ޚަބަރު

ސަލާމަތީ ޚިދުމަތްތަކުގެ މެދުގައި އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުން މުހިންމު: ރައީސް


ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާތަކާއި ކުރިމަތިލުމަށް އެންމެ މުހިންމު ކަމަކީ، ސަލާމަތީ ޚިދުމަތްތަކުން ގުޅިގެން މަސައްކަތްކޮށް އިންޓެލިޖެންސް މައުލޫމާތު ޙިއްޞާ ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި، ބަޑި ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ސިފައިންގެ ޚިދުމަތާއި އަލަށް ގުޅުނު ސިފައިން ހުވާކުރުމާއި، ބަޑި ޙަވާލުކުރުމަށް ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، އަލަށް ސިފައިންގެ ޚިދުމަތާއި ގުޅުނު ސިފައިންނަށް މަރުޙަބާ ދަންނަވާފައެވެ. ރައީސް ވަނީ ދިވެހި ދައުލަތުގެ އެތައް މުއައްސަސާތަކަކާއި އެތައް ވަޒީފާއެއް އޮތްއިރުވެސް، ދިވެހި އަސްކަރިއްޔާއާއި ސިފައިން ގުޅިވަޑައިގަތީ އެސިފައިންގެ ހިތްތަކުގައި، މި ޤައުމާއި ރައްޔިތުން ދިފާޢު ކުރުމުގެ ވަރަށް މަތިވެރި ޢަޒުމަކާއި ރޫޙެއް އޮތުމުންކަން ޔަޤީންކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައި ޢަސްކަރިއްޔާގެ ޚިދުމަތުގައި ސިފައިން ހޭދަކުރާ ކޮންމެ ހިނދުކޮޅެއް ހޭދަކުރަންވާނީ މާތްވެގެންވާ އިސްލާމް ދީނާއި، ޤައުމުގެ މިނިވަންކަމާއި އަމަންއަމާންކަން ރައްކާތެރިކުރުމަށްވުރެ، އިސްކަންދެވޭ އެހެން އެއްވެސް ކަމެއް، ހިތުގައި ނެތި ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސިފައިންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ، ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދިފާޢުކުރުންކަމަށާއި، ރާއްޖޭގެ ޤާނޫނުއަސާސީއާއި ރާއްޖޭގެ ރައްޔިތުން ޙިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށް ވިދާޅުވިއެވެ. އަދި، ޤާނޫނީ ވެރިކަމަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ޤާނޫނީ ވެރިކަން ޙިމާޔަތްކޮށްދިނުމަކީވެސް ސިފައިންގެ އެންމެ މުހިންމު މަސްޢޫލިއްޔަތުކަަމށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިދުވަސްވަރަކީ ޒަމާނީ އޮއިވަރުގެ ތެރެއިން އަންނަ، ޓެރަރިޒަމާއި ދީނީ ހަރުކަށި ފިކުރުގެ ނުރައްކާތަކާ ކުރިމަތިލާންޖެހިފައިވާ، ދުވަސްވަރެއްކަމަށް ވިދާޅުވެ، މިއީ މުޅި ދުނިޔެވެސް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކެއް ކަމަށް ވިދާޅުވިއެވެ. މިކަމުގައި ކުޑަ ޤައުމެއް ބޮޑު ޤައުމެއް ތަފާތެއް ނެތްކަމަށާއި، އެހެންކަމުން، މިފަދަ ފިކުރީ އޮއިވަރުތަކުގެ ސަބަބުން ކުރިމަތިވާ ތަފާތު ގޮންޖެހުންތަކަށް ސިފައިން ހޭލުންތެރިވެ، އެ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރުވުމަކީ މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިދެންނެވި ގޮންޖެހުންތަކާ ކުރިމަތިލާއިރު، އެންމެ މުހިންމު ކަމަކީ، ސަލާމަތީ ޚިދުމަތްތަކުގެ މެދުގައި ގުޅިގެން މަސައްކަތްކޮށް، އިންޓެލިޖެންސް މައުލޫމާތު ޙިއްޞާ ކުރުން. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާކުރުމުގެ އޮނިގަނޑު، މިމަހުގެ 17 ވަނަ ދުވަހު އެކުލަވާލައި، މަޢުލޫމާތު ޙިއްޞާކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ވާނީ ފަށާފައި. އޭގެ އިތުރުން، އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް، ކަމާގުޅޭ އިދާރާތައް ގުޅިގެން މިހާރުވެސް އަންނަނީ ކުރަމުން. އެ މަސައްކަތް އިތުރަށް ހަރުދަނާވުމުން، ޓެރަރިޒަމްގެ ނުރައްކާތައް މިހާރަށްވުރެ ރަނގަޅަށް ވަޒަންކުރެވި، އެފަދަ ކަންކަމާ ކުރިމަތިލުމުގެ ޤާބިލުކަން، ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގައި އިތުރުވެގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސިފައިންގެ މީހެއްގެ ނަން ލިބުމާއެކު، ސިފަވަންތަ އަޚްލާޤުގެ މަތީގައި ސާބިތުވެ ހުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް، އަލަށް ސިފައިންގެ ޚިދުމަތާއި ގުޅުނު ސިފައިންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. ސިފަވަންތަ އަޚްލާޤުގެ އެންމެ މަތިވެރި ސިފައަކީ، ކޮށްފައިވާ ހުވައިގެ މަތީގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ދެމިހުރުންކަމަށާއި، ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއްނެތި، އޯގާތެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތްކުރުމުގެ ރޫޙަކީ އެ އަޚްލާޤުގެ މައިގަނޑު އެއް އަސާސްކަމަށްވެސް ވިދާޅުވިއެވެ.

