ޚަބަރު

ފޮނަދޫ ކައުންސިލުން ރައްޔިތުންނަށް ދިން ހަދިޔާ: އެހެން ކައުންސިލްތަކަށް ނަމޫނާއެއް


ރަށްރަށުގެ ކައުންސިލްތަކުން އިސްނަގައިގެން، ރަށަށް ފައިދާވާ މުހިންމު މަޝްރޫޢުތައް ހިންގުމުގެ ފުރުޞަތަކީ މިހާރު ޤާނޫނުން ކައުންސިލްތަކަށް ފަހިވެފައިވާކަމެކެވެ. ރައްޔިތުން ބޭނުންވާ ކަންކަން އެންމެ ގާތުން ދެނެގަނެވޭނެ ބަޔަކީވެސް ރަށުގެ ކައުންސިލެވެ. ލ.ފޮނަދޫގައި ތަނަވަސް ބަނދަރެއް އޮތް ނަމަވެސް އެރަށުގެ ބަނދަރު ބޭނުންކުރާ މީހުން މަޑުކޮށްލައިގެން ތިބެވޭނެ ސަރަޙައްދެއް ނެތުމަކީ ރައްޔިތުންގެ ޝަކުވާއެކެވެ. މިކަން ޙައްލުކޮށްދެއްވުމަށް ލ.ފޮނަދޫ ކައުންސިލުން ޚަރަދުކޮށްގެން އެރަށުގައިވަނީ ފުރިހަމަ ފެރީ ޓަރމިނަލެއް ތަރައްޤީކޮށްފައެވެ.

ލ.އަތޮޅު ފޮނަދޫއަކީ އެކިއެކި ބޭނުންތަކުގައި ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު އަރާ ފައިބާ ރަށެކެވެ. ފުނަދޫއަކީވެސް 3000އާ ގާތްކުރާ އާބާދީއެއް އޮންނަ ރަށެކެވެ. ބޮޑު، ފަސޭހަ ބަނދަރަކާއެކު ރަށަށް އަރާ ފޭބުމުގެ ނިޒާމު ފަސޭހަ ނަމަވެސް، ރަށުގެ ބަނދަރު ސަރަޙައްދުގައި މަޑުކޮށްލައިގެން ތިބޭނެ ތަނެއް ނެތުމަކީ ރަށުގެ ރައްޔިތުންގެވެސް އަދި ރަށަށް އަރާ ފައިބާ މީހުންގެވެސް ބޮޑު ޝަކުވާއަކަށް އޮންނަނީ ވެފައެވެ. ބަނދަރު ސަރަޙައްދަކީ އެތަނުގައި އެކަށީގެންވާ ޚިދުމަތްތަކާއެކު ރައްޔިތުންނަށް ބޭނުންކުރަން ފަސޭހަ ސަރަޙައްދަކަށް ހަދައިދިނުމަށް ފުނަދޫ ކައުންސިލުންވަނީ ބޮޑު މަޝްރޫއެއް ހިންގާފައެވެ.

އެގޮތުން މިމަޝްރޫޢުގެ ދަށުން ފޮނަދޫ ބަނދަރު ސަރަޙައްދުގައި، ކައުންސިލްގެ އިސްނެގުމަށް ތަރައްޤީކުރި ފެރީ ޓަރމިނަލްގެ ޚިދުމަތް މިހާރު މިވަނީ ފަށާފައެވެ.

ގިނަ ޚިދުމަތްތަކާއެކު ހިތްގައިމު ފަރުމާއަކަށް ހަދާފައިވާ ފެރީ ޓަމިނަލަކީ ރަށާއި، ރަށަށް އަރާ މީހުންގެވެސް އުއްމީދާ ގުޅިފައިވާ މުހިންމު މަސައްކަތެކެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަޙުމަދު ރިއާޟް ޕީއެސް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ފެރީ ޓަރމިނަލެއް ނެތުމުގެ ދަތިކަން ރައްޔިތުންނަށް މިހާތަނަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަމަށެވެ.

ފެރީ ޓަރމިނަލް ހެދުމުގެ މަސައްކަތަކީ ކައުންސިލުން އިސްނަގައިގެން، ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. ރިޔާޟް ވިދާޅުވީ ފެރީ ޓަރމިނަލެއް ހެދުމުގެ ވިސްނުން ގެންގުޅޭތާ ދެ އަހަރެއްހާ ދުވަސް ވެއްޖެކަމަށެވެ. ފެރީ ޓަރމިނަލްގެ ޢަމަލީ މަސައްކަތް ފެށީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. ހުރިހާ މަސައްކަތްތައް ނިންމާ މިހާރުވަނީ އާއްމުންނަށް ބޭނުންކުރަން ހުޅުވާލާފައެވެ.

"އަތޮޅުގެ ދެކުނު ބިތުގެ ރަށްތަކުން އެކި ބޭނުންތަކުގައި ފުނަދުއަށް ގިނަ ބަޔަކު އާދޭ. އެމީހުން އައިސް ބަނދަރުގައި ތިބެނީ ވަރަށް ދަތި ހާލުގައި. އަވީގަ ހޫނުގަ، ވިއްސާރަނަމަ ހިޔަލެއް ނެތި. ފާޚާނަކޮށް، ކުޑަކުއްޖަކު ނެޕީ ބަދަލުކޮށްލާނެ ތަނެއްވެސް ނެތް." ކައުންސިލްގެ ރައީސް ރިޔާޟް ވިދާޅުވިއެވެ.

ރިޔާޟް ވިދާޅުވީ ފެރީ ޓަރމިނަލް ތަރައްޤީކޮށްފައިވާނީ އެފަދަ ސަރަޙައްދަކުން އާއްމުންނަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތަކާއެކުކަމަށެވެ. ޖާގައިގެ ގޮތުން ބަލާއިރު، ޓަރމިނަލަކީ 50މީހުންނަށް އެއްފަހަރާ ބޭނުންކުރެވޭ ޓަރމިނަލެކެވެ.

"ސީޓްތައް މިވަގުތު ހުރި މިންވަރުންވެސް 40-50މީހުނަށް ތިބެވޭނެ. ދެ ޖިންސަށް ޚާއްސަ ފާޚާނާ ހުންނާނެ. ކުޑަކުދިންނަށް ގާތުން ދެވޭނެ ރޫމަކާ، މިސްކިތްވެސް ހުންނާނެ." ރިޔާޟް ވިދާޅުވިއެވެ.

ޓަރމިނަލްގެ ވެއިޓިން އޭރިއާވެސްވަނީ އެއަރ ކޮންޑިޝަންކޮށްފައެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ޓަރމިނަލްގައި، އާއްމުކޮށް ބޭނުންކުރާ ތަކެތި ވިއްކާ ފިހާރައެއް ހުޅުވުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށާއި ފިހާރަ ހިންގާނެ ބަޔަކު ހޯދުމަށް މިހާރު އިޢުލާންކޮށްފައިވާ ކަމަށެވެ.

ލ.ފުނަދޫގައި ކައުންސިލުން ތަރައްޤީކުރި ފެރީ ޓަރމިނަލަކީ ކައުންސިލްގެ ބަޖެޓުން މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.