ތިމާވެށި

ތިލަފުށި ދެން ފެންނާނީ ތިމާވެއްޓާއި ރައްޓެހި ޒަމާނީ ތަނެއްގެ ގޮތުގައި: މިނިސްޓަރ ޝައުނާ


ތިލަފުށީގައި ކުނި މެނޭޖްކުރުން ހަރުދަނާކުރުމަށް ކުރާ މަސައްކަތާއެކު އެ ރަށް ދެން ފެންނާނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކުނި މެނޭޖްކުރާތަނެއްގެ ގޮތުގައި ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އަންނަ އޮކްޓޯބަރުމަހުގެ ނިޔަލަށް ތިލަފުށި ގޮނޑުން ދުންއެރުން ހުއްޓުވައި، އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ވެމްކޯއާއި ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާވަނީ އެ މަސައްކަތްކުރިއަށްދާ ތިލަފުށީގެ ސައިޓަށް ޒިޔާރަތްކުރައްވާ ތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. އަދި ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަށް އެތަނުގައި ޤާއިމުކުރާ ވަޞީލަތްތައް އެކަމަނާ ބައްލަވާލެއްވިއެވެ. މިނިސްޓަރ ޝައުނާގެ މި ޒިޔާރަތުގައި އެކަމަނާ ވަނީ ތިލަފުށީގައި މީގެ ގާތްގަނޑަކަށް 35 އަހަރު ކުރިން ފެށިގެން ކުނި ޖަމާކުރަމުންދިޔަ ސަރަހައްދުގައި އުފެދިފައިވާ ކުނިފުނީގެ އެންމެ މައްޗަށް އަރާވަޑައިގެން އެ ސަރަޙައްދުގައި ވައި ތަޣައްޔަރުވެފައިވާ މިންވަރު އަމިއްލައަށްވެސް ތަޖުރިބާކުރައްވާފައެވެ.

މި ޒިޔާރަތުގެ ތެރެއިން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ، ތިލަފުށީ ކުނިގޮނޑުން ދުން އެރުވުން ހުއްޓުވުމަށް ކުރާ މަސައްކަތުގައި މިހާރުވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބެމުންދާކަމަށެވެ. އަދި އޮކްޓޯބަރުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

"މި އަރާދުމުގެ ސަބަބުން އެ އަންނަ ޓޮކްސިކް ކެމިކަލްސްއާއި ގުޅިގެން އެ ލިބޭ ޞިއްޙީ ގެއްލުން މިއީ އަޅުގަނޑުމެންނަށް ދިރާސާއެއްކުރެވިފައި ނެތްނަމަވެސް ވަޒަންކުރެވޭ ކިހާ ގެއްލުމެއްކަން މިކަމުން އެއަރ ކޮލެޓީއަށް މިކުރަނީ. އެހެންވީމަ ހާމަކޮށް ކުނި އެންދުން ހުއްޓާލުމާގުޅިގެން ނޫނީ މި ކުނިފުނިން އަމިއްލައަށް އޭގެ ޒާތުގައި ރޯވެފައިހުރި އަލިފާންތައް ނިވާލުމުގެ ސަބަބުން މި ސަރަޙައްދުގެ ވައިގެ ސާފުކަމަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެން އަންނާނެ" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.