"ސިފައިންގެ ކޮންމެ މީހަކުވެސް އިސްކަންދޭންވާނީ، އެމީހެއްގެ ޢަމަލާއި ބަހުން، ސިފަވަންތަކަމުގެ އަޚްލާޤާއި ސުލޫކު، އޭގެ އެންމެ މަތީ ދަރަޖައިގައި ތަމްސީލުކޮށްދިނުމަށް. މުޖްތަމަޢުގައި ހިނގާ އެންމެހައި ނޭދެވޭ ކަންކަމުން ދުރުހެލިވެ، އަޚްލާޤީ ގޮތުންނާއި ސުލޫކީ ގޮތުން ނަމޫނާ ބަޔަކަށްވުމަކީ، ސިފައިންގެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ވަރަށް މުހިންމު ސިފަތަކެއް. ދިވެހި ޢަސްކަރިއްޔާގެ ކޮންމެ ޚިދުމަތްތެރިއަކީ، ޤައުމީ ދިފާޢީ ބާރުގެ ހައިބަތާއި ޤަދަރާއި ޝަރަފުގެ މައްޗަށް ހުރި ބެލެހެއްޓުންތެރިއެއް. ޔުނިފޯމް އަޅައިގެން ހުރި ސިފައިންގެ އެންމެ މީހެއްގެ ޢަމަލުތައްވެސް، ސިފަވަންތަ އަޚްލާޤުން ކަސިޔާރުވެއްޖެނަމަ، ދިވެހި ރައްޔިތުންގެ ކުރިމަތީގައި، މުޅި ޢަސްކަރިއްޔާގެ އަގު ވެއްޓިގެން ދިޔުމަކީ ދުރު ކަމެއް ނޫން. ޢަސްކަރިއްޔާގައި ޚިދުމަތް ކުރިޔަސް، ތިޔައީވެސް ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިން. އެހެންކަމުން، ތިޔަ ސިފައިން ފުރިހަމަކުރެއްވި ތަމްރީނުތަކުގައި، މުދައްރިބުން އުނގަންނަވައިދެއްވި ޢިލްމާއި ދެއްވި ތަރުބިއްޔަތުގެ ބޭނުން ހިފަންވީ، މިއަދު ޤައުމަށް ކުރިމަތިވެފައިވާ އެންމެހައި ގޮންޖެހުންތަކުން ޤައުމު ސަލާމަތް ކުރުމަށް."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސިފައިންގެ މީހެއްގެ ފަރާތުން ޤައުމަށް ދެއްކޭނެ އެންމެ ފުރިހަމަ ނަމޫނާއަކަށް ވާނީ، ސިޔާސީ ނުފޫޒުން އެއްކިބާވެ ޤައުމަށް ޚިދުމަތްކުރުމުގައި ދެމިތިއްބުން ކަމަށް ވިދާޅުވިއެވެ. އެކަމަށް ސިފައިންނަށް މަގުދައްކައިދޭނެ އާރުކާޓީއަކީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހި ސިފައިންގެ ޤާނޫނާއި، ސިފައިންގެ ތެރޭގައި ޢަމަލުކުރަމުން އަންނަ އެންމެހައި ޤަވާޢިދުތަކާއި އުޞޫލުތަކާއި ސުލޫކީ މިންގަނޑުތައްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ސިފައިންގެ މީހަކަށް ވުމާއެކު، ދެން މަސައްކަތް ކުރަންވާނީ ޤައުމީ ބަޠަލުންނާ އެއްހަމައެއްގައި ތިމާގެ ނަން ފެވިގެންދާނެ ފަދަ ޚިދުމަތްތަކެއް ދިވެހި ޤައުމަށް ކޮށްދިނުމަށްކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެ ފުރުޞަތު ކޮންމެ ސިފައިންގެ މީހަކަށްވެސް އެބައޮތްކަމަށް ވިދާޅުވެފައެވެ. ދިވެހި ޢަސްކަރިއްޔާގެ ތެރޭގައި ކުރިއަށް ދެވޭނެ ފުރުޞަތުތައް އެބަހުރިކަމަށާއި، ބޭނުންވަނީ ހިތްވަރާއި ޢަޒުމާއެކު، ކެރިގެން ކަންކަމާ ކުރިމަތިލުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އަލަށް ހުވާކުރި ސިފައިންނަކީ ހިތްވަރާއި ސާބިތުކަމާ އެކުގައި، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޤައުމު ދިފާޢުކުރުމުގެ މަތިވެރި ވާޖިބު އަދާކުރުމުގައި، ދެމިތިބޭ ބަޔަކު ކަމުގައިވުމަށް ގޮވާލައްވާފައެވެ. އަދި ސިފައިންގެ ޢާއިލާތަކަށާއި ދިވެހި ޤައުމަށް ރީތި ނަން ހޯދައިދޭ ބަޔަކަށްވުމަށް ރައީސް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.