ވިޔަފާރި

ފަތުރުވެރިކަމާއިއެކު ސިވިލް އޭވިއޭޝަން ދާއިރާވެސް ފުޅާކުރަންޖެހޭ


ސިވިލްއޭވިޝަން ސިނާޢަތް ރާއްޖޭގެ އިޤްތިސާދުގައި ޙިއްސާކުރަނީ ކިހާ މިންވަރެއްކަން އެނގެންޖެހޭ ކަމަށާއި އެކަން ފާހަގަކޮށް އެސިނާޢަތް ތަރައްޤީކުރަން މަސައްކަތްކުރަންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގައި ބޭއްވި ޑިނަރ ނައިޓަށްފަހު ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.ރާއްޖޭގެ އިޤްތިސާދުގައި އެންމެ ބޮޑު ޙިއްސާއެއް އަދާކުރާ ފަތުރުވެރިކަމުގެ ސިނާއަތް ގުޅިފައިވަނީ ސިވިލްއޭވިއޭޝަންގެ ސިނާއަތާކަން ފާހަގަކުރައްވަމުން، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުން އަންނަ ވަރަކަށް ސިވިލްއޭވިއޭޝަން ސިނާއަތް ކުރިއަރަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އަދި ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރާނީ، އޭވިއޭޝަން ސިނާޢަތުގެ ތެރެއިން އެއާރޕޯޓުތައް އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، އެއާރލައިންގެ އަދަދު އިތުރުކޮށްގެން ކަން ފާހަގަކުރައްވަމުން، މިނިސްޓަރ ވަނީ އިބްރާޙީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަަރައްޤީކުރުމަށް ސަރުކާރުން ހިންގަވާ ޙާއްސަ ބޮޑު މަޝްރޫޢު ފާހަގަކުރައްވާފައެވެ.މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އޭވިއޭޝަން ދާއިރާ އޮތީ ވަރަށް ބޮޑަށް ފުޅާވެ ތަރައްޤީވެފައި ކަމަަށެވެ. އަދި ރާއްޖޭ ހިމެނެނީ ދުނިޔޭގެ ސިވިލްއޭވިއޭޝަން އެންމެ ރަނގަޅަށް ތަރައްޤީވެފައި އޮތް ޤައުމުތަކުގެ ތެރޭގައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯގެ މިންގަނޑުތަކާއި އެއްގޮތަށް އެދާއިރާގެ ސަލާމާތާއި ބެހޭ ޕްރޮގްރާމް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރައްވަމުން އަންނަ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.ޑިނަރނައިޓުގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ޗެއާރމަން އިބްރާޙީމް ފައިސަލް ވިދާޅުވީ، ރާއްޖޭގައި އާދައިގެ ގޮތަަކަށް އޭވިއޭޝަން ސިނާޢަތް ފެށިގެން ދިޔަނަމަވެސް، މިހާރު އެސިނާޢަތް ވަރަށް ބޮޑަށް ފުޅާވެ ކުރިއަރައިގެން ގޮސްފައިވާ ކަމަށެވެ.ރޭގެ ޑިނަރނައިޓުގައި ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ވެބްސައިޓު ލޯންޗުކޮށްފައެވެ. ވެބްސައިޓު ރަސްމީކޮށް ލޯންޗުކޮށްދެއްވާފައިވަނީ، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރުއެވެ.