ގދ.ތިނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ފެށުމަށްޓަކައި ސާވޭ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިއީ ތިނަދޫގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކާއި ވާންޖެހޭ ތައްޔާރީތައް ފަށާފައިވާއިރު، މިމަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއި ޙަވާލުކޮށްގެން ތިނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 14 މަގެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އާރްޑީސީން ވިދާޅުވީ މިމަގުތައް ތަރައްޤީކުރުމަށްޓަކައި އާރްޑީސީގެ މެޝިނަރީތައް ބަހައްޓާނެ ބިން ކައުންސިލުން ދޫކޮށްފައިވާކަމަށެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އާރުޑީސީއަށް ބިން ދޫކޮށްފައިވަނީ ތިނަދޫގައި އަލަށް ހިއްކި ސަރަޙައްދުންނެވެ. ސަރވޭގެ މަސައްކަތް ނިމި ސައިޓު މޮބިލައިޒްވުމާއެކު މަގުތައް ހެދުމުގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާނެކަމަށް އާރުޑީސީން ވިދާޅުވެއެވެ.
ތިނަދޫގެ މަގުތައް ހެދުން ލަސްވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން މިކަމާއި ގުޅިފައިވާތީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވަނީ އާރްޑީސީގެ މެނޭޖްމަންޓާ ބައްދަލުކުރައްވާފައެވެ. އެގޮތުން މަސައްކަތް ކުރިއަށްގެންދިޔުމަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާ މިމަސައްކަތް އަވަސްކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަގީންކަންވެސް މިނިސްޓަރ ވަނީ އާރްޑީސީއަށް އަރުވާފައެވެ.
ތިނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވަނީ އާބާދީ ބޮޑު ތިނަދޫގެ މަގުތަކަށް ވިއްސާރަ މޫސުމުގައި ފެން ބޮޑުވުމުގެ މައްސަލަ ކުރިމަތިވެ އޭގެ ގެއްލުން ބޮޑުވަމުން ދިޔުމާއެކު ރައްޔިތުންގެ ގިނަ ބައެއްގެ އެދުމުގެ މަތިންނެވެ. މިއަހަރުގެ އޭޕްރީލްމަހު އާރްޑީސީއާއި ތިނަދޫގައި 6.5 ކިލޯމީޓަރުގެ މަގުގައި ތާރުއަޅައިގެން ހެދުމަށް ވަނީ ޙަވާލުކޮށްފައެވެ.
ދައުލަތުގެ ބަޖެޓުން 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށެވެ. ފެން ހިންދާ ނިޒާމާއެކު ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މިމަގުތަކާއެކު އެރަށަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ތިނަދޫގައި މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެރަށުގައި 9.2 ކިލޯމީޓަރުގެ މަގުގައި ވަނީ ތާރު އަޅައިގެން ތަރައްޤީކޮށްފައެވެ. އެމަސައްކަތްވެސް ކޮށްފައިވަނީ އާރުޑީސީންނެވެ.