ވިޔަފާރި

ރާއްޖެ އިސްތިހާރުކުރުމުގައި މިފަހަރު ސްވިޑެން


ރާއްޖެ އިސްތިހާރުކުރުމަށް ސްވިޑެންގެ މެގަޒިންއެއްގައި މަސައްކަތްކުރާ ބަޔަކު ރާއްޖެ އައިސްފިއެވެ. ރާއްޖެ އައިސްފައިވަނީ ސްވިޑެންގެ "ވަގަބޮންޑް ޓްރެވެލް މެގަޒިން" ގެ އެޑިޓަރާއި ފޮޓޯގްރާފަރެވެ.

މި މެގަޒިންއަކީ ސްވިޑެންގެ އެންމެ ކުރިއަރާފައިވާ ލީޑިންގ ޓްރެވެލް މެގަޒިންއެވެ. މި މެގަޒިން ސްވިޑެން، ނޯވޭ އަދި ޑެންމާކްގައި އަންނަނީ ނެރެމުންނެވެ. ޗުއްޓީ ހޭދަކުރުމާގުޅޭ މަޢުލޫމާތުތަކާއި މަންޒިލްތަކުގެ މައުލޫމާތު މި މެގަޒިންގައި އަންނަނީ ޝާއިޢުކުރަމުންނެވެ.

މި ދަތުރުގައި "ވަގަބޮންޑް ޓްރެވެލް މެގަޒިން"ގެ ބައިވެރިން ރާއްޖެ އައިސްފައިވަނީ މިމަހުގެ 26ވަނަ ދުވަހުއެވެ. އަދި އެމީހުން ރާއްޖޭގައި އަންނަ މަހުގެ 3ވަނަ ދުވަހާއި ހަމައަށް މަޑުކުރާނެއެވެ. މި ދަތުރުގައި އެ މެގަޒިންގައި ރާއްޖެއާއިބެހޭ އެކި ލިޔުންތައް ޝާއިއުކުރާނެއެވެ. އަދި ރާއްޖެއިން ފަތުރުވެރިންނަށް ކުރެވެންހުރި ތަފާތު ތަޖުރިބާތަކާއި ޕޮޓޯތައްވެސް އޭގައި ހިމަނާނެއެވެ.

މި މެގަޒިންއަކީ ގިނަ އަދަދެއްގެ ބަޔަކު ކިޔާ މެގަޒިންއެކެވެ. އެގޮތުން ހަފްތާއެއްގެ ތެރޭގައި މިމެގަޒިންގެ ވެބްސައިޓުން 47000 އަށްވުރެ ގިނަ މީހުން މެގަޒިން ކިޔައެވެ. އަދި 149،000 އަށްވުރެ ގިނަ މީހުން ޗާޕު މެގަޒިންކިޔައެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން މިހާރު އަންނަނީ ފޭމް ޓްރިޕްތައް ވަރަށް ގިނައިން ބާއްވަމުންނެވެ. މި ފޭމް ޓްރިޕްތައް މެދުވެރިކޮށް ދުނިޔޭގެ ނުފޫޒުގަދަ މީހުންނާއި ނޫސްވެރިން ރާއްޖެ އައިސް ރާއްޖެ އިޝްތިހާރުކުރެއެވެ. މިއީ މިއަހަރު ސްވިޑެންއަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ފުރަތަމަ ފޭމްޓްރިޕްއެވެ.

މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ސްވިޑެން ހިމެނެނީ ރާއްޖެއަށް 23ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ. އެ ޤައުމުން ރާއްޖެއަށް 7553 ފަތުރުވެރިން ވަނީ އައިސްފައެވެ. 2020ވަނަ އަހަރު އެ ޤައުމުން ރާއްޖެ އައިސްފައިވަނީ 5613 ފަތުރުވެރިންނެވެ. އަދި 2019ވަނަ އަހަރު މި އަދަދު އުޅުނީ 13،245 ގައެވެ.