ޚަބަރު

ސާފް ޗެމްޕިއަންޝިޕްގެ ގައުމީ ކެންޕޭން މިއަންނަ މަހުގެ 8ވަނަ ދުވަހު ލޯންޗް ކުރަނީ


މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ ފޯރި އިތުރު ކުރުމަށް މިއަންނަ މަހުގެ 8ވަނަ ދުވަހު ގައުމީ އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ. މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވަނީ ނޭޕާލްއާއި ވާދަކޮށްގެންނެވެ. ރާއްޖެއަށް މިފުރުސަތު ލިބުނީ މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ކޯވިޑު ފެތުރޭ މިންވަރު ރާއްޖޭގައި ދަށްވުމާއި، ރާއްޖޭގެ ބޮޑު އަބާދީއަކަށް ވެކްސިން ޖެހިފައިވުމުގެ ސަބަބުންނެވެ. ކޯވިޑްގެ ސަބަބުން އަދިވެސް މިސަރަހައްދުގެ ގިނަ ގައުމުތަކަށް އަރައިގެނެވޭ ގޮތްވަނީ ނުވެފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މާލޭގައި ސާފް ޗެމްޕިއަންޝިޕް ބޭއްވިގެންދާއިރު، މުބާރާތް އިޝްތިހާރު ކުރުމާއި މުބާރާތުގެ ފޯރި އިތުރަށް ގަދަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށެވެ. އަދި ކާމިޔާބު މުބާރާތެއް މާލޭގައި ބޭއްވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އެފްއޭއެމްގެ މުއައްޒަފުން ކުރަމުންދާ ކަމަށް ބައްސާމް ވިދާޅުވިއެވެ. މާލޭގައި ވަނީ އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕް، ގުރޫޕް ޑީގެ މެޗްތައް މިމަހުގެ 18 އިން 24 ކުރިއަށް ގެންގޮސްފައެވެ. މި ގުރޫޕްގެ މެޗްތައް މާލޭގައި ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސީ އެފްއޭއެމުންނެވެ. މިކަން ފާހަގަކުރަމުން ބައްސާމް ވިދާޅުވީ އޭއްސީ ކަފްގެ ގުރޫޕް ސްޓޭޖްގެ މެޗްތައް ކާމިޔާބުކަމާއެކު ނިންމާލެވުމާއިއެކު، އެތަޖްރިބާގެ އަލީގައި ސާފް ޗެމްޕިއަންޝިޕްވެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

ބައްސާމް ވިދާޅުވީ މިއަންނަ މަހުގެ 8 ވަނަ ދުވަހު ސާފް ޗެމްޕިއަންޝިޕް ކެމްޕޭން ފެށުމަށް ބާއްވާ ގައުމީ އިވެންޓް ކުރިއަށްދާނީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އާއި ހިސާބުން ފެށިގެން އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންނާއި ހަމައަށެވެ. މިކެންޕެއިންގެ އެންމެ ބޮޑު ބޭނުމަކީ މުބާރާތަށް ތައްޔާރުވަމުންދާއިރު އަދި މުބާރާތުގެ ތެރޭގައިވެސް ގައުމީ ރޫޙު އާލާކޮށް، ފުޓްބޯޅައިގެ ޒަރިއްޔާއިން ގައުމު އެއްބައިވަންތަ ކުރުން ކަމަށް ބައްސާމް ވިދާޅުވިއެވެ. މިކެމްޕޭނާއެކު ރާއްޖޭގެ ހުރިހާ ގެއެއްގައި ދިވެހި ގައުމީ ދިދަ ނެގުމަށް އެދޭކަން ހާމަކުރަމުން ބައްސާމްވަނީ މުބާރާތް ކުރިއަށްދާއިރު އަދި މުބާރާތުގެތެރޭގައިވެސް ޚިޔާލު ތަފާތުވުންތަށް ދޫކޮށްލާ އެންމެ އެއް ރޫހެއްގައި ދިވެހި ޓީމަށް ސަޕޯޓްކޮށްދިނުމަށް އެދިފައެވެ.

"ސާފް ޗެމްޕިއަންޝިޕްގެ ކެމްޕޭންގެ ތެރެއިން އެފްއޭއެމުން ސިޓީތަކާއި ކައުންސިލްތަކާއެކުވެސް މަޝްވަރާތައް ކުރިއަށް ގެންދާނަން. އަޅުގަނޑުމެން ބޭނުން ކުރާ ބެނާތައްވެސް ހުންނާނީ ޕްރިންޓް ކުރެވި، ޑައުންލޯޑް ކުރެވޭ ހާލަތުގަ. އަތޮޅު ތެރޭގައިވެސް މިފޯރި އެބަޖެހޭ ގެންނަން. އަޅުގަނޑުމެންގެ މާކެޓިން ޓީމްތައް ރާއްޖޭގެ ފަސް ސަރަހައްދުތައް ދަތުރު ކުރުމަށްވަނީ ހަމަޖެހިފަ. މިއަންނަ މަހުގެ 8ވަނަ ދުވަހު ކެމްޕޭން ފަށާއިރު، މުބާރާތް އިޝްތިހާރު ކުރުމަށް މިލިބެނީ ވަރަށް މަދު ދުވަސްކޮޅެއް. އެހެންވީމަ ވަރަށް ފޯރީގައި ވަރަށް ވަރުގަދައަށް މިކެމްޕޭން ޖައްސައިގެން ކުރިއަށްގެންދެވޭނީ. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ޓީމްތައް އެރަށަށް ނުދެވުނު ނަމަވެސް، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް، މިދުވަސްވަރު ސާފް ޗެމްޕިއަންޝިޕްގެ ފޯރި ގަދަކުރުން." އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވިއެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމްގެ ފަރިތަކުރުންތައް މިހާރު ފަށާފައިވާއިރު، މިމުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗްގައި ރާއްޖެ ވާދަކުރާނީ އޮކްޓޯބަރުގެ މަހުގެ އެއްވަނަ ދުވަހު ނޭޕާލާއި ދެކޮޅަށެވެ. ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އޮކްޓޫބަރު މަހުގެ 6ވަނަ ދުވަހުގެ ރޭ ބައްދަލުކުރާނީ ބަންގްލަދޭޝްއާއެވެ. އޮކްޓޫބަރު 8ވަނަ ދުވަހު ހަވީރު ސްރީ ލަންކާއާ ކުޅޭނެއެވެ. އަދި ފަހު މެޗުގައި އޮކްޓޫބަރު 11 ވަނަ ދުވަހުގެރޭ ބައްދަލުކުރާނީ އިންޑިއާއާއެވެ.