މިނިސްޓަރ ޝައުނާ ވިދާޅުވީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ ފަންނީ އެހީތެރިކަމުގެ ދަށުން ތިލަފުށި ކުނިމެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކާއެކު ޒަމާނީ ވަޞީލަތްތަކާއެކު ތިމާވެއްޓާ ރައްޓެހިގޮތަކަށް ކުނި ނައްތާލެވޭނެ ނިޒާމެއް މާލޭ ސަރަހައްދުގައި ޤާއިމުވެގެންދާނެކަމަށެވެ. އަދި މިއާއެކު ތިލަފުއްޓަކީ ފެހިކަންގަދަ ރަށެއްގެ ގޮތުގައި ކުރިއަށްއޮތްތާނގައި ފެނިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިތަނަކީ ދުނިޔޭގެ އެހެން ޑަމްޕްސައިޓުތައް ހުންނަގޮތަށް ރިމީޑިއޭޓްކުރެވި، ގްރީން ސްޕޭސްއެއްގެ ގޮތުގައި ފެނިގެންދިއުން. އެނޑިވަޑައިގަންނަވާނެ ސަރުކާރުން އޭޑީބީގެ އެހީއާއެކު މިކުރާ މަސައްކަތަކީ ތިލަފުށްޓަކީ ޒަމާނީ ޓެކްނޮލޮޖީއާއެކީގައި ކުނި މެނޭޖްކުރެވޭނެ ތަނަކަށް ހެދުން. އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށްއޮތް އަހަރުތަކުގެ ތެރޭގައި މި މަސައްކަތްކޮށް ނިންމާލެވޭނެ. އަދި ޒަމާނީ ފެންވަރަށް ރާއްޖޭގެ ކުނި ނައްތާލާ ނިޒާމު ބަދަލުވުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ތިލަފުށީގެ ކުނި މެނޭޖްކުރުމުގެ އޮޕަރޭޝަންތަކާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވީ، ތިލަފުށީ ކުނިގޮނޑުން ދުން އެރުން ހުއްޓުވުމަށް ކުރާ މަސައްކަތާއެކު އެތަނުގައި މަސައްކަތްކުރުމަށް ރައްކާތެރި މާހައުލެއް ޤާއިމުކުރެވިގެންދާނެކަމަށެވެ.

"އަޅުގަނޑުމެން މިތަން ނިމިގެންދާއިރު އިރާދަކުރެއްވިއްޔާ ހުންނާނީ ދުނިޔޭގެ މިކަހަލަ އޯލްޑް ޑަމްޕްޔާޑްތަކުގައި އޮންނަ ފެންވަރަށް އަޅުގަނޑުމެން މިތަން އޮންނާނީ ރީތިކޮށް، މީހުންނަށް އައިސް މިތާ ކައިރީގައި މަސައްކަތްކޮށް އުޅެލެވޭ މިންވަރަށް މިތަނުގެ އެއަރ ޓޮކްސިޑީ ލެވެލް ދަށްކުރެވި، ރައްޔިތުންނަށް މަސައްކަތް މާހައުލަކަށް ތިލަފުށި ބޭނުންކުރެވޭ ވަރަށް އިރާދަކުރެއްވިއްޔާ މި އޮކްޓޯބަރ ގެ ނިޔަލަށް މި މަސައްކަތްކޮށް ނިންމާލާނަން" އާދަމް ވިދާޅުވިއެވެ.

އޭ.ޑީ.ބީގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯއާއި ގުޅިގެން ތިލަފުށީގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޤާއިމުކޮށް ނިންމުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

މީގެ އިތުރުން ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭ.އެފް.ޖޭ.ސީ.އެމް)ގައި އެހީގައި އެންވަޔަަރަމަންޓް މިނިސްޓްރީން ވަނީ ފަށާފައެވެ. އަދި ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ އެހީއާއެކު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭގައި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢެއްގެ މަސައްކަތްވެސް ތިލަފުށީގައި ކުރިއަށްދާއިރު، މިއީ 2.3 ބިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ޤާއިމްކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓަކީ ދުވާލަކު 500 ޓަނުގެ ކުނި މެނޭޖްކުރެވޭވަރުގެ ޕްލާންޓަކަށްވާއިރު، މި ޕްލާންޓް މެދުވެރިކޮށް 8 މެގަވޮޓްގެ ކަރަންޓް އުފައްދާނެއެވެ. މިޕްލާންޓްގެ ސަބަބުން ކުނި މެނޭޖްކުރުމަށް ބޭނުންވާ ޖާގަ ކުޑަވެ، ވައި ތަޣައްޔަރުވުން ކުޑަކޮށް، އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޮޑު ފަސޭޙައެއް ވެގެންދާނެއެވެ.