވާލައި، ކޮމިޓީގެ މަސައްކަތްތައް މިމަހުގެ 8 ވަނަ ދުވަހު ވަނީ ފަށާފައެވެ. މި ކޮމިޓީ އެކުލަވާލާފައިވަނީ ކޮންމެ ގްރޭޑަކަށް 3 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ހިމެނޭގޮތަށެވެ.

މި ޓީމްތަކުގެ މަސައްކަތް އަންނަ ހަފްތާގެ ނިޔަލަށް ނިންމައި ކޮންމެ ޓީމަކުންވެސް، ފޮތްތަކުގައި ހުރި ކުށްތައް ފާހަގަކޮށް ތަފްޞީލް ރިޕޯޓެއް އެކުލަވާލާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އިސްލާމް އަދި ޤުރްއާން ފޮތްތަކުގައި ހުރި މައްސަލަތައް ދިމާވާން މެދުވެރިވި ގޮތް ދެނެގަތުމަށްވެސް ވަކި ކޮމިޓީއެއް އުފައްދާ، އެ ކޮމިޓީގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ކޮމިޓީގެ މަސައްކަތް ނިންމައި 7 ދުވަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓަރަށް ރިޕޯޓު ހުށަހަޅާނެކަމަށް އެ މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ. ރިޕޯޓުގެ ނަތީޖާއަށް ބަލައި ބަދަލު ގެންނަންޖެހޭ ކަންކަމަށް ބަދަލު ގެނެވޭނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި މައްސަލަ ފެންމަތިވުމުން ދަރިވަރުންގެ އަތުން ފޮތްތައް ނަގައި މައްސަލަތައް ރަނގަޅުކުރުމަށް ހުރިހާ ސްކޫލްތަކަށް އަންގާފައިވާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތ ދެއްވައެވެ. އަދި ވަގުތީ ޙައްލެއްގެ ގޮތުން އެސޫރަތްތަކުގެ ޞައްޙަ ކޮޕީއެއް ފޮތްތަކުގައި ތަތްކުރުމަށް ވަނީ އަންގަވާފައެވެ.

މިހާތަނަށް 4 ފޮތެއްގައި މިފަދަ މައްސަލަ ހުރިކަން ފާހަގަވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ، ފޮތްތަކުގައި މައްސަލަތައް ހުރެގެން ވާނޭކަމަކަށް ޤަބޫލު ނުކުރައްވާކަމަށާ، މިކަމުގައި އިހުމާލުވި ފަރާތްތައް ހޯދައި، ފިޔަވަޅު އަޅުއްވާނެކަމަށެވެ.