ޚަބަރު

އެމްއާރުއެމްގެ ފުރަތަމަ ޤައުމީ ޖަލްސާ އޮކްޓޫބަރު 2ގައި


ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ފުރަތަމަ ޤައުމީ ޖަލްސާ އަންނަ އޮކްޓުބަރު މަހުގެ 2ގައި ބާއްވަން އެޕާޓީން ނިންމައިފިއެވެ.

އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ދިނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2ގައެވެ. އަދި އެޕާޓީގެ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވާފައިވަނީ ޤައުމީ ޖަލްސާއެއް ބޭއްވެންދެންނެވެ. އެމްއާރުއެމް އިން ބުނީ ކޯވިޑާއި ގުޅިގެން އެޕާޓީގެ ޤައުމީ ޖަލްސާ ބޭއްވުމަށް ލަސްތަކެއްވެފައިވާކަމަށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތުމުން ޤައުމީ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދޭ މުއްދަތު ހަމަވެފައިނުވާކަމަށެވެ. އެމްއާރުއެމް އިން ބުނީ އެޕާޓީގެ އިންތިގާލީ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވަނީ ޤައުމީ ޖަލްސާ އޮންލައިންކޮށް ބޭއްވުމަށް ކަމަށެވެ.

އެމްއާރުއެމްގެ ޤައުމީ ޖަލްސާގައި މަންދޫބުންގެ ގޮތުގައި ބައިވެރިވުމަށް އެދޭ އެޕާޓީގެ މެންބަރުންނަށް އެ ފުރުޞަތު، މިމަހުގެ 26ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށްވެސް އެމްއާރުއެމް އިން ބުނެއެވެ. އެހެންކަމުން، ޕާޓީގެ ފުރަތަމަ ޤައުމީ ޖަލްސާގައި މަންދޫބުންގެ ގޮތުގައި ބައިވެރި ވުމަށް އެދޭ މެންބަރުން، މަންދޫބަކަށް ވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު ޕާޓީ އޮފީހަށް ހުށަހެޅުމަށް އެޕާޓީން ވަނީ އެދިފައެވެ.

އެމްއާރުއެމްގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ 3048 މެންބަރުންނެވެ.