ޚަބަރު

މަޑުއްވަރީ ބަނދަރުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިމޭނެ


ރ.މަޑުއްވަރީގައި ބޭނުންކުރަމުން އައި ބަނދަރަކީ 700ފޫޓުގެ ބަނދަރެކެވެ. ނަމަވެސް ޒަމާންވެފައިވާ ބަނދަރުގެ ބޭރު ތޮށި ހަލާކުވެފައި އޮތުމަކީ އޮޑިދޯނިފަހަރުގެ ވެރިންގެ ކަންބޮޑުވުމެކެވެ. ކަނޑު އުޅަނދުވެސް އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، ޖާގައިގެ މައްސަލަވެސް އޮތީ އެރަށަށް ބޮޑުވެފައެވެ.

މަޑުއްވަރީ ބަނދަރުގެ ދަތިކަން ޙައްލުކުރުމަށް، މަޑުއްވަރީގައި އާ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ 2019ވަނަ އަހަރުގެ ފަހުކޮޅުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަޑުއްވަރީ ކައުންސިލްގެ ރައީސް މުޙައްމަދު ޞާދިޤު ވިދާޅުވީ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ އުޅަނދުފަހަރު އަޅާފައި ބޭއްވޭނެ ޖާގަ ނެތުންކަމަށެވެ.

ރަށުގެ އިޤްތިޞާދު ފުޅާވެ، މަސްވެރިކަމަށް ނިކުންނަ ބޮޑެތި އޮޑިފަހަރުތައް މިހާރު މަޑުއްވަރީގައި ގިނައެވެ. އުޅަނދުތައް ގިނަވެ ބަނދަރުގައި އަޅާފަ ބާއްވާނެ ޖާގަ ނެތުމުގެ ސަބަބުން، ބަނދަރު ވަރަށް ބޮޑަށް ތޮއްޖެހޭ ހާލަތަށްވެސް ދެއެވެ. މަސައްކަތް ނިންމުމާ ގާތްވެފައިވާ 1200ފޫޓުގެ އާ ބަނދަރާއެކު ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލުވާނެކަމަށް އެރަށު ކައުންސިލް ރައީސް ޞާދިޤު ވިދާޅުވިއެވެ.

"ކުރީގެ ބަނދަރަށްވުރެ ގާތްގަނޑަކަށް ދެ ގުނަ ބޮޑުވެގެން މިދަނީ ބަނދަރު. މިހާރުވެސް މަހަށްދާ 100ފޫޓުގެ 10ވަރަކަށް ދޯނި އެބައޮތް. މަހަށް ގޮސް އައިސްއުޅޭ ކުދި ލޯންޗާ ޑިންގިވެސް ގިނަ. އާ ބަނދަރާއެކު މި އުޅަނދުތަކަށް ރައްކާތެރިކަމާއެކު ފަސޭހައިން އަޅާފަ ބޭއްވޭނެ." ޞާދިޤު ވިދާޅުވިއެވެ.

މަޑުއްވަރީއަކީ އިންޑަސްޓްރިއަލް ފެންވަރުގައި ފައިބަރު މަސައްކަތްވެސް ކުރާ ރަށެކެވެ. މިއާއެކުވެސް ރަށުގައި ބޭނުންކުރާ އުޅަނދުތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

މަޑުއްވަރީގެ އާ ބަނދަރު ހަދަނީ ރަށުގެ ދެކުނުކޮޅުގައެވެ. ޞާދިޤު ވިދާޅުވީ ބަނދަރު ހަދާ ސަރަޙައްދަކީ ރަށުގައި މީހުން އާބާދުވުމަށް ބިން ދޫކޮށްފައިވާ ސަރަޙައްދަށްވުމާއެކު، އެ ސަރަޙައްދު ވެގެންދާނީ ކުރިމަގުގައި ރަށަށް އެންމެ މުހިންމު އެއް ސަރަޙައްދަށްކަމަށެވެ.

ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނެފަވަނީ ބަނދަރުގެ %83މަސައްކަތް މިހާރު މުޅިން ނިމިފައިވާކަމަށެވެ. އަދި ބަނދަރުގެ ހުރިހާ މަސައްކަތްތައް މިމަހުގެ ނިޔަލަށް ނިންމާނެކަމަށެވެ.

މަޑުއްވަރީގެ އާ ބަނދަރަކީ 1200 ފޫޓު ދިގު، 350 ފޫޓު ފުޅާ ބަނދަރެކެވެ. ޕްރޮޖެކްޓްގަ 411 މީޓަރުގެ ބޭރު ތޮށި ލުމާއި، 135މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓްޖެހުން ހިމެނެއެވެ. ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި ބަނދަރުގައި ކޮޅުވެއްޓިއާއި ބާޖު ފަދަ އުޅަނދުތައް ކައިރިކުރުމަށް ރޭމްޕާ، 2825 އަކަމީޓަރުގެ ޕޭމަންޓް ހެދުމާއި ބަނދަރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

2500 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ މަޑުއްވަރީގައި ކުރިއަށްގެންދާ ބަނދަރު ޕްރޮޖެކްޓަކީ ސަރުކާރުން 68.66 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.