ސިޔާސީ

އެޗްއާރްސީއެމުން މަސައްކަތް ކުރަނީ ވަކި ފަރާތަކަށް ބުރަވުމެއްނެތި: ޑރ. އަދްހަމް


ހިއުމަން ރައިޓްސް ކޮމިޝަނަކީ އިންސާނީ ޙައްޤުތައް ކުރިއެރުވުމުގައި އެއްވެސް ފަރާތަކަށް ބުރަވުމެއްނެތި، ތަޢައްޞުބުން އެއްކިބާވެ ތިބެ މަސައްކަތްކުރާ ކޮމިޝަނެއް ކަމަށް އެޗް.އާރް.ސީ.އެމްގެ ކޮމިޝަނަރ ޑރ. އަޙްމަދު އަދްހަމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެޗް.އާރް.ސީ.އެމްގެ ކޮމިޝަނަރ މިހެން ވިދާޅުވީ، އެކޮމިޝަނުން އިންތިޒާމްކޮށްގެން ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދާ އިންޓަރގްރޭޓެޑް ހިއުމަން ރައިޓްސް އެވެއަރނަސް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ޕްރޮގްރާމަކީ އެޗް.އާރް.ސީ.އެމުން ދެމުންދާ ޚިދުމަތްތައް ރައްޔިތުންނާއި ގާތުން ފޯރުކޮށްދީ އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އަތޮޅުތެރެއަށް ފުޅާކޮށް ދެމެހެއްޓެނިވިގޮތެއްގައި މަސައްކަތްކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗް.އާރް.ސީ.އެމްގެ ކޮމިޝަނަރ ޑރ. އަޙްމަދު އަދްހަމް ޢަބްދުﷲ ވިދާޅުވީ، ކޮމިޝަނުން ކަންކަން ނިންމާނީ ޤާނޫނު އަސާސީއާ ގުޅުން ހުރި ޤާނޫނުތަކާ ދިވެހިރާއްޖެއިން ތަސްދީޤުކޮށްފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާ މި މުއާހަދާތަކުގެ އިޚްތިޔާރީ ޕްރޮޓޮކޯލްތަކުގެ ގާއިދާތައް ފުރިހަމައަށް ތަޠުބީޤުކޮށް ގުޅުންހުރި އުންސުރުތަކާއި ވާޤިއާތަކަށް ރިޢާޔަތްކޮށް އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށްކަމަށެވެ.

މިހާރު ހިނގަމުންދާ 5 ވަނަ ކޮމިޝަންގެ 2021 ވަނަ އަހަރުން 2025 ވަނަ އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގެ މުހިންމު އެއް ދާއިރާއަކީ އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުންނަށް އަންގައިދިނުންކަމަށްވެސް ޑރ. އަދްހަމް ވިދާޅުވިއެވެ. ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ހިއުމަން ރައިޓްސް ކޮމިޝަނުން ދެމުންދާ ޚިދުމަތްތައް ރައްޔިތުންނާއި ގާތުން ފޯރުކޮށްދިނުމުގެ ގޮތުން އިންސާނީ ހައްޤުތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ޚާއްސަކޮށް އަތޮޅުތެރެއަށް ފުޅާކުުރުމަށް ފެށިގެންދާ މުހިންމު މަސައްކަތެއްކަންވެސް ޑރ. އަދްހަމް ފާހަގަކުރެއްވިއެވެ.

މިމަހުގެ 7 އިން 13 އަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން ހދ. އަތޮޅުގެ ކައުންސިލަރުންނަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމަކާއި، ހިއުމަން ރައިޓްސް ޑިފެންޑަރުންނަށް އަމާޒުކޮށްގެން އިންސާނީ ހައްޤުތަކުގެ ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް ބޭއްވުމާއި، ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކުރުމާއި، ކޮމިއުނިޓީ ނައިޓަކާއި، ހިއުމަން ރައިޓްސް ފެއަރއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވިސްލްބްލޯވަރ ޤާނޫނަށް ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ސެޝަންތަކާއި، އެކިއެކި ވިޔަފާރިތައް އަދި ކުންފުނިތައް ހިންގާ ފަރާތްތަކަށް ވިޔަފާރިއާއި އިންސާނީ ޙައްޤުތަކާގުޅޭގޮތުން މަޢުލޫމާތު ދިނުމާއި، އެންޓިޓޯޗަރ ޤާނޫނަށް އަހުލުވެރިކުރުމުގެ ސެޝަންތަކެއްވެސް ކުރިއަށްގެންދާނެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން އެޗް.އާރް.ސީ.އެމުން ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ހދ. އަތޮޅުގެ ކައުންސިލަރުންނާއި ވަކިވަކިން ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ހދ. އަތޮޅުގެ ރަށްތަކުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ހޭލުންތެރިކުރުމާ ގުޅޭ ގޮތުންނާއި ކޮމިޝަނާ ކައުންސިލް އާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

ހަމައެހެންމެ އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމަށް ކޮމިޓީއިން މަސައްކަތްތައް ރާވާފައިވާ ގޮތްތައް ބަލައި ކޮމިޝަނުގެ ހުށަހެޅުންތައް ކޮމިޓީއާ ވަނީ ޙިއްސާކޮށްފައެވެ.

މީގެ އިތުރުން، އެޗް.އާރް.ސީ.އެމްގެ ޓީމުން ވަނީ ކުޅުދުއްފުށީ ސިޓީގެ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވާ އެތަނުގެ ވެރިންނާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ފުލުހުންގެ ދައުރު އަދާކުރުމުގައި އިންސާނީ ޙައްޤުތަކަށް ރައްކާތެރިވުމަށާއި އިންސާނީ ޙައްޤުތައް ކުރިއަރުވައި ހިމާޔަތްކޮށް އިންސާނީ ޙައްޤުތަކުގެ ޘަޤާފަތް ދެމެހެއްޓުމަށް އެކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ.