ޚަބަރު

މަހުލޫފަށް ފުރުސަތު ނުދިން ސަބަބު ސާފުކޮށްދިނުމަށް އިލެކްޝަނުން އެދިއްޖެ


އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް ކުރިމަތިލުމަށް ފުރުސަތު ނުދެއްވި ސަބަބު ސާފުކޮށްދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީގައި އެދިއްޖެއެވެ.

ސިޔާސީ ޕާޓީތަކުގެ ބަލަދުވެރި ފަރާތުގެ ހައިސިއްޔަތުން ޕާޓީތަކުން ހުށަހަޅާ މައްސަލަތަކާއި، މެމްބަރުންގެ އެކި މައްސަލަތައް ހައްލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާއިރު މަހުލޫފަށް ވާދަކުރަން ފުރުސަތު ނުދިން ސަބަބާއި، އެމްޑީޕީން ނިންމާވައިވާ ނިންމުން ސާފުކޮށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިއަދު އެމްޑީޕީއަށް ސިޓީއަކުން ދަންނަވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގް ވިދާޅުވީ މިމަހުގެ 24 ވަނަ ދުވަހު މަހުލޫފަށް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދީފައިނުވާކަމަށް ބުނެ ހުށަހެޅި ކަންކަމަށް ބެލުމަށްފަހު އެމްޑީޕީން މިކަމުގައި އަމަލުކޮށްފައިވާ ގޮތެއް ބެލުމަށް މިއަދު އެދިފައިވާކަމަށެވެ. އަދި މަހުލޫފްގެ ސިޓީގައި އޭނާއަކީ ކުށްވެރިއެއް ނޫންކަމަށާއި، ޤާނޫނު އަސާސީއާއި، ޤާނޫނުތަކުންވެސް ހުކުމެއް ނެތް ހާލަތެއްގައި ވާދަކުރުމުގެ ފުރުސަތު ދޭންޖެހޭކަމަށް ބުނެފައިވާކަމަށް ފުއާދު ވިދާޅުވިއެވެ. ފުއާދު ވިދާޅުވީ މަހުލޫފްގެ ވާހަތަކާއި ގުޅިގެން މިކަމުގައި އެމްޑީޕީން އަމަލުކޮށްފައިވާ ގޮތެއް ބެލުމަށް އެދިފައިވާނެކަމަށެވެ.

އެމްޑީޕީން ވަނީ އެޕާޓީގެ އެތެރޭގެ އިންތިޚާބުގައި އެސެޓް ރިކަވަރީ ކޮމިޝަނާއި، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ބަލާ މައްސަލައެއްގައި ތުހުމަތު ކުރެވޭ އެއްވެސް ބޭފުޅަކަށް ވާދަ ނުކުރެވޭނެކަމަށް ނިންމާފައެވެ. މީގެ އިތުރުން އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ ފަރާތްތަކަށްވެސް ވާދަ ނުކުރެވޭނެ ކަމަށް ވަނީ ނިންމާފައެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު އަންނަ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީން ވަނީ ނިންމާފައެވެ.