ތަރައްްޤީ

ކުޅިވަރުގެ ޢުމްރާނީ ވަޞީލަތްތައް ތަރައްޤީކުރަން އިންޑިއާއިން 40 މިލިއަން ޑޮލަރުގެ އެހީއެއް


ރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގަން އަވަށްޓެރި އިންޑިއާ ސަރުކާރުން 40 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދީފިއެވެ.

އިންޑިއާއިން މިލޯނު އެހީ ރާއްޖެއަށް ފޯރުކޮށްދީފައިވަނީ އެޤައުމުގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ، ނުވަތަ އެގްޒިމް ބޭންކު މެދުވެރިކޮށް ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއްގެ ތެރެއިންނެވެ. މި ލޯނު އެހީގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. އަދި އެގްޒިމް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ، އެ ބޭންކުގެ ޖެނެރަލް މެނޭޖަރ ނިރްމިތު ވެޑެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިންޑިއާ ސަރުކާރުން ފޯރުކޮށްދިން 40 މިލިއަން ޑޮލަރުގެ ލޯނުއެހީގައި މާލެއާއި އަތޮޅުތަކުގައި މިހާރު ހުރި ކުޅިވަރު ވަޞީލަތްތައް ތަރައްޤީކުރުމާއި އިތުރު ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން މި ލޯނު އެހީގެ ދަށުން މާލޭ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑު ނުވަތަ ޤައުމީ ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްޤީކޮށް، ޤައުމީ ވޮލީ އަދި ބާސްކެޓް ބޯލް ކޯޓުތައް ތަރައްޤީކުރުން ހިމެނެއެވެ. އަދި ބައެއް ރަށްރަށުގައި ސިންތެޓިކް ޓްރެކް ތަރައްޤީކުރުމާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުންވެސް ހިމެނޭކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި ލޯނު އެހީގައި އަތޮޅުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ހދ.ކުމުންދޫއާއި ތ.ކަނޑޫދޫގެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތާއި ހދ.ކުޅުދުއްފުށި، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ސިންޓެޓިކް ޓްރެކް ތަރައްޤީކުރުން ހިމެނެއެވެ. އަދި ކުޅުދުއްފުށީގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ފައިސާ ހަމަޖެހިގެން ދާނެކަމަށްވެސް ސަރުކާރުން ވިދާޅުވެފައިވެއެވެ.

މިއަހަރު ވެގެންދާނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދޭނެ އަހަރަކަށް ކަމަށާ، މިއަންނަ އަހަރު ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ޤާއިމް ކުރެވިގެންދާނެކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

އެގޮތުން ގަލޮޅު ދަނޑު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތަށް އިސްކަންދީގެން ފީފާއިން ޤަބޫލުކުރާ މިންގަނޑަށް ފެއްތުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. 1980ގެ ކުރީކޮޅު ދެ ބުރިއަށް ހެދި ގަލޮޅު ދަނޑުގެ ސިޑިބަރިވަނީ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން މަރާމާތުކޮށްފައެވެ. އަދި އެފް.އޭ.އެމުން ވަނީ ކުޅިބަލަން ވަންނަ މީހުންނަށް ފަސޭހަވާނެހެން ގޮނޑިވެސް ޖަހާފައެވެ.

މީގެ އިތުރުން ރާއްޖޭގެ 4 ރަށެއްގައި ސިންތެޓިކް ޓްރެކް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މާލޭގައި ގިނަ ބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކޮށް ޒަމާނީ ފެންވަރަށް ވަނީ ތަރައްޤީކޮށްފައެވެ.