ޚަބަރު

ދިއްގަރުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރަން ފަށައިފި


މ.ދިއްގަރުގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް، އެރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. ދިއްގަރުގެ ރަށްގިރުމުގެ މައްސަލައަކީ ޒަމާންތަކެއްވެފައިވާ، މިހާތަނަށްވެސް ޙައްލު ނުލިބިވާ މައްސަލައެކެވެ. ދިއްގަރު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.

ރަށްގިރުމުގެ ސަބަބުން މ.ދިއްގަރުން ސަތޭކަ ފަންސާހެއްހާ ފޫޓު ގިރާފައިވާ ކަމަށް ރަށުގެ ރައްޔިތުން ބުނެއެވެ. 1900ގެ އަހަރުތަކުން ފެށިގެން ގިރަމުން އަންނަ ދިއްގަރުގެ ބިމުގެ މިހާރުގެ ބޮޑުމިނަކީ 10 ހެކްޓަރެވެ. 10ހެކްޓަރުގެ ކުޑަ ދިއްގަރުގެ އާބާދީ 1300އަށް އަރައެވެ. ރަށުން ބޮޑުބައެއް ގިރާފައިވާތީ، ރަށަށްވަނީ ބިމުގެ ޖާގައިގެ ދަތިކަންވެސް ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. މޫދާ ގެތައް އޮންނަ ސަރަޙައްދު ކައިރިވެ، އުދައެރުމުގެ ސަބަބުން ރަށަށް ލިބޭ ގެއްލުންތައްވެސްދަނީ ބޮޑުވަމުންނެވެ.

ރަށު ކައުންސިލްގެ ރައީސް އަޙުމަދު ނިޝާން ވިދާޅުވީ ރަށަށް އުދައެރުމުގެ މައްސަލައަށް މިހާތަނަށްވެސް ދާއިމީ ހައްލެއްލިބިފައި ނުވާކަމަށެވެ. އުދަ އެރުން ކުޑަކުރުމަށް އެރަށުގައި މިހާރުވެސް ތޮށްޓެއް ލާފައި އެބައޮތެވެ. ނަމަވެސް މި ތޮށްޓަކީ ރަށުގެ ރައްޔިތުންގެ މަސައްކަތުން މީގެ އެތައް އަހަރެއް ކުރިން ލާފައިވާ ތޮށްޓެކެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ތޮށީގެ ބޮޑުބައެއްވެސް މިހާރު ހަލާކުވެފަވާކަމަށެވެ.

އުދަ އަރާ ދުވަސްވަރު، އާއްމު ރައްޔިތުންގެ މުދާ ޙިމާޔަތްކުރުމަށް ނުނިދާ ހޭލާ ތިބެންޖެހޭކަމަށްވެސް އެރަށުގެ ރައްޔިތުން ބުނެއެވެ.

"ކޮންމެ އިރުވައެއްގައި އުދަ އެބަ އަރާ، މިހާރު މައްސަލަ އިތުރަށް ބޮޑު. މިހާރު ލާފައޮތް ތޮށިވެސް ވަރަށް ބޮޑަށް ހަލާކުވެފައި. އުދަ އަރާއިރު ރަށުގެ މެދެއްހާ ހިސާބަށްވެސް އެބަ ރާޅު އަރާ."ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ދިއްގަރަށް ކުރިމަތިވެފައިވާ އުދަ އެރުމުގެ މައްސަލަ ހައްލުކޮށްދިނުމަށާއި، ބިމުގެ ޖާގަ އިތުރުކުރުމަށް ބިންހިއްކުމުގެ ބޮޑު ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމާ އެކަމުގެ މަސައްކަތް މިވަނީ ފަށާފައެވެ. އެގޮތުން މިދިޔަ ހޮނިހިރުދުވަހުވަނީ ރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައެވެ. މިވަގުތު ކުރިއަށްދަނީ ގިރާފައިވާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތެވެ.

މުޅި ޕްރޮޖެކްޓްގެ މަސައްކަތްތަކުގެ ތެރޭގަ 25ހެކްޓަރުގެ ބިން ހިއްކުމާއި، ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމާއި 384މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންތް ޖެހުމާއި، 287މީޓަރުގެ ބޭރު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި ބިން ހިއްކުމުގެ މަސައްކަތަކީ އެކުއެކީގަ ކުރިއަށްގެންދާ ދެ ޕްރޮޖެކްޓެވެ. ބިން ހިއްކުމުގެ މަޝްރޫޢަށް އެމްޓީސީސީގެ މަހާޖައްރާފް އެރަށަށް ވަރަށް އަވަހަށް ދިއުމަށްވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓާއެކު ރަށުގެ ރަށްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް ޙައްލު ލިބިގެންދާނެކަމަށް ކައުންސިލުން ފާހަގަކުރެއެވެ. އަދި ބިން ހިއްކުމުގެ މަސައްކަތާއެކު، ރަށުން ގޯތި ނުލިބި ތިބި އެތައް އާއިލާއަކަށް ބޯހިޔާވަހިކަންވެސް ހަމަޖެހިގެންދާނެއެވެ.

މި ޕްރޮޖެކްޓަކީ 121.84މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.