ކުޅިވަރު

އިންޑިޔާއިން ސާފާއި ގުޅެނީ


އިންޑިއާ އިން އަންނަ އަހަރުން ފެށިގެން ސެންޓްރަލް އޭޝިއާ ފުޓްބޯލް އެސޯސިއޭޝަން (ސާފާ)އާ ގުޅެން ނިންމައިފިއެވެ. އިންޑިޔާއިން ސާފާއާއި ގުޅެން ނިންމާފައިވާއިރު، ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް)ގެ މެންބަރެއްގެ ގޮތުގައިވެސް އިންޑިޔާ އޮންނާނެއެވެ. ސާފާގައި މިވަގުތު އޮތީ ހަ ގައުމެވެ. އެއީ އަފްގާނިސްތާން، އީރާން، ކިރްގިސްތާން، ތުރުކުމެނިސްތާން، އުޒްބެކިސްތާން އަދި ތަޖިކިސްތާންއެވެ.

އޯލްއިންޑިއަން ފުޓްބޯލް ފެޑެރޭޝަން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ އަހަރުން ފެށިގެން ސާފާގެ މުބާރާތްތަކުގައި އިންޑިއާ ކުޅޭނެކަމަށެވެ. އަދި މި އަހަރުގެ ސެންޓްރަލް އޭޝިއާ ޔޫތު މުބާރާތްތަކުގައި އިންޑިއާ އަށް ވާދަކުރެވޭނެ ކަމަށް ވަނީ ބެލެވިފައެވެ. މިގޮތުން އިންޑިޔާ އެންމެ ފެނުން ގާތީ އަންނަ އޮކްޓޫބަރު މަހާއި ނޮވެމްބަރު މަހު ފިރިހެނުންގެ 15 އާއި 18 އަހަރުން ދަށުގެ މުބާރާތުންނެވެ. މިއާއެކު އިންޑިޔާއިން ސާކް ސަރަހައްދަށް ވުރެއް ފެންވަރު ރަގަނޅު ޓީމުތަކާއިއެކު ކުޅުމުގެ ފުރުސަތު ލިބޭނެއެވެ. އަދި މިއީ އިންޑިޔާއިން އެގައުމްގެ ފުޓްބޯޅަ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ފުރުސަތެކެވެ.

މިއަންނަ މަހުގެ އެއްވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް އިންޑިޔާއިން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެޓީމުން ވަނީ ނޭޕާލާއެކު އެކުވެރިކަމުގެ މެޗެއްވެސް މިދިޔަ ބުރާސްފަތި ދުވަހު ކުޅެފައެވެ. އެމެޗްވަނީ 1-1 އިން އެއްވަރުވެފައެވެ.